10 ޖެނުއަރީ 2021 - 23:24

މިދިޔަ ދެ ދުވަސްތެރޭގައި ބިޔާދޫ ރިސޯޓުން އިތުރު 21 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.
އެ ސެންޓަރުން ބުނިގޮތުގައި މިހާތަނަށް އެ ރަށުން 53 މީހަކަށް ވަނީ ބަލިޖެހިފަ އެވެ. އެއީ މުޅިން ވެސް ރިސޯޓުގެ މުވައްޒަފުންނެވެ.
ބިޔާދޫގައި ކޮވިޑް ޖެހިގެން އެންމެ ފުރަތަމަ މީހަކު ރިޕޯޓު ކުރީ މި މަހު 1 ގަ އެވެ. އޭނާއަށް ބަލި ޖެހުނުކަން އެނގުނީ، އަލާމާތްތައް ފެނިގެން މާލެ އައިސް ޓެސްޓު ހެދުމުންނެވެ. ބައްޔަށް އޭނާ ޕޮޒިޓިވްވި އިރު އެކުގައި އުޅުނު 15 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.
މި ފަހަކަށް އައިސް ރިސޯޓުތަކުން ބަލި ޖެހޭ މީހުން އިތުރުވާތީ އެކަމަށް ސަމާލުވާން އެޗްއީއޯސީން ވަނީ އެދިފަ އެވެ. ހާއްސަކޮށް އެތަންތަނުގެ މުވައްޒަފުންނެވެ. އެއީ ގިނަ މުވައްޒަފުން ދިރިއުޅެނީ އެއް ތަނެއްގައި ކަމަށް ވުމުން އެ މީހުންގެ ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވުމުންނެވެ.
މިކަމަށް ހައްލެއް ގެނައުމަށް، ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޓެސްޓު ކުރުމާއި މާލެ އާއި ރާއްޖޭން ބޭރުގައި ތިބެފައި މުވައްޒަފުން ރިސޯޓަށް ދާއިރު ކަރަންޓީނުވުން މުހިއްމު ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.