12 ޖެނުއަރީ 2021 - 07:41

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އަމީތާބް ބައްޗަންގެ ފިލްމު "ޕިންކް" ގެ ޑައިރެކްޓަރު އަނިރުދާ ރޯއި ޗައުދަރީގެ އާ ފިލްމަށް ޔާގީ ގޯތަމް ސޮއިކޮށްފި އެވެ.
މީޑިއާތަކުން ބުނީ މި ސޯޝަލް ޑްރާމާ އަކީ މި ޒަމާނުގެ ނޫސްވެރިކަމުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށާއި ފިލްމުގެ މައިގަނޑު ޕްލޮޓް އެނބުރޭނީ ކްރައިމް ޖާނަލިޒަމްގެ ވަށައިގެން ކަމަށެވެ.
ނަން އަދި އިއުލާން ނުކުރާ ފިލްމުގެ ޝޫޓިން މި އަހަރުގެ މެދު ތެރޭގައި ފަށަން ނިންމާފައިވާ އިރު، ފިލްމަށް އިތުރު ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. ޔާމީ ފިލްމުގައި ކުޅޭނީ ނޫސްވެރިއެއްގެ ރޯލެވެ.
"އުރީ: ދަ ސާޖިކަލް ސްޓްރައިކް" އާއި "ވިކީ ޑޯނާ"، "ގާބިލް" އަދި "ބާލާ" ފަދަ ފިލްމުތައް ކުޅުނު ބަތަލާ މިހާރު އަންނަނީ ހޮރޯ ކޮމެޑީ "ބޫތު ޕޮލިސް" ގެ މަސައްކަތް ކުރަމުންނެވެ.
މިދިޔަ އަހަރު "ގިނީ ވެޑްސް ސަނީ" އިން ފެނިގެން ދިޔަ ޔާމީގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "އަ ތާޒްޑޭ" އާއި "ދާސްވީ" ހިމެނެ އެވެ.
މިދިޔަ މަހުގެ ނެޓްފްލިކްސް އިން ސްޓްރީމްކުރި އަނިލް ކަޕޫރާއި އަނޫރާފް ކޭޝަޕްގެ ފިލްމު "އޭކާ ވާސަސް އޭކޭ" ގެ ޑައިރެކްޓަރު ވިކްރަމަދިތިޔާ މޮޓްވާނޭ ވެބް ސީރީޒެއް ހެދުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
"ސްޓާޑަސްޓް" ގެ ނަން ދީފައިވާ މި ސީރީޒްގެ ލީޑް ރޯލުން ފެނިގެންދާނީ "ޕަދުމާވަތު" އާއި "މާޑާ 3" ފަދަ ފިލްމުތަކުން ފެނިފައިވާ އަދިތީ ރާއޯ ހައިދަރީ އާއި ދޭތެރެ ދޭތެރެ އިން ހިންދީ ފިލްމުތަކުން ފެންނަ ބެންގާލީ އެކްޓަރު ޕްރޮސެންޖީތު ޗެޓަޖީ އެވެ.
"ސްޓާޑަސްޓް" އަކީ ބޮލީވުޑްގައި ކަންކަން ހިނގާ ގޮތަށް ބިނާކޮށް ހަދާ އެއްޗެކެވެ.
މޮޓްވޭނޭ އަކީ ނެޓްފްލިކްސް އިން ގެނެސްދިން ސައިފް އަލީ ޚާންގެ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ގެ އެއް ޑައިރެކްޓަރެވެ.
ރިޕޯޓްތައް ބުނާގޮތުން އަންނަ މާޗް ނުވަތަ އެޕްރީލްގައި ޝޫޓިން ފަށާ "ސްޓާޑަސްޓް" އަކީ 10 ވަރަކަށް އެޕިސޯޑްގެ އެއްޗެކެވެ. އަދި މީގެ ކާސްޓުން އަޕަރްޝަކްތީ ކްރާނާ ވެސް ފެނިގެން ދާނެ އެވެ.
އެކްޓަރު ޓައިގާ ޝްރޮފްގެ އަޑުން ރެކޯޑްކުރި ދެވަނަ ލަވަ "ކެސަނޯވާ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
ލަވަ ނެރެން ހަމަޖެހިފައި ވަނީ މި މަހުގެ 13 ގަ އެވެ. "ކެސަނޯވާ" ލަވައިގެ މިއުޒިކް ވީޑިއޯ ޑައިރެކްޓްކުރީ ޓައިގާ 2019 ގައި ކުޅުނު ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ޑައިރެކްޓަރު ޕުނީތު މަލްއުތުރާ އެވެ.
މިދިޔަ އަހަރު ނެރުނު ޓައިގާގެ އަލަތު ލަވަ "އަންބިލީވަބަލް" ގެ ވީޑިއޯ ވެސް ޑައިރެކްޓްކުރީ އޭނަ އެވެ.
ޓައިގާގެ ކުރިއަށް ހުރި ފިލްމުތަކަކީ "ހިރޯޕަންތީ 2" އާއި "ގަންޕަތު" އާއި "ބާގީ 4" ގެ އިތުރުން "ރާމްބޯ" އެވެ.
މީގެ އަހަރުތަކެއް ކުރިން ޒީ ޓީވީން ގެނެސްދިން ކާމިޔާބު ސިލްސިލާ "ގުބޫލް ހޭ" ގެ ސީކްއެލްއެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ ވެބް ސީރީޒް "ގުބޫލް ހޭ 2.0" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.
މި ފަހަރު ވެސް ސީރީޒްގެ ލީޑް ރޯލް ކުޅެފައި ވަނީ ކުރީގެ ދެ ތަރިންނެވެ. އެއީ ކަރަން ސިންގް ގްރޯވާ އާއި ސުރްބީ ޖިއޯތީ އެވެ. ކަރަން އަކީ ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ އެވެ.
ޒީ5 އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ "ގުބޫލް ހޭ 2.0" ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ޒީ ނެޓްވޯކުން ބުންޏެވެ.
މި ސީރީޒްގެ ވަރަށް ބޮޑު ބައި ޝޫޓްކޮށްފައި ވަނީ ސާބިއާގަ އެވެ.