12 ޖެނުއަރީ 2021 - 13:05

ކުއާލަ ލަމްޕޫރު (ޖެނުއަރީ 12) - މެލޭޝިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ރަސްގެފާން މިއަދު އިއުލާންކުރައްވައިފި އެވެ.

ކުއްލި ހާލަތު އިއުލާންކޮށްފައި މި ވަނީ މެލޭޝިއާގެ ބޮޑު ބައެއް މާދަމާ އިން ފެށިގެން ލޮކްޑައުންކުރާކަން ބޮޑުވަޒީރު މުހްޔިއްދީން ޔާސީން އިއްޔެ އިއުލާން ކުރައްވާފައި ވަނިކޮށެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަނީ މެލޭޝިއާގައި ވައިރަސް ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިގެން އުޅެނީ ވެރިކަން ހޯދުމަށް ސަރުކާރުގެ ތެރޭގައި އޮތް ކޯޅުމުގެ ސަބަބުން ކަމަށެވެ.
ރަސްގެފާން ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހު ކުއްލި ހާލަތު މިއަދު އިއުލާން ކުރެއްވީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމަށް ވުރެ ބޮޑަށް ސަރުކާރު ހިމާޔަތް ކުރުމުގެ ބޭނުމުގައި ކަމަށް ވެސް ސިޔާސީ ތަޖްރިބާކާރުން ބުނެ އެވެ. ކުއްލި ހާލަތު އިއުލާން ކުރުމަށް ރަސްގެފާނަށް ދަންނަވާފައި ވަނީ ބޮޑުވަޒީރު މުހްޔިއްދީން ޔާސީނެވެ. ދެ ބޭފުޅުން ހޯމަ ދުވަހު ވަނީ ރިޔާސީ ގަނޑުވަރުގައި ބައްދަލު ކުރައްވައިފަ އެވެ.
އޮގަސްޓް 1 ވަނަ ދުވަހާ ހަމައަށް ކުއްލި ހާލަތު އިއުލާން ކުރުމުން އެ މުއްދަތުގައި ޕާލަމެންޓް ސަސްޕެންޑްކޮށް، އިންތިޚާބެއް ވެސް ނުބޭއްވޭނެ ކަމަށް މުހްޔިއްދީން ވަނީ ގައުމީ ޓީވީގައި ވިދާޅުވެފަ އެވެ. ބައެއް ފަރާތްތަކުން ބުނަނީ މިއީ މުހްޔިއްދީންގެ 10 މަސް ދުވަސްވީ ސަރުކާރު ވެއްޓިދާނެހެން ހީވުމުން އެޅި ފިޔަވަޅެއް ކަމަށެވެ. ކުއްލި ހާލަތު އިއުލާންކުރިއިރު ވަނީ ކޯލިޝަން ސަރުކާރުގެ ބައެއް ބައިވެރިން ތާއީދު އަނބުރާ ގެންދާނެކަމުގެ އިންޒާރު ދީފަ އެވެ. ކޯލިޝަން ރޫޅިއްޖެ ނަމަ އަވަސް އިންތިޚާބެއް ބާއްވަން ޖެހޭނެ އެވެ.
"ކުއްލި ހާލަތު އިއުލާން ކުރުމަކީ އަސްކަރީ ބަޣާވާތެއް ގެނައުމެއް ނޫން. މެލޭޝިއާގެ މަދަނީ ސަރުކާރު ދެމިއޮންނާނެ،" މުހްޔިއްދީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެލޭޝިއާގައި ކޮރޯނާވައިރަސް ކޮންޓްރޯލްވުމުން އާ އިންތިޚާބަކަށް ފުރުސަތު ދޭނެ ކަމަށެވެ.
މެލޭޝިއާގައި ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތައް އަޅައިގެން މިދިޔަ އަހަރު ވަނީ ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް ސަބާ ސްޓޭޓުގައި މިދިޔަ އަހަރު ބޭއްވި އިންތިޚާބަށް ފަހު ކޭސްތައް ވަނީ އިތުރުވާން ފަށައިފަ އެވެ.
ބޮޑުވަޒީރު ވިދާޅުވީ ކުއްލި ހާލަތު އިއުލާންކުރުމަކީ، ވައިރަސް ފެތުރޭ މިންވަރު އިތުރުވެ ސަރުކާރުގެ ހޮސްޕިޓަލްތައް ފުރޭތީ، ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ކޮންޓްރޯލް ހޯދުމަށް ފަސޭހަވާނެ ކަމެއް ކަމަށެވެ. ސިފައިންނާއި ފުލުހުންގެ ބޭނުން ވެސް އިތުރަށް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ބޮޑުވަޒީރު ވިދާޅުވީ ކޭސްތައް މަދުވެއްޖެ ނަމަ އޮގަސްޓް 1 ގެ ކުރިން ވެސް ކުއްލި ހާލަތު އުވާލާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ގަދަބާރުން މުހްޔިއްދީން އިތުރަށް ވެރިކަމުގައި ހުންނެވުމަށް ކަމަށެވެ. ވައިރަސް ކޮންޓްރޯލް ކުރުމަށް ވުރެ ބޮޑަށް ބޮޑުވަޒީރު ބޭނުން ވަނީ ޕާލަމެންޓުގެ މަސައްކަތް ހުއްޓުވައި އިންތިޚާބެއް ބޭއްވުމުގެ ފުރުސަަތު ނުދިނުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދުގެ ދަރިކަނބަލުން މަރީނާ މަހާތިރު ވިދާޅުވީ ކުއްލި ހާލަތު އިއުލާން ކުރުމަކީ މެލޭޝިއާ ސަރުކާރު ފެއިލްވުން ކަމަށެވެ.
މެލޭޝިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން މުހްޔިއްދީން ފުރަތަމަ މަސައްކަތް ކުރެއްވީ މިދިޔަ އޮކްޓޯބަރު މަހު އެވެ. ނަމަވެސް ރަސްގެފާން އެ ފަހަރު ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ.
މެލޭޝިއާގައި އެންމެ ފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ 1969 ވަނަ އަހަރު އެވެ. އެ ފަހަރު ކުއްލި ހާލަތު އިއުލާން ކުރަން ޖެހުނީ ނަސްލީ ހަމަނުޖެހުމުގެ ލޭއޮހޮރުވުން ބޮޑުވުމުންނެވެ.
މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން މެލޭޝިއާ ވަނީ ސިޔާސީ ހަމަނުޖެހުންގަނޑެއްގެ ތެރޭގަ އެވެ. އިސްލާހަށް މަސައްކަތް ކުރަން ގާއިމްކުރި ސަރުކާރު ބައިބައިވެ، ބޮޑުވަޒީރު މަހާތިރު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އިންތިޚާބަކައި ނުލައި މުހްޔިއްދީން ވެރިކަމަަށް ވަޑައިގަތް ހިސާބުން ސިޔާސީ ހުޅުވަނީ ފަޅައިގެން ގޮސްފަ އެވެ.