ނާކާމިޔާބުވުމަކީ މައްސަލައެއް ނޫން، ދެން ހަދާނެ ގޮތް ދަސްކޮށްދީ!
ނާކާމިޔާބުވުމަކީ މައްސަލައެއް ނޫން، ދެން ހަދާނެ ގޮތް ދަސްކޮށްދީ!

ކަމެއްގައި ނާކާމިޔާބުވުން ނުވަތަ މަޔޫސްވާން ޖެހުމަކީ ކުދިންނަށް ލިބޭ ދެރައެއް ކަމަށް ދެކެންޏާ ތިޔައީ ކުށް ހީއެކެވެ. އެފަދަ ކަންކަމަކީ ހަގީގަތުގައި ކުދިންނަށް ބޭނުންތެރި ތަޖުރިބާތަކެކެވެ. ކާމިޔާބީ ހޯދަން ބޭނުންވާ ސިފަތައް ކުދިންގެ ކިބައިގައި އަށަގަންނާނީ ނާކާމިޔާބީއާ ކުރިމަތިލާން ދަސްކޮށްގެންނެވެ. އޭގެ ތެރޭގައި، ކަމެއް ދިމާވީމާ ދެން ހަދާނެ ގޮތް އެނގުމާއި، ޖަޒުބާތުތަކުން އަރައިގަތުމާއި އުފެއްދުންތެރި ވިސްނުން އަދި އެހެން ކުދިންނާ ގުޅިގެން މަސައްކަތްކުރުމުގެ ގާބިލްކަން ފަދަ ސިފަތައް ހިމެނެ އެވެ

ކަމެއް ހާސިލްނުވާ ދަނޑިވަޅުތަކަށް ކުއްޖާ ތައްޔާރުކުރަން އިސްކަން ދޭށެވެ.

ދަރިފުޅަށް ކަމެއް ދިމާވާ ކޮންމެ ފަހަރަކު އޭނާ ގާތުގައި ނުހުރެވިދާނެ އެވެ. އެހެންވީމާ އެފަދަ ކަންކަން އަމިއްލަ އަށް މެނޭޖުކުރާނެ ގޮތް ދަސްކޮށްދޭށެވެ. ފުރަތަމަ ކަމަކީ އެކަމުން އޭނާ އަށް ކުރެވުނީ ކޮން ކަހަލަ އިހުސާސެއްތޯ އަހައި އޮޅުންފިލުވުމެވެ. ދެވަނަ ކަމަކީ، ދެން ފަހަރަކުން އެކަމެއް ރަނގަޅުކުރަން ހަދާނީ ކިހިނެއްތޯ ކުއްޖާއާ ސުވާލުކުރުމެވެ. ހޯދިދާނެ ހައްލުތައް ވީހާ ވެސް ގިނަކުރުވުން މުހިއްމެވެ. މައިންބަފައިން ނުވަތަ ބެލެނިވެރިން އެކި ކަހަލަ ޚިޔާލުތައް ދިނުމުގެ ބަދަލުގައި، ކުއްޖާގެ އަމިއްލަ ސިކުނޑިން ވިސްނައިގެން ކަންތައްތަކެއް ހުށަހަޅަން ޖާގަ ދޭށެވެ.

ހައްދުފަހަނައަޅާދާ ވަރަށް ތައުރީފް ކުރަންޏާ ކުއްޖާ ކޮންމެ ކަމެއް ވެސް ކުރާނީ އެހެން މީހުން ރުއްސުމަށެވެ. އޭރުން، އޭނާގެ އަގު ވަޒަންކުރާ ކަމުގެ އިހުސާސް ކުރެވޭނީ ތައުރީފްގެ ބަސްތައް އަޑުއިވޭ ނަމަ އެކަންޏެވެ. އަމިއްލަ ނަފްސަށް އިތުބާރު ލިބެނީ ތާއަބަދު، "ހާދަ މޮޅު ކުއްޖެކޭ" ބުނާ އަޑު އިވިގެނެއް ނޫނެވެ. ގޮންޖެހުންތަކާ ކުރިމަތިލައިގެންނެވެ. މޮޅަށް ކަމެއް ކޮށްފިއްޔާ "ހާދަ މޮޅޭ" ބުނުމުގެ ބަދަލުގައި ދަރިފުޅު "ހާދަ ރަނގަޅަށް މަސައްކަތްކޮށްފިއޭ" ބުނަން އާދަކުރާށެވެ.

ކަމެއް ހާސިލްކުރަން މަސައްކަތްކުރުމަކީ ކުއްޖާގެ އަތްމަތީގައި އޮންނަ ކަމެކެވެ. އެހެންވީމާ ކުރިއަށް ވުރެ ރަނގަޅަށް މަސައްކަތްކޮށް، ނާކާމިޔާބީއާ ކުރިމަތިލުމުގެ ބާރު ކުއްޖާ އަށް އޮންނާނެ އެވެ. އެއާޚިލާފަށް، ކާމިޔާބީ، ކުއްޖާގެ ވިސްނުން ތޫނުކަމާ ގުޅުވަންޏާ ނާކާމިޔާވުމަށް ފަހު ދެން އިތުރަށް މަސައްކަތްކުރާ ހިތެއް ނުވާނެ އެވެ.

މީގެ މާނައަކީ އެއްގޮތަކަށް ވެސް ތައުރީފް ނުކުރާށެކޭ ނޫނެވެ. ކޮންމެވެސް ވަރަކަށް ތައުރީފްކުރުން ރަނގަޅެވެ. އެކަމަކު ތައުރީފްކުރާ އިރު، ކުއްޖާ ރަނގަޅަށް ކުރީ ކޮން ކަމެއްތޯ ތަފްސީލްކޮށް ކިޔައިދޭށެވެ. ހަމައެކަނި "ހާދަ މޮޅޭ"، ނުވަތަ "ހާދަ ގަދައޭ" ނުބުނާށެވެ.

މައިންބަފައިން އުޅޭ ގޮތް ދަރިން ވަރަށް ގާތުން ބަލާނެ އެވެ. އެހެންވީމާ މައިންބަފައިން ވެސް މާޔޫސްވާ ދަނޑިވަޅުތަކުގައި އުޅެންވާނީ ވިސްނައިގެންނެވެ. ދަރިފުޅަށް ވެސް ބޭނުން ހިފޭނެ ވިސްނުމަކުން ވާހަކަދައްކާށެވެ؛ މިސާލަކަށް، "ދެން ފަހަރަކުން އަދި އިތުރަށް މަސައްކަތްކުރާނަން"، ނުވަތަ "އެއް ފަހަރު ކުރެވިއްޖެ، ދެން އަންނަ ފަހަރު ވެސް ކުރެވޭނެ" މިކަހަލަ ގޮތަކަށެވެ.