12 ޖެނުއަރީ 2021 - 13:59

ޖަކާޓާ (ޖެނުއަރީ 12) - އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާ އިން ފުރިތާ އިރުކޮޅެއްގެ ތެރޭގައި ކަނޑަށް ވެއްޓުނު ސްރިވިޖާޔާ އެއާގެ މަތިންދާ ބޯޓުގެ ކަޅުފޮށި ހޯދަން ބޭނުންކުރި އާލާތް ހަލާކުވެއްޖެ އެވެ.
އޮފިޝަލުން ބުނީ މިހާރު މަސައްކަތް ކުރަނީ އާ ސާމާނު ސިންގަޕޫރުން ގެންދިއުމަށް ކަމަށެވެ.
ބޯނިއޯ އައިލެންޑަށް މިދިޔަ ހޮނިހިރު 62 މީހުންނާ އެކު ދަތުރުކުރި ބަޖެޓް އެއާލައިންގެ ބޯޓު ރާޑަރުން ގެއްލުނީ ޖަކާޓާ އިން ފުރިތާ ހަތަރު މިނިޓް ފަހުންނެވެ. ސާޗް ޓީމުތަކުން މިހާރު ވަނީ މަތިންދާ ބޯޓުގެ ބައެއް ބައިތަކާއި އިންސާނުންގެ ހަށިގަނޑުގެ ބައިތައް ހޯދައިފަ އެވެ.
ޑައިވަރުން ވަނީ ފްލައިޓް ޑޭޓާ ރެކޯޑަރާއި ކޮކްޕިޓް ވޮއިސް ރެކޯޑަރު އޮތް ތަން ދެނެގަންފަ އެވެ.
ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ދަނީ 3،600 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވަމުންނެވެ.
އޭވިއޭޝަން ތަޖްރިބާކާރުން ބުނެފައި ވަނީ މަތިންދާ ބޯޓު އެކްސިޑެންޓްތަކުގައި ކަންހިނގި ގޮތް ސާފުވާން އެންމެ މުހިންމު މައުލޫމާތެއް ލިބޭނީ ކަޅުފޮށިން ކަމަށެވެ.
ބޯޓު ވެއްޓިފައި އޮތީ 23 މީޓަރު (75 ފޫޓް) އަޑީގަ އެވެ. އެ ސަރަހައްދުގެ އޮއިބާރުވުމާއި މޫސުން ގޯސްވުމުގެ ސަބަބުން ޑައިވަރުންނަށް ފީނަން ވަނީ ދަތިވެފަ އެވެ. އެހެންވެ ކަޅުފޮށި ހޯދަން ދަނީ ޚާއްސަ އާލާތެއް ބޭނުން ކުރަމުންނެވެ. ބޯޓުގެ ކަޅުފޮށިން ސިގްނަލް ލިބޭ ސަރަހައްދު ދެނެގަނެވިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
ވެއްޓުނު ބޯޓު ޖަކާޓާ އިން ފުރީ ހޮނިހިރު ދުވަހު މެންދުރު ފަހު އިންޑޮނީޝިއާ ގަޑިން 14:36 ގަ އެވެ. ބޯޓާ އެންމެ ފަހުން ގުޅިފައިވާ ކަމަށް ރެކޯޑްކޮށްފައި ވަނީ 14:40 ގަ އެވެ. ޖަކާޓާ އިން ޕޮންޓިއަނަކަށް ދަތުރުކުރަން އާއްމުކޮށް ނަގަނީ 90 މިނިޓެވެ. ފްލައިޓް ޓްރެކިން ވެބްސައިޓަކުން ބުނެފައިވާ ގޮތުގައި ބޯޓު ވަނީ މިނިޓެއްހާއިރު ތެރޭ 3،000 މީޓަރު (10،000 ފޫޓް) އަށް ތިރިވެފަ އެވެ.
ވެއްޓުނު ބޯއިން 737-500 ބޯޓުގެ ރަޖިސްޓްރޭޝަންގައިވާ ގޮތުގައި އެއީ 26 އަހަރުވެފައިވާ ބޯޓެވެ. އެއާލައިނުގެ ޗީފް އެގްޒެކެޓިވް ޖެފަސަން އިރްވިން ޖައުވެނާ ވިދާޅުވި ގޮތުގައި ބޯ ވިއްސާރައިގެ ސަބަބުން ބޯޓު ފުރުން 30 މިނިޓަށް ލަސްކުރަން ޖެހުނެވެ. ސީއީއޯ ވިދާޅުވީ ކުރިން އެމެރިކާގެ ކޮންޓިނެންޓަލް އެއާލައިންސް އަދި ޔުނައިޓެޑް އެއާލައިންސްގައި ބޭނުންކުރި ބޯޓު އޮތީ ދަތުރު ކުރަން ރަނގަޅު ހާލަތުގައި ކަމަށެވެ.
ނަމަވެސް އެއީ ބޯއިން 737 މެކްސް މަރުކާގެ ބޯޓެއް ނޫނެވެ. ދާދިފަހުން ވަނީ އެ މަރުކާގެ ބޯޓުތަކުގެ ދެ އެކްސިޑެންޓެއް ހިނގައިފަ އެވެ. އޮކްޓޯބަރު 2018 ގައި ލަޔަން އެއާގެ ބޯއިން 737 މެކްސްގެ ބޯޓެއް ޖަކާޓާ އިން ފުރިތާ 12 މިނިޓް ފަހުން ވެއްޓި 189 މީހުން މަރުވި އެވެ. އޭގެ ފަހުން ވަނީ 737 މެކްސްގެ ބޯޓެއް އިތިއޯޕިއާ ވެއްޓުމުން، އެ މަރުކާގެ ހުރިހާ ބޯޓެއް ގްރައުންޓް ކުރަން ޖެހިފަ އެވެ.
ސްރިވިޖާޔާ އެއާގެ ބޯޓު ގެއްލިފައި ވަނީ ޖަކާޓާގެ އުތުރުން 20 ކިލޯ މީޓަރު (12 މޭލު) ދުރުންނެވެ.
އިންޑޮނީޝިއާގެ އިތުރުން ސައުތުއީސްޓް އޭޝިއާގެ މަންޒިލްތަކަށް 2003 ވަނަ އަހަރު ދަތުރުތައް ފެށި އެއާލައިނުގެ ބޯޓަކަށް މީގެ ކުރިން މިފަދަ ނުރައްކާ ހާދިސާއެއް ދިމާވެފައެއް ނުވެ އެވެ. ނަމަވެސް ރަންވޭ އިން ބޯޓު ކަހާލުން ފަދަ އެކްސިޑެންޓްތައް ހިނގާފައިވެ އެވެ.