12 ޖެނުއަރީ 2021 - 11:42

ޑޮމެސްޓިކް އެއާލައިންތަކުގައި ދަތުރުކުރާ ބައެއް ޓޫރިސްޓުން މާސްކު ނާޅާ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
"މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައި އޭނާއާ އެކު ދަތުރު ކުރި ޓޫރިސްޓުންތައް ފްލައިޓް ތެރޭގައި ތިބީ މާސްކު ނާޅަ އެވެ. އަދި އެކަން ކެބިން ކްރޫންގެ ސަމާލުކަމަށް ގެނައުމުން ވެސް ފިޔަވަޅު އަޅާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
އެއާލައިންތަކުގެ އިތުރުން ބައެއް ޑޮމެސްޓިކް އެއާޕޯޓުތަކުގައި ވެސް ޓޫރިސްޓުން މާސްކް ނާޅާ އުޅޭ ކަމަށް އޭނާ ބުންޏެވެ. އޭނާ ދަތުރު ކުރި ބައެއް އެއާޕޯޓުތައް ކަމަށްވާ، ލ. ކައްދޫ އެއާޕޯޓާއި ގދ. ކާޑެއްދޫ އެއާޕޯޓުގައި ޓޫރިސްޓުން މާސްކު ނާޅައި އުޅުނު ކަމަށް އޭނާ ބުންޏެވެ.
"ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ދިވެހިންނާއި ޓޫރިސްޓުންނާއި ތަފާތު ކުރާކަން. މޯލްޑިވިއަން ފްލައިޓެއްގައި އަޅުގަނޑާ އެކު ދިޔަ އެހެން ދިވެހި މީހަކު މާސްކު ނެގީމަ ކެބިން ކްރޫންނަށް ބުނެވުނު މާސްކު އަޅަން. އެކަމަކު މުޅި ދަތުރުގައި ޓޫރިސްޓުން މާސްކު ނާޅައި ތިބި އިރު ނުބުނޭ،" މިހާރު އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ރާއްޖޭގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ވަނީ ދަތުރުފަތުރު ކުރާ މީހުން މާސްކު އެޅުން މަޖުބޫރު ކޮށްފަ އެވެ. މި ގަވާއިދަށް އަމަލު ނުކުރާ މީހުންނަށް އެއާލައިންތަކުން ދަތުރު ވެސް ނުކުރެވެ އެވެ.
މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ އެ އެއާލައިނުން ކަނޑައަޅާފައިވާ ގަވާއިދުތަކަށް، މުވައްޒަފުން ފުރިހަމަ އަށް ބޯލަނބާނެ ކަމަށެވެ. އަދި މާސްކު އެޅުމަކީ މަޖުބޫރު ކަމަކަށްވާއިރު އެ އެއާލައިންގެ އެއްވެސް މުވައްޒަފަކު އެ އެންގުމާ ހިލާފުނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގައިޑްލައިންތަކަށް ވަރަށް ރަނގަޅަށް ފޮލޯކުރަން. އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން އެކަހަލަ ކަމެއް ވާނެ ކަމަކަށް،" މޫސަ ވިދާޅުވި އެވެ.
ރާއްޖެ އަށް އަންނަ ޓޫރިސްޓުން މާސްކު ނާޅާކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ދާދި ފަހުން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން، ރާއްޖެ އަށް އައި ޕާކިސްތާނުގެ ޓިކްޓޮކް ތަރިއެއް ކަމަށްވާ ފިޒާ ހުސައިން (ހަރީމް ޝާ) މާސްކު ނާޅައި ހުރެ ވީއައިއޭގައި ހުރި ފުލުހަކާ ދިމާލަށް ވައްތަރު ޖައްސާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާއްމުވެފަ އެވެ.