މިިނެޓަކުން އެންމެ ދުރަށް ފެތުމުގެ އާ ރެކޯޑެއް
މިިނެޓަކުން އެންމެ ދުރަށް ފެތުމުގެ އާ ރެކޯޑެއް

ފެތުމުގައި މީގެ ކުރިން ވެސް ދުނިޔޭގެ ދެ ރެކޯޑެއް ހާސިލުކޮށްފައިވާ ޑެންމާކުގެ މަޝްހޫރު ފްރީ-ޑައިވަރު ސްޓިގް ސެވެރިންސެން އަނެއްކާ ވެސް ރެކޯޑެއް ހަދައިފި އެވެ.

ހަތަރު ފަހަރަށް ފްރީ-ޑައިވިން ވޯލްޑް ޗެމްޕިއަންކަން ވެސް ހޯދާފައިވާ 47 އަހަރުގެ ފެތުންތެރިޔާގެ އާ ރެކޯޑަކީ ފިންސާ އެކު ފެނުއަޑީގައި އެއް މިނިޓްގެ ތެރޭގައި އެންމެ ދުރަށް ފެތި ފިރިހެނާގެ ރެކޯޑެވެ. މިދިޔަ ނޮވެމްބަރު މަހުގެ 26 ގައި ސްޓިކް އެ ރެކޯޑް ހަދާފައި ވަނީ މެކްސިކޯގެ ހިތްގައިމު ސަރަހައްދެއް ކަމަށްވާ ލަ ޕާޒްގަ އެވެ. އެތަނުގައި އޭނާ ރެކޯޑް ހެދީ އަޑީގައި މިނިޓެއްގެ ތެރޭގައި 202 މީޓަރު (662 ފޫޓް 8.7 އިންޗި) ގެ ރާސްތާއަކަށް ފަތައިގެންނެވެ.

އެ ރެކޯޑް ކުރިން އޮތީ ވެނެޒުއެލާގެ ކާލޯސް ކޮސްޓީގެ އަތުގަ އެވެ. އޭނާ އަޑީގައި އެއް މިނިޓްގެ ތެރޭގައި 25 މީޓަރަށް ފަތައިގެން ރެކޯޑް ހެދީ ސެޕްޓެމްބަރު 9، 2016 ގަ އެވެ.

ކާލޯސްގެ ރެކޯޑް މުގުރައިލަން ސްޓިގް ރެކޯޑް ހެދީ، އެކަމަށް ތައްޔާރުވާން ވަރަށް ގިނަ ދުވަހު ޓްރޭނިން ވެސް ހެދުމަށް ފަހު އެވެ. އޭނާ ބުނިގޮތުގައި މި ރެކޯޑް ހެދުމުގެ އެއް މަގުސަދަކީ ކުނިބުނިން ގޮނޑުވަމުންދާ ދުނިޔޭގެ ރީތި މޫދާއި ކަނޑުތައް ހިމާޔަތްކުރުމުގެ މުހިއްމުކަން އަންގައި ދިނުމުވެ. ސްޓިގް ރެކޯޑް ހަދަން ފެތި ސަރަހައްދަކީ ވެސް މޫދާއި ކަނޑުގެ ގުދުރަތީ ރީތިކަން ލިބިފައި އޮތް ތަނެކެވެ.

"ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް މިކަން އަހަރެން ކުރަން ބޭނުންވީ އަހަރެމެންގެ ވެއްޓާ ދޭތެރޭ އެއްވެސް ހާލަތެއްގައި އިހުމާލުވެވެން ނެތްކަން ވެސް ހާމަކޮށް ދިނުމުގެ ގޮތުން،" އުމުރުން އެންމެ ހަ އަހަރުން ފެށިގެން ފެތުމަށް ލޯބިކުރަމުން އަންނަ ސްޓިގް ބުންޏެވެ.

އޭނާގެ އަތުގައި ކުރިން ދެ ރެކޯޑަކީ ފިންސާއި ޑައިވިން ސޫޓާ އެކު ގަނޑުފެންތަކުގައި ދަށުގައި އެއް ނޭވާގައި 152.4 މީޓަރު (500 ފޫޓް) އަދި ފިންސާއި ސޫޓާ ނުލައި 76.2 މީޓަރު (250 ފޫޓް) އަށް ފެތުމުގެ ރެކޯޑެވެ. އެ ރެކޯޑް ސްޓިގް ހެދީ 2013 ގަ އެވެ. އަދި އެއް ނޭވާގައި އެންމެ ގިނަ އިރު ވަންދެން ފެތުމުގެ ރެކޯޑް 22 މިނިޓަށް ފަތައިގެން ދުނިޔޭގެ ރެކޯޑް ފޮތުން ސްޓިގަށް ޖާގަ ލިބުނީ 2012 ގަ އެވެ.

އެކަމަކު އެ ރެކޯޑް ސްޕެއިންގެ ސެގޫރާ ވެންޑްރެލް ވަނީ 2016 ގައި މުގުރާލައިފަ އެވެ. އެއީ އެއް ނޭވާގައި 24 މިނިޓާއި 3.45 ސިކުންތަށް ފަތައިގެންނެވެ.

ސްޕެއިންގެ ބާސެލޯނާގައި ކިޔަވަން އުޅުނު ދުވަސްވަރު ފެނުއަޑީގައި ރަގްބީ އާއި ހޮކީ ވެސް ކުޅުނު ސްޓިގް އަކީ މެޑިސިން ދާއިރާ އން ޕީއެޗްޑީ ހާސިލުކޮށްފައިވާ ފެތުންތެރިއެކެވެ. އަދި އޭނާ އަކީ ފެތުމުގައި ނޭވާލުމުގެ ޓެކްނިކްސް ދަސްކޮށްދޭ "ބްރީތޮލޮޖީ" ގެ ބާނީ އެވެ. އެ ދާއިރާ އިން ސްޓިގް "ބްރީތޮލޮޖީ: ދި އާޓް އޮފް ކޮންޝަސް ބްރީތިން" ގެ ނަމުގައި 2010 ގައި ފޮތެއް ވެސް ނެރެފައިވެ އެވެ.