ކާތިކަށް "ދަމާކާ" އިން 20 ކްރޯޑް ރުޕީސް
ކާތިކަށް "ދަމާކާ" އިން 20 ކްރޯޑް ރުޕީސް

އެންމެ 10 ދުވަހުގެ ތެރޭގައި ޝޫޓިން ނިންމާލި ކާތިކް އާރިޔަންގެ ފިލްމު "ދަމާކާ" އިން އޭނާ އަށް ފީގެ ގޮތުގައި 20 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ އަދަދަކީ ކާތިކް ކަހަލަ އަރަަމުން އަންނަ އާ އެކްޓަރަކާ ބަލާފައި ވަރަށް ބޮޑު އަގެކެވެ. ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރަންބީރް ކަޕޫރް ވެސް ފިލްމެއް ކުޅެނީ އެވްރެޖްކޮށް 20 ކްރޯޑް ރުޕީސް (2.72 މިލިއަން ޑޮލަރު) އަށެވެ.

ކާތިކަށް 20 ކްރޯޑް ރުޕީސްގެ ފީއެއް ދޭން "ދަމާކާ" ގެ ޓީމުން ފަސްނުޖެހުނު އެއް ސަބަބަކީ އޭގެ ޝޫޓިން ރެކޯޑް މުއްދަތެއްގެ ތެރޭގައި ނިންމުމަށް ވެސް ބާރު އެޅުމެވެ. ބޮލީވުޑްގެ ފިލްމެއްގެ ޝޫޓިން އަށް އާންމުކޮށް އެންމެ މަދުވެގެން ވެސް 45 ވަރަކަށް ދުވަސް ނަގަ އެވެ. އެކަމަކު ރާމް މަދުވާނީ ޑައިރެކްޓްކުރި "ދަމާކާ" އަކީ މިހާތަނަށް ބޮލީވުޑްގެ ފީޗާ ފިލްމެއްގެ ޝޫޓިން އަށް އެންމެ ކުރު މުއްދަތެއް ނެގި ފިލްމެވެ. ހިންދީ ސިނަމާގެ ތާރީހުގައި ވެސް އެ ފިލްމުގެ ވާހަކަ ފާހަގަކުރާނެ އެއް ގޮތަކީ އެއީ އެވެ.

"ދަމާކާ" ގެ މަސައްކަތް 10 ދުވަހުގެ ތެރޭގައި ކާތިކް ނިންމައި ދިނުމަކީ ފިލްމުގެ ޓީމަށް ކުރަން ޖެހުނު ހަރަދު ވެސް އެތައް ގުނައަކަށް ކުޑަކޮށްދިން ކަމެކެވެ. އެހެންވެ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމުން ކާތިކަށް 20 ކްރޯޑް ދިނުމަކީ ވަރަށް އިންސާފުވެރި ކަމެއް ކަމަށް މީޑިއާތަކުން ވެސް ބުނެފައިވެ އެވެ.

"ދަމާކާ" ގެ މަސައްކަތް ޑިސެމްބަރުގެ މެދުތެރޭގައި ފެށީ 14 ދުވަހު ނިންމާ ގޮތަށް ތާވަލުކޮށްގެންނެވެ. އެކަމަކު ފިލްމުގެ ޓީމު ދުރާލައި ވަރަށް ބޮޑަށް ތައްޔާރުވެފައި އޮތުމުން އެންމެ 10 ދުވަހުގެ ތެރޭގައި ނިންމައިލެވުނީ އެވެ.

އެކްޝަން ތުރިލާއެއްގެ ގޮޔުގައި ގެނެސްދޭ އަދި ކާތިކް ނޫސްވެރިންގެ ރޯލުން ފެންނާނެ "ދަމާކާ" އަކީ 2013 ގައި ނެރުނު ކޮރެއާ ފިލްމު "ދަ ޓެރާ ލައިވް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާގޮތުން މި ފިލްމަށް ކާތިކް އެއްބަސްވީ ފިލްމު ކުޅެން ނެގި ފީގެ އިތުރުން ސިނަމާތަކުގައި ދައްކައިގެން ލިބޭ ފައިދާ އިން ވެސް ބައިއަޅާ ގޮތަށެވެ.

"ދަމާކާ" އަކީ 2016 ގެ "ނީރްޖާ" އަށް ފަހު މަދުވާނީ ގެނެސްދޭ ފުރަތަމަ ފިލްމެވެ. އޭނާ މިދިޔަ އަހަރު ސުޝްމިތާ ސެންއާ އެކު "އާރިޔާ" ކިޔާ މަގުބޫލު ވެބް ސީރީޒެއް ގެނެސްދިނެވެ.