ދެއްވަދޫގައި ކުރިންސުރެ ދިޔައީ ކޮވިޑް ފެތުރެމުން: އެޗްއީއޯސީ
ދެއްވަދޫގައި ކުރިންސުރެ ދިޔައީ ކޮވިޑް ފެތުރެމުން: އެޗްއީއޯސީ

ގއ. ދެއްވަދޫގައި ކޮވިޑް-19 ފެތުރުނީ ކަރަންޓީނުގައި ހުރި ފަރާތުން ކަމަށް ކުރިން ބެލެވުނު ނަމަވެސް، އެހެން ގޮތަކަށް ރަށުތެރޭގައި ބަލި ފެތުރުނީ ކަމަށް މިހާރު ބެލެވޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބުނެފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދެއްވަދޫގައި ބަލި އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ކަރަންޓީނުގައި ހުރި މީހާ ޕޮޒިޓިވްވުމުގެ ކުރިން އެ ރަށުގައި ބަލި ފެތުރިއްޖެ ކަމަށެވެ. އެހެންވެ، އެޗްއީއޯސީން ލަފާކުރަނީ ކޮންމެވެސް އެހެން ގޮތަކުން އެ ރަށުގައި ކޮވިޑް ފެތުރެމުން ދިޔައީ ކަމަށެވެ.

ދެއްވަދޫން އެންމެ ފުރަތަމަ ޕޮޒިޓިވްވި ކަމަށް ކުރިން ބުނެފައި ވަނީ މާލޭން ރަށަށް ގޮސް، ކަރަންޓީނުގައި ހުރި އާއިލާއަކުން ހަތަރު މަހުގެ ތުއްތު ކުއްޖެއް ކަމަށެވެ. ކަރަންޓީނު ނިމުމަށް ފަހު އާއިލާގެ އެންމެންގެ ނަތީޖާ ނެގެޓިވް ކަމަށް ބުނުމުން އެ ކުއްޖާ ވަނީ ބޭރަށް ނެރެފަ އެވެ. ފަހުން ޕޮޒިޓިވްވީ، އެ ކުއްޖާ އުރި ތިން މީހުންގެ ތެރެއިން މީހެކެވެ.

ތުއްތު ކުއްޖާގެ މަންމަ މިއަދު "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ އެ މީހުން ރަށަށް ދިޔަ އިރު ވެސް ރަށުގެ ބައެއް މީހުން ހުން އައިސް ބަލިވެ އުޅުނު ކަމަށާއި ކުއްޖާ އުރައިގެން ޕޮޒިޓިވްވި މީހާ ވެސް އެ ގެއަށް ދިޔައިރު ބަލީގެ އަލާމާތްތައް ހުރި ކަމަށެވެ. އަދި އެ ގޭގެ އެހެން މީހުން ވެސް ކުރިންސުރެ އުޅުނީ ބަލިވެ ކަމަށް އޭނާ ބުނެފައިވެ އެވެ. އޭނާ ވެސް މިއަދު ތުހުމަތު ކުރީ، އެހެން ގޮތަކަށް ރަށު ތެރޭގައި ބަލި ފެތުރިގެން އުޅޭ ކަމަށެވެ.

އެޗްއީއޯސީން މިރޭ ބުނިގޮތުގައި ދެއްވަދޫން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 22 އަށް އަރައިފަ އެވެ. އެއީ ދެއްވަދޫގައި ތިބި 16 މީހަކާއި އެ ރަށުން ލ. ފޮނަދު އަށް ދިޔަ ހަތަރު މީހަކާއި ހުޅުމާލޭގައި ހުރި އެ ކްލަސްޓާގައި ހިމެނޭ ދެ މީހެކެވެ. އެ މީހުންނާ ގުޅުން ހުރި 149 ކޮންޓެކްޓުން މިހާރު ހޯދާފައިވާއިރު އޭގެ ތެރޭގައި ހައި ރިސްކް ކެޓެގަރީގެ 55 މީހުން ހިމެނެ އެވެ.

ދެއްވަދޫގައި މިިހާތަނަށް ވަނީ 163 މީހުންގެ ސާމްޕަލް ނަގައިފަ އެވެ. އޭގެ ތެރެއިން 78 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު، ބާކީ ނަތީޖާ މިރޭ ލިބޭނެ ކަމަށް އެޗްއީއޯސީން ބުންޏެވެ.

އެޗްޕީއޭ އިން މިހާރު ވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގެ ފަހުން ދެއްވަދޫން އެހެން ރަށްރަށަށް ފުރި މީހުން ކަރަންޓީނު ވުމަށް އަންގއިފަ އެވެ. ނޮވެމްބަރު 3 ގެ ފަހުން، ދެއްވަދޫން ފުރާފައިވާ މީހެއް ނަމަ ވީ އެންމެ އަވަހަކަށް އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށް އެންގުމަށާއި ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީންގައި ތިބުމަށް ވެސް އަންގައިފައިވެ އެވެ.