މިދިޔަ އަހަރު ޕާސްޕޯޓް ހެއްދީ 13،600 މީހުން
މިދިޔަ އަހަރު ޕާސްޕޯޓް ހެއްދީ 13،600 މީހުން

މިދިޔަ އަހަރު ޕާސްޕޯޓް ހެއްދީ 13،600 މީހުން ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު މާލެ އިން 9،800 ޕާސްޓްޕޯޓް ޕްރޮސެސް ކޮށްފައިވެ އެވެ. މީގެ އިތުރުން ސ. ހިތަދޫ އާއި ފުވައްމުލަކާއި ހދ. ކުޅުދުއްފުއްޓާއި ހއ. ދިއްދޫން ވެސް ޕާސްޕޯޓް ޕްރޮސެސްކޮށްފައިވެ އެވެ.

މިއީ 2019 ވަނަ އަހަރު ހެއްދި ޕާސްޕޯޓަށްވުރެ 70 ޕަސެންޓް ދަށް އަދަދެކެވެ. އެ އަހަރު 51،900 ޕާސްޕޯޓް ޕްރޮސެސް ކޮށްފައިވެ އެވެ. އިމިގްރޭޝަނުން ބުނީ، މިދިޔަ އަހަރު ޕާސްޕޯޓު ހެއްދުން އެހާ ބޮޑަށް މަދުވީ ދަތުރުފަތުރު ކުރުން ހުއްޓި، ކޮވިޑާ ގުޅިގެން ގިނަ ދުވަސްތަަކަކަށް އޮފީސް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ކަމަށެވެ.

މިދިޔަ އަހަރު ޕާސްޕޯޓުގެ އިތުރުން 39 ޕާސްޕޯޓް ކާޑު ވެސް ހައްދައިފައިވެ އެވެ. ރާއްޖޭގައި މިހާރު ބޭނުން ކުރާ ޕާސްޕޯޓަކީ މި ސަރަހައްދުގައި ވެސް އެންމެ ވަރުގަދަ އެއް ޕާސްޕޯޓެވެ. ވިސާ ހޯދުމެއް ނެތި ރާއްޖޭގެ ޕާސްޕޯޓުގައި 85 ގައުމަށް މިހާރު ދަތުރު ކުރެވެ އެވެ.

ރާއްޖޭގައި މިހާރު ބޭނުން ކުރާ ޕާސްޕޯޓު ތައާރަފްކުރީ 2016 ވަނަ އަހަރު އެވެ. ޒަމާނީ އަދި ހައި ސެކިއުރިޓީ ފީޗާތަކާ އެކު ތައާރަފްކޮށްފައިވާ މި ޕާސްޕޯޓުގެ ޑޭޓާ ޕޭޖުތައް ތައްޔާރުކޮށްފައި ވަނީ ޕޮލިމާ ބޭނުންކޮށްގެންނެވެ.