10 ޖެނުއަރީ 2021 - 18:32

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 3-0 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަލުން އެއް ވަނަ އަށް ޖެހިލައިފި އެވެ.

މާޒިޔާ އަށް އެއް ވަނަ ގެއްލުނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެލެންސިއާ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެއްވަރުވުމުންނެވެ. އެކަމަކު ރޭ ވެލެންސިއާ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބާ އެއްވަރުވެފައި އޮތުމުން މިއަދު މޮޅުވެގެން މާޒިޔާ އަށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އާ ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅުނު ފުރަތަމަ މެޗުން މި ހޯދި މޮޅާ އެކު އެއް ވަނަ އަށް ޖެހިލީ ފަސް މެޗުން 11 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ވެސް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވީ ނަމަވެސް އެ ޓީމުގެ އޮތީ މާޒިޔާ އަށް ވުރެން މަދު ފައިދާ ގޯލެވެ.
މާޒިޔާގެ ކޯޗު ވިޑަކޮވިޗް ބުނީ އޭނާ ބޭނުންވި ކުޅުން ފެނުނީ ފުރަތަމަ ހާފު ކަމަށާއި ދެ ވަނަ ހާފްގައި އެކި ކަހަލަ އުނދަގޫތަކެއް ހުރުމުން މައްސަލަތަކެއް ދިމާވި ކަމަށެވެ. އަދި ބޭނުންވާ ގޭމް ކުޅެން ބަލާއިރު ދަނޑުގެ ވިނަގަނޑު އޮތްގޮތުން ދަތިތަކެއް ހުރި ކަމަށާއި އެ ކަންތައްތަކަށް ވިސްނައިގެން ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"ކުރިން ވެސް ބުނިގޮތަށް ދެ ދުވަހެއް ވަރު ޕްރެކްޓިސް ކޮށްލައިގެން ބޭނުންވާ ލެވަލަށް ގެންދަން އުނދަގޫވާނެ. އެކަމަކު ފުރަތަމަ ހާފުގައި އެ ފެނުނު ކުޅުމުން އަހަންނަށް ބުނެވިދާނެ މީގެ ރަނގަޅަށް ދާނެކަންކަން. މި މެޗުން ރަނގަޅުކުރެވޭނެ ގިނަ ކަންކަން ފެނިއްޖެ އެ އަށް މަސައްކަތްކުރާނަން. މޮޅުވުމުން ހިތްހަމަޖެހޭ،" ވިޑަކޮވިޗް ބުންޏެވެ.
މެޗު ފަށައިގެން ސަސް ހާފުގެ ތެރޭގައި ބޯޅަ ހިފަަހައްޓައިގެން މާޒިޔާ އިން ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ އެވެ. ސަސް އަށް އުނދަގޫކަމަކަށް ދިމާވީ މާޒިޔާގެ ކުރިއަށް ކުޅެމުންދިޔަ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ހުއްޓުވާށެވެ. މެޗުގެ އަށް ވަނަ މިނިޓްގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން ކޯނޭ ޖެހި ބޯޅަ ސަސްގެ ގޯލުގައި ހުރި އުޒްބެކިސްތާންގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ވަނީ މަތަކޮށްފަ އެވެ.
މާޒިޔާ އިން ލީޑުނެގީ މެޗުގެ 15 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން މުހައްމަދު އުމެއިރު ވައްދާލި ގޯލުންނެވެ. މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އުމެއިރު ޖެހި ހިލޭ ޖެހުން ގޯލުގެ ކަނަށް އަމާޒުވިއިރު އެ ބޯޅަ ހުއްޓުވަން ކީޕަރު މިރްޒޮހިދަށް މާބޮޑު ކަމެއް ނުކުރެވުނެވެ. ދެ ވަނަ ލަނޑެއް ޖަހަން މާޒިޔާ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 30 ވަނަ މިނިޓްގަ އެވެ. އޭރިއާ ބޭރުން ކޯނޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ މި ސީޒަނުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ރީތި އެއް ގޯލެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޯނޭ ވަނީ މާޒިޔާ އަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ކޯނޭ މި ގޯލު ޖެހީ ކީޕަރު މިރްޒޮހިދު ކައިރިން ނައްޓާފައި ގޮހެވެ.
ސަސް އިން މެޗުގައި ގޯލާ ސީދާކޮށް ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 51 ވަނަ މިނިޓްގަ އެވެ. ސަސްގެ އަހުމަދު އައިހަމް ޖެހި ބޯޅަ ގޯލުގެ ރޮނގުމަތިން ސަލާމަތްކުރީ މާޒިޔާގެ ސާބިއާ ޑިފެންޑަރު ޕީޓަ ޕްލަނިޗް އެވެ.
ދެ ވަނަ ހާފްގައި މާޒިޔާ އަށް ލަނޑު ޖަހައިދޭން ފުރަތަމަ ފުރުސަތު ލިބުނީ މެޗުގެ 81 ވަނަ މިނިޓްގައި ފޭދޫ އިއްބެ އަށެވެ. ހަމްޕު ޖެހި ބޯޅައެއް ކީޕަރު މިރްޒޮހިދު އަތުގައި ޖެހިފައި ފޭދޫ އިއްބެ އަށް ލިބުމުން އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
މިއީ މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސަސް ބަލިވި ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން އެ ޓީމުން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. ސަސް ބަލިވުމުން ލީގުގައި މިހާރު ބަލިނުވެ އޮތް ދެ ޓީމަކީ މާޒިޔާ އާއި ވެލެންސިއާގެ އިތުރުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.
ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މެޗުން ބަލިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ފުރަތަމަ ހާފު ދަށްކޮށް ދިއުން ކަމަށެވެ.
"އަސްލުގައި (މާޒިޔާ އަތުން) ޕޮއިންޓެއް ލިބުމަކީ. ވަރަށް ބޮޑަށް ވިސްނަައިގެން ނުކުތީ ބައެއް ކުޅުންތެރިން އިންޖަރީނުވެ ކާޑު ދައްކާފައި ތިބި ކުޅުންތެރިން ކާޑެއް ނުހޯދާ މި މެޗުން ސަލާމަތްވާން. އެހެންވީމަ އެކަންކަމުން ޕްލޭނާ އެއްގޮތަށް ދިޔަ. އެކަމަކު ކުޅުމަށް ބަލާއިރު ފުރަތަމަ ހާފުގައި ޕްލޭނާ އެއްގޮތަށް ނުދިޔަ،" ނާދު ބުންޏެވެ.
ސަސްގައި ތިބި ޖަޕާނުގެ ދެ ކުޅުންތެރިންނަކީ ހަގީގަތުގައި އެންމެ ރަނގަޅު ކުޅުންތެރިންގެ ގޮތުގައި ނުދެކޭ ކަމަށާއި ލެވަލަށް ބަލާއިރު އެއީ ހަމަ ދިވެހި ކުޅުންތެރިންނަށް ވެސް ކުޅެވޭނެ ވަރުކަން ނާދު ފާހަގަކުރި އެވެ. އެ މަގާމުތަކަށް ޓްރާންސްފާ މާކެޓްގައި ބަދަލުތަކެއް ގެންނަން ބޭނުންވާ ކަމަށް ނާދު ބުންޏެވެ.