11 ޖެނުއަރީ 2021 - 12:40

ޖަކާޓާ (ޖެނުއަރީ 11) - ހޮނިހިރު ދުވަހު ކަނޑަށް ވެއްޓުނު އިންޑޮނީޝިއާގެ ބޯޓުން 62 މީހުން ދަތުރުކުރި އެވެ. ދިރިހުއްޓާ އެއްވެސް މީހަކު ފެންނާނެކަމުގެ އުއްމީދެއް ނެތެވެ.
ބޯޓުން ދަތުރުކުރި އެއްވެސް މީހަކާ ބެހޭ މައުލޫމާތު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް އާއިލާ އާއި ރަހުމަތްތެރިންގެ ފަރާތުން ބައެއް މައުލޫމާތުތައް ވަނީ އާއްމުކުރަން ފަށައިފަ އެވެ.
"އަހަރެމެންނަށް ވަނީ ބޮޑު ހިތާމައެއް ލިބިފައި. ހެޔޮގޮތެއް މެދުވެރި ކުރައްވާތޯ ދުއާ ކުރަމުން މިދަނީ،" ސްރިވިޖާޔާ އެސްޖޭ182 ފްލައިޓުގެ ޕައިލެޓް އަފްވާނަށް ބޮޑުބޭބެ ކިޔާ ފާޒާ މަހަރްދިކާ ބުންޏެވެ.
ކެޕްޓަން އަފްވާން، 54، މިދިޔަ ހޮނިހިރު ދުވަހު ދަތުރަށް ނުކުތީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އާއްމުކޮށް ވަރަށް ރީތިކޮށް ހެދުން އަޅާ އަފްވާން އެ ދުވަހު ދިޔައީ ގަމީސް ވެސް އިސްތިރިނުކޮށް ކަމަށް މަހަރްދިކާ ބުންޏެވެ.
ކެޕްޓަން ވަނީ އޭނާގެ ތިން ދަރިން ދޫކޮށް އަނެއްކާވެސް ފުރަން ޖެހޭތީ އެ ކުދިންގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.
ކެޕްޓަން އަފްވާން މަތިންދާ ބޯޓު ދުއްވުމުގެ ކެރިއަރު ފެށީ އެއާ ފޯސް އިންނެވެ. އޭގެ ފަހުން އޭނާ ވަނީ 1987 ވަނަ އަހަރު ކޮމާޝަލް ޕައިލެޓަކަށް ބަދަލުވެފަ އެވެ.
އަފްވާންގެ އާއިލާ އާއި ރަހުމަތްތެރިން ބުނާ ގޮތުގައި އެއީ ވަރަށް ފަރުވާތެރި، ދީންވެރި މުސްލިމެކެވެ. ވެސްޓް ޖާވާގެ ބޮގޯ ޓައުންގެ އަވަށްޓެރިންނަށް އަޅައި އެހީތެރިކަން ފޯރުކޮށްދޭ ދީލަތި މީހެކެވެ.
"އެއީ ވަރަށް ރަނގަޅު ހެޔޮ ލަފާ މީހެއް. ވަރަށް ރަނގަޅު ނަސޭހަތް އަބަދުވެސް މީހުންނަށް ދޭނީ. އަފްވާން އަކީ އޭނާ އުޅޭ ހިސާބުގައި ދީލަތިކަމަށް ވަރަށް ފާހަގަކޮށްލެވޭ މީހެއް،" މަހަރްދިކާ ބުންޏެވެ.