11 ޖެނުއަރީ 2021 - 00:48

ދަ ގްރާންޑޭ 1-0 އިން ބަލިކޮށް ކްލަބް ގްރީންސްޓްރީޓްސް އިން މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
މިރޭގެ މެޗުގައި ގްރީންގެ ހަމައެކަނި ގޯލް 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕެނިޝް ފޯވާޑް އެންހެލް މުނޯޒެވެ. މިއީ ހަލީލް ގަމަލް ދިން ބޯޅަ އަކަށް އަރައި އޭރިއާ ތެރެއިން ގޯލްކީޕަރު ކައިރިން ނައްޓާލާފައި އޭނާ ޖެހި ގޯލެކެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެންހެލް ނެގި ހުރަހަކުން ގްރީންގެ އަބްދުﷲ ޔާމީން ގޯލެއް ޖެހުމާ ގާތަށް ދިޔަ އެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ގޯލަށް އޮއްސާލަން ޖެހި ބޯޅަ ދަ ގްރާންޑޭގެ ގޯލްކީޕަރު އިޔާން އަބްދުލްއަލީމް ސަލާމަތްކުރީ އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު ދަ ގްރާންޑޭ އިން އެއްވަރުކުރުމާ ގާތަށް ދިޔަ އެވެ. އެކަމަކު ސިޒާން އަހުމަދު ނެގި ބޯޅަ އޭރިއާ ތެރެއިން ޝިފާން ހަސަން ޖެހުމުން އަމާޒުވީ ދަނޑި އަށެވެ.
އޭގެ ފަހުން 59 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ ކެޕްޓަން ޔަސްފާދު ހަބީބް (މުލަކޭ) ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ގޯލުގެ ރޮނގު މަތިން ބައުސްވެގެން ދިޔައީ އެވެ.
މެޗުގެ ފަހުކޮޅު ދަ ގްރާންޑޭ އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެ ވަގުތު ގްރީންގެ ފަރާތުން ފެނުނީ މެޗު ލަސްކުރަން މަސައްކަތްކުރި މަންޒަރެވެ. ވަރަށް ގިނަ ކުޅުންތެރިންނަށް އަނިޔާވެގެން އަށިގަނޑު އަރުވަން ޖެހުނެވެ.
ގްރީންގެ ކޯޗު އަލީ ނިސްތާރު ބުނީ ބުރަ މަސައްކަތުން މި ލިބުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށާއި ފުރަތަމަ މޮޅާ އެކު ދެން ކުރިއަށްދާނީ މެޗަކަށް ފަހު މެޗަކަށް ވިސްނައިގެން ކަމަށެވެ.
"ދެން އޮތީ އީގަލްސް. އެ ޓީމު ވެސް އެއައީ ފުރަތަމަ މޮޅު ހޯދައިގެން. ލީގަކު ނެތް ފަސޭހަ ޓީމެއް،" ނިސްތާރު ބުންޏެވެ.
މެޗު ލަސްކުރަން ކުޅުންތެރިންނަށް އިރުޝާދު ދިނިންތޯ ނޫސްވެރިއަކު އެހުމުން ނިސްތާރު ބުނީ ނުކުތީ ތިން ޕޮއިންޓަށް ކަމަަށާއި އެކަން ހާސިލްކުރަން ކުރެވެ ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
މުލަކޭ ފޮނުވާލި ބޯޅައަށް އިޝާރާތްކޮށް ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ "ބަލިވީ ގޯލެއް ޖަހައިގެން" ކަމަށެވެ. އެ ބޯޅަ ގޯލް ރޮނގު ހުރަސްކުރި ކަމަށް ދަ ގްރާންޑޭ އިން އެޕީލް ކުރި ނަމަވެސް ރީޕްލޭ އިން ފެންނަ ގޮތުގައި ބޯޅަ ޖެހުނީ ރޮނގު މަތީގަ އެވެ.
ލީގުގައި ފުރަތަމަ ފަހަރަށް ބަލިވި ބަލިވުމާ ބެހޭގޮތުން އިންމަ ބުނީ މީގެ ސަބަބުން އޭނާގެ ޓީމު މާޔޫސްނުވާނެ ކަމަށާއި މިއަދު ވެސް ފެނިގެން ދިޔައީ ފަހު ވަގުތާ ހަމަޔަށް މަސައްކަތްކުރިތަން ކަމަށެވެ. އަދި ދެން އޮންނަ މެޗާ އެކު އަލުން ފޯމަކަށް އެޅޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ބުންޏެވެ.
ގްރީން އިން މެޗު ލަސްކުރި ކުރުމާ ބެހޭގޮތުން ސުވާލުކުރުމުން އިންމަ ބުނީ މެޗުގެ އޮއިވަރު ދާ ގޮތުން ކޮންމެ ޓީމަކުން ވެސް މެޗު ލަސްކޮށްފާނެ ކަމަށާއި އޭނާގެ ޓީމުން ވެސް އެފަދަ ހާލަތެއްގައި އެކަންނުކުރާނެޔެކޭ ބުނާކަށް ނުކުރޭނެ ކަމަށެވެ.
"ޑިލޭ ކޮށްފިއްޔާ ރެފްރީ އަށް އެނގެނީ އިތުރަށް ދޭނެ ވަގުތެއް،" އިންމަ ބުންޏެވެ.
މިއަދު ރެފްރީ ދިނީ އެންމެ ހަތަރު މިނެޓެވެ. އެއީ އެކަށީގެންވާ އަދަދެއްތޯ އެހުމުން އިންމަ އެކަމަށް ކޮމެންޓް ކުރަން އިންކާރުކުރި އެވެ. އެފްއޭއެމުން ކްލަބްތަކާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކޯޗުންނަށް ރެފްރީންނަށް ފާޑެއް ނުކިޔެ އެވެ.