11 ޖެނުއަރީ 2021 - 10:58

ރޯމް (ޖެނުއަރީ 11) – ރޯމާއާ 2-2 އިން އެއްވަރުވެ، އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާނާ ގާތްކުރަން ލިބުނު ފުރުސަތު އިންޓަ މިލާނަށް ގެއްލުނުއިރު ސަސުއޮލޯ އަތުން 3-1 އިން މޮޅުވެ ޔުވެންޓަސް އިން ލީގުގެ ހަތަރު ވަނަ އަށް އަރައިފަ އެވެ.
ތާވަލުގެ ކުރީގައި އޮތް މިލާން ވަނީ ހޮނިހިރު ދުވަހުގެރޭ ޓޮރިނޯ އަތުން 2-0 އިން މޮޅުވެ 17 މެޗުން 40 ޕޮއިންޓް ހަމަކޮށްފަ އެވެ. އިންޓަ މިހާރު އޮތީ އެ ޓީމަށް ވުރެ ތިން ޕޮއިންޓް ފަހަތުގައި، 17 މެޗުން 37 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ރޭ މޮޅުވި ނަމަ މިލާނާ އެއް ޕޮއިންޓަށް ގާތްކުރެވުނީހެވެ. ރޯމާ އޮތީ 17 މެޗުން 34 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
ޗެމްޕިއަން ޔުވެންޓަސް ހަތަރު ވަނަ އަށް އެރީ 16 މެޗުން 33 ޕޮއިންޓާ އެކު އެވެ. އެ ޓީމުގެ އަތުގައި އިތުރު މެޗެއް އޮތުމުން އެޑްވާންޓޭޖެއް އެބައޮތެވެ. އެ މެޗަކީ ނަޕޯލީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެކެވެ. ކޮވިޑުގެ ސަބަބުން ނަޕޯލީން މެޗަށް ހާޒިރުނުވުމުން ޔުވެންޓަސް މޮޅުވި ކަމަށް ނިންމި ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް އަލުން ކުޅޭ ގޮތަށް ހަމަޖެއްސީ އެވެ.
އަމިއްލަ ދަނޑުގައި އިންޓައާ ދެކޮޅަށް ކުޅުނު މެޗުގެ 17 ވަނަ މިނެޓުގައި ރޯމާ ވަނީ ލޮރެންޒޯ ޕެލެގްރިނީގެ ގޯލުން ލީޑު ނަގައިފަ އެވެ. އިންޓަ އިން އެއްވަރުކުރީ 56 ވަނަ މިނެޓުގައި މިލަން ސްކިރިނިއާ ޖެހި ގޯލުންނެވެ. އަދި 63 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ޖެހި ލަނޑުން ލީޑު ނެގި އެވެ. ރޯމާ އަށް އެއްވަރުކޮށްދިނީ 86 ވަނަ މިނެޓުގައި ގިއަންލޫކާ މަންޗިނީ އެވެ.
ޔުވެންޓަސް އާއި ސަސުއޮލޯ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ސަސުއޮލޯގެ ޕެޑްރޯ އޮބިއަން އަށް ރަތްކާޑެއް ވަނީ ދައްކައިފަ އެވެ. އޭގެ ފައިދާ ނަގައި ދެ ވަނަ ހާފުގެ ކުރީކޮޅު ޑަނީލޯ ޔުުވެންޓަސް އަށް ކުރި ހޯދައިދިނެވެ. އެކަމަކު އޭގެ އަށް މިނެޓު ފަހުން ގްރެގޮއިރޭ ޑެފްރެލްގެ ލަނޑުން ސަސުއޮލޯ އެއްވަރުކުރި އެވެ. ޔުވެންޓަސް މޮޅުވީ 82 ވަނަ މިނެޓުގައި އާރޮން ރަމްސީ ޖެހި ގޯލުންނެވެ. އަދި އިތުރު ވަގުތުގެ ތެރޭ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމަށް ތިން ވަނަ ގޯލް ޖަހައިދިނެވެ.