11 ޖެނުއަރީ 2021 - 14:03

މީރާ މެދުވެރިކޮށް މިިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ 37.7 ޕަސެންޓް ދަށްވެފައިވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ އިދާރާ އިން މިދިޔަ އަހަރު ބަލައިގެންފައިވަނީ 10.5 ބިލިއަން ރުފިޔާގެ އާމްދަނީ އެވެ. 2019 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރުގެ އާމްދަނީ ދަށްވެފައިވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އައި ބަދަލުގެ ސަބަބުން ކަމަށް މީރާ އިން ބުންޏެވެ.
މިދިޔަ އަހަރުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ވެސް ހިއްސާ ކުރީ ޖީއެސްޓީންނެވެ. އެއީ މުޅި އާމްދަނީގެ 41.1 ޕަސެންޓް (4.31 ބިލިއަން ރުފިޔާ) އެވެ.
ދެވަނަ އަށް އެންމެ ގިނައީ މިދިޔަ އަހަރު އަލަށް ނަގަން ފެށި އިންކަމް ޓެކްސް އެވެ. މިދިޔަ އަހަރު އިންކަމް ޓެކްސްގެ ގޮތުގައި 1.89 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މީގެ އިތުރުން ބީޕީޓީގެ ގޮތުގައި 1.77 ބިލިއަން ރުފިޔާ އާއި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 702.78 މިލިއަން ރުފިޔާ އާއި ގްރީން ޓެކްސްގެ ގޮތުގައި 31.95 މިލިއަން ރުފިޔާ މީރާއިން ވަނީ ބަލައިގެންފަ އެވެ.
މީރާ އިން މިދިޔަ އަހަރު ބަލައިގަތް އާމްދަނީގެ ތެރޭގައި 296.84 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.