11 ޖެނުއަރީ 2021 - 10:13

ލަންޑަން (ޖެނުއަރީ 11) - އިނގިރޭސި އެފްއޭ ކަޕްގައި އަށް ވަނަ ޑިވިޝަނުގެ މެރިން އޭއެފްސީ 5-0 އިން ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުގެ ހަތަރު ވަނަ ބުުރުގެ ޖާގައެއް ހޯދައިފި އެވެ.
ލީގު ސިސްޓަމަށް ބަލާއިރު މި ވަގުތު މެރިން އާއި ޓޮޓެންހަމާ ދެމެދުގައި 168 ޖާގައިގެ ފަރާގެއް އޮތް ނަމަވެސް ރޭގެ މެޗަށް ޓޮޓެންހަމުން ނެރުނީ ނިސްބަތުން ބަލާއިރު ވަރުގަދަ ޓީމެކެވެ. މެރިން ކޮޅަށް ޓޮޓެންހަމްގެ ބްރެޒިލް ފޯވާޑް ކާލޮސް ވިނީޝިއުސް ވަނީ ތިން ގޯލު ޖަހައިފަ އެވެ. އަނެއް ދެ ގޯލު ޖެހީ ލޫކަސް މޯރާ އާއި 16 އަހަރުގެ އަލްފީ ޑެވިން އެވެ. އަލްފީ މި ޖެހި ގޯލާ އެކު އޭނާ ވެފައިވަނީ ޓޮޓެންހަމްގެ ތާރީހުގައި ލަނޑު ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާ އަށެވެ.
މެޗަށް ފަހު މޮރީނިއޯ ބުނީ ޕްރޮފެޝަނަލުންގެ ވިސްނުމަކީ ކޮންމެ މެޗެއް ވެސް ސީރިއަސް ނަޒަރަކުން ނެގުން ކަމަށާއި އެ ގޮަތަށް ބަލާއިރު ޓޮޓެންހަމުން ކުޅުނީ މި މުބާރާތަށް ވެސް އިހުތިރާމް ލިބޭ ގޮތަށް ކަމަށެވެ.
"ހަގީގަތުގައި އަހަންނަށް ޒުވާން ޓީމެއް އަރުވައިގެން ވެސް ކުޅެވޭނެ މެޗެއް މިއީ. އެކަމަކު އެއީ އިދިކޮޅަށް އޮތް މެރިން އަށް ވެސް އިންސާފުވެރި ގޮތަކަށް ނުވާނެ. އެ މީހުން މި ހިސާބަށް އެ އައީ ރަނގަޅު ކުޅުންތެރިންތަކަކާ ދެކޮޅަށް ވަރުގަދަ މެޗެއްގެ އުއްމީދުގައި. އަހަރެންގެ ނަޒަރުގައި އެ ފުރުސަތު އެ މީހުން ދިނުން ހައްގު،" މޮރީނިއޯ ބުންޏެވެ.
މެރިންގެ ކޯޗު ނީލް ޔަންގް ވަނީ މޮރީނިއޯގެ އެ ވިސްނުމަށް މަރުހަބާ ކިޔައިފަ އެވެ. ފުޓްބޯޅަ އަކީ ވާދަވެރި ނަމަވެސް އިހުތިރާމް ވެސް އޮތް ކުޅިވަރެއްކަން މޮރީނިއޯ ކަހަލަ މަޝްހޫރު ކޯޗުން ގަބޫލުކުރާތީ އުފާކުރާ ކަމަށް ޔަންގް ބުންޏެވެ.
މެރިންގެ މެޗުތައް ކުޅޭ ދަނޑަކީ 3185 މީހުންގެ ޖާގައިގެ ދަނޑެއްގެ ގޮތުގައި އިނގިރޭސި އެފްއޭ އިން އޮތީ ކަނޑައަޅައިފަ އެވެ. ޓޮޓެންހަމް ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭތީ މެރިންގެ ސަޕޯޓަރުން ވަނީ ކްލަބަށް މާލީ ގޮތުން އެހީވާން ވާޗުއަލްކޮށް 3000 ޓިކެޓް ގަނެފަ އެވެ.
އެފްއޭ ކަޕްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ހަތަރު ވަނަ ޑިވިޝަންގެ މޯކޭމްބް އަތުން ޗެލްސީ ވަނީ 4-0 އިން މޮޅުވެފަ އެވެ. މެންޗެސްޓާ ސިޓީން 3-0 އިން ބާމިންހަމް ސިޓީގެ މައްޗަށް ކުރިހޯދިއިރު، ލީޑްސް ޔުނައިޓެޑް އަތުން ހަތަރު ވަނަ ޑިވިޝަންގެ ކްރޯލީ ޓައުން ވަނީ 3-0 އިން މޮޅުވެފަ އެވެ.