އޮޅުވެލި ރިސޯޓުގެ 20 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
އޮޅުވެލި ރިސޯޓުގެ 20 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭން ފެނުނު ކޮވިޑް-19ގެ 50 ކޭހުގެ ތެރޭ ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްގެ 20 މުވައްޒަފަކު ހިމެނޭ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އަލަށް ފެނުނު ކޭސްތަކުގެ ތެރޭ މާލޭ ސަރަހައްދުން ފެނުނު 19، ރިސޯޓުތަކުން 28 އަދި މީހުން އުޅޭ އެހެން ރަށްރަށުން ފެނުނު ތިން ކޭސް ހިމެނެ އެވެ. މިއީ ޓެސްޓްކުރި 3،129 ސާމްޕަލުން ފެނުނު ކޭސްތަކެވެ.

މާލެ ސަރަހައްދުން ކޭސްތައް މަދުވެފައި ވިޔަސް ރިސޯޓްތަކުން ފެންނަ ކޭސްތައް މިހާރު ގިނަ އެވެ. އޭގެ ތެރޭގައި ގިނައީ ޓޫރިސްޓުންނެވެ. މީގެ އިތުރުން ގއ. ދެއްވަދޫގައި ކޮވިޑް ފެތުރި އެރަށުގައި ވަނީ ބަލީގެ ބިރު ބޮޑުވެފަ އެވެ. އެ ރަށުން މިހާތަނަށް 18 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

މީގެ އިތުރުން ބިޔާދޫ ރިސޯޓުން ވެސް ވަނީ 53 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އެއީ ވެސް ރިސޯޓްގެ މުވައްޒަފުންނެވެ. އެއީ މި މަހުގެ ފުރަތަމަ ދުވަހު އެ ރިސޯޓުން ފެނުނު ކޮވިޑް ކޭސްއަކަށް ފަހު ބެލި ބެލުމުން މިހާތަނަށް ފެނުނު އަދަދެވެ.

އާ ކޭސްތަކާ އެކު ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 14،159 އަށް އަރައިފަ އެވެ. މިހާތަނަށް 13،365 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި 49 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.