13 ޖެނުއަރީ 2021 - 07:52

އާއިލާ އަށް ކުރިމަތިވި ވަރަށް ދަތި ވަގުތުތަކުގައު ފައިސާ ހޯދަން މަޖުބޫރުވެގެން ހަމައެކަނި ފައިސާގެ ބޭނުމުގައި ވެސް ފިލްމުތަކެއް ކުޅުނު ކަމަށާއި އާއިލާއަށްޓަކައި ކުރަން ޖެހޭ ކަމަކަށް ދުވަހަކު ވެސް ފަސްނުޖެހޭނެ ކަމަށް އެކްޓަރު އަނިލް ކަޕޫރް ބުނެފި އެވެ.
އުމުރުން 64 އަހަރު ވެފައި ވިޔަސް އަދިވެސް ކާމިޔާބު އަދި ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ "އަބަދަށް ޒުވާން" އަނިލް، ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަކީ އަބަދު ވެސް އާއިލާ ދެކެ ވަރަށް ލޯބިވާ، އާއިލީ ޒިންމާތައް ހަނދާން ނައްތާ ނުލާ މީހެއް ކަމަށެވެ.
އެހެންވެ މާލީ ގޮތުން ދަތިވާ ދަނޑިވަޅުތަކުގައި ވެސް އާއިލާއަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން އަބަދު ވެސް ސާބިތުވެ ހުންނާނެ ކަމަށް ބުންޏެވެ. ހަމައެކަނި ފައިސާގެ ބޭނުމުގައި ފިލްމުތަކެއް ކުޅުނު ވާހަކަ އަނިލް މިހާރު ބުންޏަސް، އޭނާ އަކީ މިހާރު ބޮލީވުޑްގައި އެންމެ ފުދިގެން އުޅޭ އެއް އެކްޓަރެވެ. ދަރިން ތިބީ ބޮޑެތިވެފަ އެވެ. އެ މީހުން ތިބީ މަސައްކަތުގެ މައިދާނުގަ އެވެ. އަނިލް ހުރީ ފިލްމީ މަސައްކަތުގައި ދެގޮތެއް ނުވެ ސާބިތުވެ އެވެ. އެކްޓްކުރުމުގެ އިތުރަށް އޭނާ އަކީ މިހާރު އަމިއްލަ ޖީބުން ހަރަދުކޮށްގެން ފިލްމުތައް ޕްރޮޑިއުސް ވެސް ކުރާ ފަންނާނެކެވެ.
ފިލްމީ ތަރިން ކަމަށްވާ ސޯނަމް ކަޕޫރާއި ހާޝްވަރްދަން ކަޕޫރް އަދި ޕްރޮޑިއުސަރު ރިއާ ކަޕޫރްގެ ބައްޕަ ބުނިގޮތުގައި އޭނާ ހަމައެކަނި ފައިސާގެ ބޭނުމުގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި އަންދާޒް (1994) އާއި ހީރު ރާންޖާ (1992) ހިމެނެ އެވެ.
އަނިލް ބުނި ގޮތުގައި އޭނާގެ ބޭބެ ބޯނީ ކަޕޫރް ޕްރޮޑިއުސްކުރި ފިލްމު "ރޫޕް ކީ ރާނީ ޗޯރޯން ކާ ރާޖާ" އަށް މާލީ ގޮތުން ދިމާވި ވަރަށް ގިނަ ދަތިތަކާ ހެދި އެ ފިލްމު ރިލީޒްނުކުރެވި ވަރަށް ގިނަ ދުވަސްތަކެއް ވުމަށް ފަހު، އެ ފިލްމު 1993 ގައި ގެނެސްދެވުނު އިރު އާއިލާ އޮތީ ވަރަށް ބޮޑު ތާށިކަމެއްގެ ތެރޭގަ އެވެ. އެ ފިލްމަކީ އަނިލް އާއި ސްރީދޭވީ ކުޅުނު ފިލްމެކެވެ.
"ދުވަސްތަކެއް ވަންދެން ވަރަށް ދަތިކޮށް އުޅެން ޖެހުނު. އެހެންވެ މަޖުބޫރުވި ފިލްމުތަކެއް ހަމަ ފައިސާގެ ބޭނުމުގައި ކުޅެން. އެ ވާހަކަ ދައްކާކަށް އަހަރަން ޖެހިލުމެއް ވެސް ނުވޭ،" އަނިލް ބުންޏެވެ. "އަހަންނަކީ އާއިލާ އަށް ދިމާވާ ކަންކަމުގައި ކުރަން ޖެހޭ ކަންކަން ކުރަން އެއްވެސް އިރެއްގައި ދެވަނަ ވިސްނުމަކަށްދާނެ މީހެއް ނޫން. އެ ވަގުތު ފައިސާ ހޯދެން އޮތް ގޮތަކަށް އަހަރެން މަސައްކަތް ކުރާނަން."
ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ހުނަރުވެރި ބަތަލު ބުނި ގޮތުގައި މިހާރު ވެސް އޭނާ އަކީ އާއިލާ އަށް ކުރިމަތުވެދާނެ އުނދަގޫތަކާ ދޭތެރޭ ވަރަށް ފިކުރުކުރާ މީހެކެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި އެ ވަގުތަކު ހާލަތު ނިޔާކުރާ ގޮތަކަށް ތަބާވާން ޖެހޭނެ. އަދި އެފަދަ ދަނޑިވަޅުތަގައިި ނިންމަން ޖެހޭ ނިންމުންތައް ނިންމުމުގެ ގަޓް ވެސް ހުންނަ މީހަކަށް ވާން ޖެހޭނެ،" އަނިލް ބުންޏެވެ. "އަހަންނަށް އާއިލާ އަބަދު ވެސް ވަރަށް މުހިއްމު ވާނެ."
މިދިޔަ މަހު ނެޓްފްލިކްސް އިން ސްޓްރީމްކުރި "މަލަންގް" އާއި "އޭކޭ ވާސަސް އޭކޭ" އިން ފެނުނު ބަތަލުގެ އަތުގައި މިވަގުތު ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ "ތަޚުތު" އާއި "ޖުގް ޖުގް ޖިއޯ" އަދި ސަންދީޕް ރެޑީ ވަންގާގެ "އެނިމަލް" ފާހަގަކޮށްލެވެ އެވެ.