11 ޖެނުއަރީ 2021 - 12:58

މިދިޔަ އަހަރު އެމްޑަބްލިއުއެސްސީގެ ހަރަދުން 297 މިލިއަން ރުފިޔާ ކުޑަކުރި ކަމަށް، އެ ކުންފުނިން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް އެންމެ ފުޅާކޮށް ދެމުން އަންނަ ކުންފުނިން ބުނީ މިދިޔަ އަހަރަށް "އޮޕަރޭޓިން އެންޑް އެކްސްޕެންސް" ބަޖެޓަށް ކަނޑައެޅި 838 މިލިއަން ރުފިޔާގެ ތެރެއިން އަހަރު ނިމުނު އިރު ހޭދަކުރީ 541 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން ހަރަދުގެ ގާތްގަނޑަކަށް 14 ޕަސެންޓް ސަލާމަތްކުރެވުނު ކަމަށް، އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މައި ފެން ކުންފުނީގެ ހަރަދު އެހާ ބޮޑަށް ކުޑަކުރެވުނީ ކޮވިޑްގެ ހާލަތާ ގުޅިގެން ހަރަދުތައް ކުޑަކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެއީ މެނޭޖްމަންޓުން ރޭވުންތެރިކަމާ އެކު އެޅި ހަރުދަނާ ފިޔަވަޅުތަކުން ހޯދުނު ކާމިޔާބީއެއް ކަމަށް، އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މިދިއަ އަހަރުގެ ހަރަދުތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ހިނގީ ފުރަތަމަ ކްއާޓަރުގައި 177 މިލިއަން ރުފިޔާ އެވެ. ދެވަނަ ކުއާޓަރުގެ ހަރަދު 130 މިލިއަން ރުފިޔާގައި ހުރި އިރު ތިން ވަނަ ކުއާޓަރުގައި އެ އަދަދު 163.5 މިލިއަން ރުފިޔާއަށް އެރި އެވެ. އެކަމަކު އަހަރުގެ ފަހު ކުއާޓަރުގައި ހަރަދުވީ 94 މިލިއަން ރުފިޔާ އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މެނޭޖްމަންޓުން އެޅި ފިޔަވަޅުތަކުގެ ސަބަބުން 2019 ވަނަ އަހަރަށް ވުރެ އިންޖިނިއަރިން ދާއިރާއިން ހަ ޕަސެންޓަށް އަދި މެނުފެކްޗަރިން އިން 14 ޕަސެންޓަށް ހަރަދު ކުޑަކުރެވުނު ކަމަށެވެ.
ވިޔަފާރީގެ ދާއިރާގެ ހަރަދުތައް 16 ޕަސެންޓަށް އަދި ފެނާ ނަރުދަމާގެ ހިދުމަތަށް ކުރި ހަރަދު 15 ޕަސެންޓަށް ކުޑަކުރެވުނު ކަމަށް ވެސް، އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ހަރަދުތައް ކުޑަކުރިޔަސް ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅުތަކަށް އެއްބާރުލުންދިނުމުގެ ގޮތުން އިޖްތިމާއީ ޒިންމާގެ ދަށުން ކުރި ކަންކަމަށް 5.4 މިލިއަން ރުފިޔާ ހޭދަކުރި ކަމަށެވެ. އޭގެ ތެރޭގައި، ކޮވިޑް ފެސިލިޓީތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދިނުމާއި، ރައްޔިތުން އާއްމުކޮށް އެއްވެއުޅޭ ތަންތަނުގައި އަތް ދޮންނަ ތަށި ބެހެއްޓުން ހިމެނެ އެވެ.
އެމްޑަބްލިޔުއެސްސީން ވަނީ މާލެ ސަރަހައްދު ލޮކްޑައުންއަކަށް ގޮސް، އިގުތިސާދީ ގޮތުން އައި ލޮޅުމުގައި ފެން ބިލުން ކަސްޓަމަރުންނަށް ޑިސްކައުންޓް ވެސް ދީފަ އެވެ.