އުމުރުން 53 އަހަރުގައި ކޮންޓްރެކްޓް އާކޮށްފި
އުމުރުން 53 އަހަރުގައި ކޮންޓްރެކްޓް އާކޮށްފި

ޔޮކަހާމާ (ޖެނުއަރީ 12) – ޖަޕާނުގެ ޖޭ ލީގުގެ ޔޮކަހާމާ އެފްސީގެ ފޯވާޑް ކަޒުޔޯޝީ މިއުރާ އުމުރުން 53 އަހަރުގައި އެ ޓީމުގެ ކޮންޓްރެކްޓް އާކޮށްފި އެވެ.

އަންނަ މަހު ޖަޕާން ލީގު ފެށުމުގެ ކުރިން މިއުރާ އަށް 54 އަހަރު ފުރޭނެ އެވެ. އޭނާ 2017 ވަނަ އަހަރު އުމުރުން 50 އަހަރުގައި ޖަޕާން ލީގުގައި ޖެހި ލަނޑާ އެކު ވެފައިވަނީ އެ ލީގުގައި ލަނޑު ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އަށެވެ.

އޭގެ ފަހުން އޭނާ އަށް މިދިޔަ ތިން އަހަރު ގޯލެއް ޖެހިފައެއް ނުވެ އެވެ. އެކަމަކު އެ އުމުރުގައި ޕްރޮފެޝަނަލް ޓީމަކަށް ކުޅެމުން އަންނާތީވެ ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.

"ފުޓްބޯޅަ އަށް އަހަރެންގެ އޮތް ލޯބި އަންނަނީ ބޮޑުވަމުން،" މިއުރާ ބުންޏެވެ.

ބްރެޒިލްގެ ސަންތޯސް އިން 1986 ވަނަ އަހަރު ކެރިއަރު ފެށި މިއުރާ ވަނީ އިޓަލީގެ ޖެނޯއާ އަށް 1994 ގައި ކުޅެފަ އެވެ. އޭނާ އަންނަނީ 2005 އިން ފެށިގެން ޔޮކާހާމާ އަށް ކުޅެމުންނެވެ. އޭނާ ވަނީ ޖަޕާން ގައުމީ ޓީމަށް 1990-2000 އަށް ކުޅެ 89 މެޗުން 55 ގޯލް ޖަހައިދީފަ އެވެ. އޭނާ ވަނީ ޖަޕާނާ އެކު 1992 ވަނަ އަހަރު އޭޝިއަން ކަޕް ކާމިޔާބުކޮށްފަ އެވެ.