11 ޖެނުއަރީ 2021 - 14:12

ޖަކާޓާ (ޖެނުއަރީ 11) - އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާ އިން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަނޑަށް ވެއްޓުނު މަތިންދާ ބޯޓު އޮތް ތަނަށް ޑައިވަރުން ފީނާ ވީޑީއޯ އާއްމުކޮށްފި އެވެ.
ބަޖެޓް އެއާލައިނެއް ކަމަށްވާ ސްރިވިޖާޔާ އެއާގެ ބޯޓު ރާޑަރުން ގެއްލިފައި ވަނީ ފުރިތާ ހަތަރު މިނިޓް ފަހުންނެވެ. ވެސްޓް ކަލިމަންޓަން ޕްރޮވިންސްގެ ޕޮންޓިއަނަކަށް ދަތުރުކުރަމުން ދިޔަ ބޯޓުގައި 62 މީހުން ތިއްބެވެ. އޭގެ ތެރޭގައި 50 ފަސިންޖަރުންނާއި 12 ފަޅުވެރިން ހިމެނެ އެވެ. ފަސިންޖަރުންގެ ތެރޭގައި ހަތް ކުޑަ ކުދިންނާއި ތިން ކުއްތުކުދިން ވެސް ހިމެނެ އެވެ.
ސާޗު ޓީމުތަކުން މިހާރު ވަނީ ބޯޓުގެ ބައެއް ބައިތަކާއި އިންސާނުންގެ ހަށިގަނޑުގެ ބައިތައް ހޯދައިފަ އެވެ.
އޭއެފްޕީ ނިއުސް އެޖެންސީން ބުނީ ސާޗް އޮޕަރޭޝަނުގައި 2،600 މީހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އޭގެ އިތުރުން 50 އަށް ވުރެ ގިނަ ކަނޑުގެ އުޅަނދާއި 13 މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ވެސް ބޭނުން ކުރާ ކަމަށް ބުނެފައިވެ އެވެ.
އޮފިޝަލުން ބުނީ 23 މީޓަރު (75 ފޫޓު) އަޑިން ފަސިންޖަރުންގެ ބައެއް އަންނައުނާއި ބައެއް މީހުންގެ ހަށިގަނޑުގެ ބައިތަކާއި ބޯޓުގެ ބައިތައް ފެނިފައިވާ ކަމަށެވެ.
ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރާ އިންޑޮނީޝިއާގެ ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީން ބުނީ ކަޅުފޮށި މިއަދުގެ ވަގުތެއްގައި ކަނޑުން ނެގޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ކަނޑު އަޑިން ފެނިފައިވާ ބޯޓުގެ ބައިތަކަށް ބަލާއިރު ފެނުގައި ބޯޓު ޖެހުމާ އެކު ދެބުރިވި ކަމަށް ބެލެވޭ ކަމަށް ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީން ބުނެ އެވެ.
ވެއްޓުނު ބޯޓު ޖަކާޓާ އިން ފުރީ ހޮނިހިރު ދުވަހު މެންދުރު ފަހު އިންޑޮނީޝިއާ ގަޑިން 14:36 ގަ އެވެ. ބޯޓާ އެންމެ ފަހުން ގުޅިފައިވާ ކަމަށް ރެކޯޑްކޮށްފައި ވަނީ 14:40 ގަ އެވެ. ޖަކާޓާ އިން ޕޮންޓިއަނަކަށް ދަތުރުކުރަން އާއްމުކޮށް ނަގަނީ 90 މިނިޓެވެ. ފްލައިޓް ޓްރެކިން ވެބްސައިޓަކުން ބުނެފައިވާ ގޮތުގައި ބޯޓު ވަނީ މިނިޓެއްހާއިރު ތެރޭ 3،000 މީޓަރު (10،000 ފޫޓް) އަށް ތިރިވެފަ އެވެ.
ވެއްޓުނު ބޯއިން 737-500 ބޯޓުގެ ރަޖިސްޓްރޭޝަންގައިވާ ގޮތުގައި އެއީ 26 އަހަރުވެފައިވާ ބޯޓެވެ. އެއާލައިނުގެ ޗީފް އެގްޒެކެޓިވް ޖެފަސަން އިރްވިން ޖައުވެނާ ވިދާޅުވި ގޮތުގައި ބޯ ވިއްސާރައިގެ ސަބަބުން ބޯޓު ފުރުން 30 މިނިޓަށް ލަސްކުރަން ޖެހުނެވެ. ނަމަވެސް އެއީ ބޯއިން 737 މެކްސް މަރުކާގެ ބޯޓެއް ނޫނެވެ. މިދިޔަ އަހަރު ވަނީ އެ މަރުކާގެ ބޯޓުތަކުގެ ދެ އެކްސިޑެންޓެއް ހިނގައިފަ އެވެ.
ބޯޓު ގެއްލިފައި ވަނީ ޖަކާޓާގެ އުތުރުން 20 ކިލޯ މީޓަރު (12 މޭލު) ދުރުންނެވެ. އެއީ އޮކްޓޯބަރު 2018 ގައި ވެސް ބޯޓެއް ވެއްޓުނު ސަރަހައްދާ މާ ދުރު ހިސާބެއް ނޫނެވެ. އެ ފަހަރު ވަނީ ލަޔަން އެއާގެ ބޯޓެއް ފުރިތާ 12 މިނިޓް ފަހުން ޖާވާ ކަނޑަށް ވެއްޓި 189 މީހުން މަރުވެފަ އެވެ.