އެފްއޭ ކަޕްގައި ޔުނައިޓެޑާއި ލިވަޕޫލްގެ ކުރިމަތިލުމެއް
އެފްއޭ ކަޕްގައި ޔުނައިޓެޑާއި ލިވަޕޫލްގެ ކުރިމަތިލުމެއް

ލަންޑަން (ޖެނުއަރީ 12) - އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި، އިނގިރޭސި ފުޓްބޯޅައިގެ އެންމެ ޒަމާންވީ ވާދަވެރި ދެ ކްލަބް ކަމަށް މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރަންޖެހިއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހު ލިވަޕޫލުން އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭނެ އެވެ. އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޔުނައިޓެޑް ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މި މަހު 23 ނޫނީ 24 ވަނަ ދުވަހު އެެވެ. މިއާ އެކު އަށެއްކަ ދުވަހުގެ ތެރޭގައި ޔުނައިޓެޑާއި ލިވަޕޫލްގެ ދެ މެޗެއް ފެނިގެންދާނެ އެވެ.

ލިވަޕޫލުން އެންމެ ފަހުން އެފްއޭ ކަޕް ކާމިޔާބުކުރީ 2006 ވަނަ އަހަރު އެވެ. ޔުނައިޓެޑުން ވަނީ 2016 ވަނަ އަހަރު ލުއީ ވެން ހާލްގެ ކޯޗުކަމުގައި އެފްއޭ ކަޕް އުފުލާލައިފަ އެވެ. މިދިޔަ ސީޒަނުގައި އެފްއޭ ކަޕްގެ ސެމީ ފައިނަލުން ޔުނައިޓެޑް ބަލިވީ ޗެލްސީ އަތުންނެވެ.

ޔުނައިޓެޑާއި ލިވަޕޫލަކީ މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ އަދި ދެ ވަނައިގައި އޮތް ދެ ޓީމެވެ. ލީގުގައި މިރޭ ރަށުން ބޭރުގައި ޔުނައިޓެޑުން ބާންލީ އަތުން ބަލިނުވެ ފަރުޖައްސާލައިގެން ވެސް ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ.

ކޮވިޑް-19އާ ހެދި އެފްއޭ ކަޕްގެ މެޗުތައް ޝެޑިއުލްކުރުމުގެ ފަސޭހައެއްގެ ގޮތުން ހަތަރު ވަނަ ބުރާއި ފަސް ވަނަ ބުރުގެ ގުރުނެގުން ގެންދިޔައީ އެއްކޮށެވެ. ޔުނައިޓެޑާއި ލިވަޕޫލްގެ ތެރެއިން ހަތަރު ވަނަ ބުރު މޮޅުވާ ޓީމެއް ފަސް ވަނަ ބުރުގައި އަމިއްލަ ދަނޑުގައި ކުޅޭނީ ވެސްޓް ހޭމް އާއި ޑޮންކާސްޓާ ތެރެއިން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް ހަތަރު ވަނަ ބުރުގައި ރަށުން ބޭރުގައި ކުޅޭނީ ސައުތެމްޓަން އާއި ޝްރިއުސްބަރީ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ހަތަރު ވަނަ ބުރުގައި ބައްދަލުކުރާނީ ޗެލްޓެންހަމް ޓައުންއާ އެވެ. އަދި ޗެލްސީ ނުކުންނާނީ ލޫޓަން ޓައުންއާ ދެކޮޅަށެވެ.