ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 44 މީހުން
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 44 މީހުން

ކޮވިޑް-19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިިވްވީ 44 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ ބުނިގޮތުގައި އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 ގެ ނިޔަލަށް މާލޭ ސަރަހައްދުން ބަލި ޖެހުނީ 24 މީހުންނަށެވެ. މީހުން ދިރިއުޅޭ ރަށްރަށުން 16 މީހަކު ޕޮޒިޓިވްވި އިރު ރިސޯޓުތަކުން ބަލި ޖެހުނީ ހަތަރު މީހުންނަށެވެ.

ގއ. ދެއްވަދޫގައި މިހާރު ކޮވިޑް-19 ފެތުރެމުން ދާއިރު އެ ރަށުން ނުވަ މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 22 އަށް އަރައިފަ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މިހާރު ބަލިޖެހިފައި ތިބީ 717 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 52 މީހަކަށެވެ.

މިދިޔަ އޭޕްރީލް މަހުން ފެށިގެން މާލެ ތެރޭގައި ފެތުރެން ފެށި ކޮވިޑްގައި މިހާތަނަށް މަރުވެފައި ވަނީ 49 މީހުންނެވެ.

ކޮވިޑްގެ ހާލަތު މާލޭގައި މިހާރު ރަނގަޅުވަމުން އައި ނަމަވެސް، ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. އަދި މާލޭން ރަށްރަށަށް ދާ މީހުންގެ ފަރާތުން، ރަށުތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން، ކަރަންޓީނުވުން ފަދަ ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.