ބިގް ބޮސް 14: މިފަހަރު ކެޓީ އެންމެ ހީނުކުރި ޖޭސްމިން
ބިގް ބޮސް 14: މިފަހަރު ކެޓީ އެންމެ ހީނުކުރި ޖޭސްމިން

ކަލާޒްގެ ރިއަލިޓީ ޝޯ "ބޮގް ބޮސް 14" ވަނަ ސީޒަންގެ އޮރިޖިނަލް ބައިވެރިންގެ ތެރެއިން ޖޭސްމިން ބަސީން އާދީއްތަ ދުވަހުގެ ރޭ ޝޯއިން ކަޓައިފި އެވެ.

ޝޯ ބަލާ މީހުންނަށް މިއީ ލިބުނު ބޮޑު ހައިރާން ކަމެކެވެ. ސަބަބަކީ ޖޭސްމިން އަކީ މި ފަހަރުގެ ސީޒަން ފެށުނީއްސުރެ އެންމެ ވާދަވެރިކޮށް ފެނުނު އެކަކު ކަމަށްވުމެވެ. އޭނާ ޝޯއިން ކަޓައިގެން ދިޔައީ ޝޯގެ އެހެން ހަތަރު ބައިވެރިޔަކާ އެކު އެލިމިނޭޝަނަށް ދިއުމުންނެވެ. އޭގެ ތެރޭގައި ޝޯގެ އޮރިޖިނަލް ބައިވެރިންގެ ތެރޭގައި ހިމެނޭ ރުބީނާ ދިލައިކާއި އޭނާގެ ފިރިމީހާ އަބިނާވް ޝުކްލާ ހިމެނެ އެވެ. އަނެއް ބައިވެރިޔަކީ ވައިލްޑް ކާޑްގެ ދަށުން ދެ ފަހަރެއްގެ މަތިން "ބިގް ބޮސް 14" އިން ފުރުސަތު ލިބުނު ޖޭސްމިންގެ ލޯބިވެރިޔާ އަލީ ގޯނީ އެވެ.

ޝޯ އިން ޖޭސްމިން ކަޓައިގެން ދިޔަ އިރު އޭނާގެ ފަރާތުން ފެނުނު ބައެއް އަމަލުތަކާ ދޭތެރޭ ހިތްހަމަނުޖެހިގެން، ޝޯގެ ހޯސްޓް ސަލްމާން ޚާން ވެސް ވަރަށް ބޮޑަށް ޖޭސްމިނަށް ކުރިން ނަސޭހަތްތެރިވެފައިވެ އެވެ. ހާއްސަކޮށް މި ފަހަރުގެ ޗެލެންޖާޒްގެ ގޮތުގައި ފުރުސަތު ދިން ކުރީގެ ސީޒަންތަކުން ހޮވާލެވުނު ބައިވެރިންގެ ތެރެއިން ފުރުސަތު ލިބުނު ރާކީ ސާވަންތާއި ޖޭސްމިނާ ދެމެދު ހިނގާފައިވާ ބައެއް ކަންކަމާ ހެދި އެވެ.

އޭގެ ތެރެއިން އެއް ކަމަކީ ރާކީއާ އެކު ހިނގި ޒުވާބުގަނޑެއްގެ ތެރޭގައި، ބޯކަރުދާހުން ހަދާފައި އޮތް ޖަނަވާރެއްގެ ބޮލެއް، ރާކީގެ ބޮލަށް ފެއްތުމެވެ. އަނެއް ކަމަކީ ރާކީ ޕްލާސްޓިކް ސާޖަރީ ހަދާފައިވާތީ އެކަމަށް މަލާމާތްކުރުމެވެ.

ޖޭސްމިނަށް ޝޯއިން ވަކިވާން ޖެހުނުއިރު، އޭނާގެ އިތުރުން އަލީ އާއި އަބިނާވް އާއި ރުބީނާ އެލިމިނޭޝަނަށް ދިޔައީ ވެސް އެ މީހުންގެ ފަރާތުން ފެނިފައިވާ ބައެއް އަމަލުތަކާ ހެދި ބިގް ބޮސް ހިތްހަމަނުޖެހިގެން ދިން އަދަބެއްގެ ތެރެއިންނެވެ.

"ބިގް ބޮސް 14" ފެށި ދުވަސްވަރު ޖޭސްމިން ފާހަގަކުރެވެނީ އެހެން ބައިވެރިންނާ ވަރަށް އެކުވެރި ގުޅޭ އަދި މަޖާ މިޒާޖެއްގެ ބައިވެރިއެއްގެ ގޮތުގަ އެވެ. އަދި އެހާމެ ހިތްބަލިކަމުން ވަރަށް އަވަހަށް ރޮވޭ ބައިވެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ޖޭސްމީނަށް ކުއްލި ބޮޑު ބަދަލެއް އައިކަން ޝޯގެ ބައިވެރިންނާއި ބިގް ބޮސް ފޮލޯކުރާ ވަރަށް ގިނަ ބަޔަކު ފާހަގަކޮށްފައި ވަނީ ކުއްލިއަކަށް ޖޭސްމިންގެ "ފިޔަގަނޑު ފެޅީ" ލޯބިވެރިޔާ އަލީ "ބިގް ބޮސް" އަށް ގެނައި ހިސާބުންނެވެ. އަދި އެ ވާހަކަ އެތައް ފަހަރެއްގެ މަތިން ޖޭސްމީނާ ދިމާއަށް ބައެއް ބައިވެރިން ގޮވާފައިވެ އެވެ.

މި ހަފުތާގައި ޝޯގެ ބައިވެރިންނަށް އާއިލާގެ ބައެއް މީހުންނާ ވެސް ބައްދަލުކުރުމުގެ ފުރުސަތު ދިން އިރު، ޖޭސްމީންގެ ބައްޕަ އާއި މަންމަ ޝޯ އަށް ގޮސް ވަނީ ޖޭސްމިނާއި އަލީއާ އޮންނަ ގުޅުމާ ދޭތެރޭ ނުރުހޭ ފަދަ ބަހުރުވައަކުން ވެސް ވާހަކަ ވެސް ދައްކައިފަ އެވެ. އެގޮތުން ޖޭސްމިން "އެހެން މީހުންނާ ދޭތެރޭ ފިކުރު ނުކޮށް ސޯލޯކޮށް ގޭމް ކުޅެ" ޝޯ ކާމިޔާބުކުރަން ނަސޭހަތްތެރިވި އެވެ. މިކަމާ ގުޅިގެން އަލީ ވަނީ އެއީ އޭނާ އަށް ރައްދުކޮށް ދެއްކި ވާހަކަތަކެއް ކަމަށް ބުނެ ޖޭސްމިން ގާތުގައި ޝަކުވާ ވެސް ކޮށްފަ އެވެ.

ޖޭސްމިން "ބިގް ބޮސް 14" އިން ކަޓައިގެން ދިޔަ އިރު ޝޯ ފެށުނީއްސުރެ ދެމިތިބި ބައިވެރިންނަކީ މިހާރު ރުބީނާގެ ދެމަފިރިންނާއި އިޖާޒް ޚާނެވެ. ރާހުލް ވައިދިއާ އާއި ނިކީ ތަމްބޯލީ އަކީ ދެވަނަ ފުރުސަތެއް ލިބުނު އޮރިޖިނަލް ބައިވެރިންނެވެ.

އެ މީހުންނާ އެކު ޝޯގައި ދެން ތިބީ ރާކީ އާއި އަރުޝީ ޚާނާއި ވިކާސް ގުޕްތާގެ އިތުރުން ސޮނާލީ ޕޯގަޓެވެ.

ބެލެވޭ ގޮތުން މި ހަފުތާގެ ތެރޭގައި އަނެއްކާ ވެސް ޝޯއިން ކަޓައިގެން ދިޔަ އޮރިޖިނަލް ބައިވެރިޔަކު "ބިގް ބޮސް" އަށް އަންނާނެ އެވެ. އެއީ އިޖާޒަށް ހިތް ދެވުނު ޕަވިތުރަ ޕުނިއާ އެވެ. މި ހަފުތާގައި އިޖާޒަށް ވަނީ އޭނާއާ ބިއްލޫރި ފަރުދާއެއްގެ ތެރެއިން ބައްދަލުކުރުމުގެ ފުރުސަތު ވެސް ދީފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 3 ގައި ދައްކަން ފެށި "ބިގް ބޮސް 14" ނިންމައިލާނެ ކަމަށް ބެލެވެނީ މާޗް މަހުގެ ތެރޭގަ އެވެ.