ތާޕްސީ އަކީ އަހަރެން ކޮޕީކުރަން އުޅޭ މީހެއް: ކަންގަނާ
ތާޕްސީ އަކީ އަހަރެން ކޮޕީކުރަން އުޅޭ މީހެއް: ކަންގަނާ

ބަތަލާ ޕާތްސީ ޕައްނޫ އަކީ އަބަދު ވެސް އޭނާ ކޮޕީކުރަން އުޅޭ މީހެއް ކަމަށް ބުނެ ކަންގަނާ ރަނާވަތު މަލާމާތްކޮށްފި އެވެ.

މީގެ ކުރިން ކަންގަނާގެ ފޮޓޯ ޝޫޓެއްގައި އޭނާގެ ސްޓައިލް ހުރި ގޮތާއި އިށީނދެގެން އިން ގޮތާ ދާދި އެއްކަހަލަ ގޮތަކަށް އެލް މަޖައްލާގެ ޝޫޓެއްގައި ތާޕްސީ ނަގާފައިވާ ފޮޓޯއެއް ޓްވީޓްކޮށް، ތާޕްސީ އެ އޮތީ 1،000 ވަނަ ފަރަށް ތާޕްސީ ކޮޕީކޮށްފައި ކަމަށް މީހަކު ބުނުމުން، ކަންގަނާ ވަނީ ތާޕްސީ އަށް މަލާމާތްކޮށްފަ އެވެ.

އަބަދު ވެސް ހިތުހުރިހާ އެއްޗެއް މީހުންނާ ދިމާލަށް ގޮވާލާ ކަންގަނާގެ ޓްވިޓާގައި ހިނިގަނޑެއް ޖަހަމުން ބުނެފައި ވަނީ ތާޕްސީ އަކީ އަބަދު ވެސް އޭނާ އުޅޭ ގޮތަށް އުޅެން ބޭނުންވާ ބަތަލާއެއް ކަމަށެވެ. އަދި އަމިއްލަ ނަފުސަށް ބޮޑާވެ ކަންގަނާ ބުނީ ޕޮޕް ކަލްޗާގައި މީސްމީހުން އަމީތާބް ކޮޕީކުރާ ގޮތަށް ބަތަލާއިންގެ ތެރެއިން ގިނަ ބަޔަކު އަބަދު ވެސް ސަމާލުކަން ދެނީ އޭނާ އަށް ކަމަށެވެ.

"ސުޕަސްޓާރު އަމީތާބް ފިޔަވައި އެންމެ ގިނަ ބަޔަކު ކޮޕީކުރަނީ އަހަރެން،" ކަންގަނާ ބުންޏެވެ.

ކަންގަނާ ވާހަކަ ދައްކާ ގޮތް ކޮޕީކޮށް އިންޑިއާގެ މަޝްހޫރު ބައެއް ކޮމީޑިއަނުން ވެސް ޝޯތަކުގައި ޕަފޯމްކުރެ އެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ކަންގަނާ އަކީ ވާހަކަ ދެއްކުމުގައި ވަރަށް ތަފާތު ކަމެއް ހުންނަ ބަސްތައް ކިޔުމުގައި އަޑުއަހައިލަން ތަންކޮޅެއް އުނދަގޫ ކަހަލަ ޓޯނެއް ވެސް އިންނަ ބަތަލާއެކެވެ.

ހާއްސަކޮށް އޭނާ އިނގިރޭސިން ވާހަކަ ދައްކާ ގޮތަށް ބައެއް މީހުން ޖޯކް ޖަހަ އެވެ.

ސްޓައިލް ކޮޕީކުރާ ކަމަށް ބުނެ ކަންގަނާ ތާޕްސީ އަށް މަލާމާތްކުރި އިރު، މީގެ ކުރިން ވެސް ކަންގަނާ އާއި އޭނާގެ ދައްތަ ރަންގޯލީ ޗަންދެލް ތާޕްސީއާ އެކި ގޮތްގޮތުން ތާޕްސީއާ ދިމާކޮށްފައިވެ އެވެ. އަދި ބައެއް ފަހަރު ތާޕްސީ ރައްދު ވެސް ދީފައިވެ އެވެ.

ތާޕްސީ އަށް މަލާމާތްކޮށް ކަންގަނާ ކުރި ޓްވީޓާ ގުޅިގެން ބައެއް މީހުން ރައްދުގައި ކަންގަނާ އަށް އެއްޗެހި ވެސް ކިޔާފައިވެ އެވެ. އެގޮތުން ކަންގަނާގެ ޑިކްޝަނަރީގައި ސުޕަސްޓާރުގެ މާނަ އޮންނަ ގޮތް ތަފާތު ކަމަށާއި އެންމެ ފަހުގެ ޓްރެކް ރެކޯޑަށް ބަލައިފި ނަމަ މި ފަހުން އެންމެ ކާމިޔާބު ބަތަލާ އަކީ ތާޕްސީ ކަމަށާއި އޭރުން ސުޕަސްޓާރަކީ ކާކުކަން އެނގޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ތާޕްސީ އަކީ އިންޑިއާގެ ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ. އޭނާ އަކީ ހަމައެކަނި ހިންދީ ފިލްމު ކުޅޭ ބަތަލާއެއް ވެސް ނޫނެވެ. ތާޕްސީ އަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ވެސް މަޝްހޫރު ބަތަލާއެކެވެ.