12 ޖެނުއަރީ 2021 - 07:41

ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކީ ކޯޝަލްގެ އަލަތު ސައިންސް ފިކްޝަން ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
މި ފިލްމު އިއުލާންކުރިތާ ދެ އަހަރެއްހާ ދުވަސް ފަހުން ފިލްމުގެ ޕޯސްޓަރުތައް ދައްކައިލި އިރު، އެ އެއްޗެހިން ފިލްމަކީ ހިންދީ ސިނަމާ އަށް އަންނާނެ ވަރަށް ތަފާތު ފިލްމަކަށް ވާނެކަމުގެ ކުލަވަރު ބޮޑެވެ. "އަޝްވަތައްމާ" އަކީ ވިކީއާ އެކު 2018 ގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ އިންޑިއާގެ ވަތަނީ ރޫހަށް ހެދި ފިލްމު އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެނެސްދިން އަަދިތިޔާ ދާރް ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ.
ފިލްމުގެ ޕްރޮޑިއުސަރަކީ "އުރީ" ގެ ވެސް ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ އެވެ.
އިންޑިއާގެ ހިންދޫ ދީނުގެ މީހުން ކިޔައިއުޅޭ މައިތޮލޮޖީ ވާހަކަ "މަހާބާރަތު" ގައި ހިމެނޭ ކެރެކްޓާއެއް ކަމަށްވާ އަޝްވަތައްމާ އަށް ބިނާކޮށް ހަދާ ފިލްމުވެގެން ދާނީ ވިކީގެ ވަރަށް ތަފާތު ކެރެކްޓާއެއް ފެނިގެންދާނެ ފިލްމަކަށެވެ. ސުޕަހީރޯ ބާރުތަކެއް ލިބިފައިވާ ކެރެކްޓާ އަށް އޭނާ ހަށިގަނޑަށް ވެސް ބޮޑު ބަދަލެއް ގެންނާނެ އެވެ.
އިންޑިއާގެ އިތުރުން ޔޫރަޕްގެ ބައެއް ހިސާބުތަކުގައި ޝޫޓްކުރަން ހަމަޖެހިފައިވާ ފިލްމަށް 2019 ގައި ލޮކޭޝަން ވެސް ހަންޓްކޮށްފައިވާ އިރު، ބެލެވޭ ގޮތުން "ދި އިމޯޓަލް އަޝްވަތައްމާ" ގެ ޝޫޓިން އަންނަ އެޕްރީލް ހިސާބުގައި ފަށާނެ އެވެ.
ވިކީ މި ވަގުތު އަންނަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ހަދާ ކޮމެޑީއެެއްގެ މަސައްކަތް ކުރަމުންނެވެ.
"އަޝްވަތައްމާ" ގެ ޕޯސްޓަރުތަކެއް ދައްކައިލި ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ނުލިބެ އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މިއީ ޓްރިލޮޖީއެކެވެ.