10 ޖެނުއަރީ 2021 - 15:32

ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމަށް، އެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި މަބްރޫކް އަޒީޒް މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަސްވަރުން ފެށިގެން މިހާތަނަށް ސްޕޯކްސްޕާސަންގެ ޒިންމާތައް އަދާކުރައްވަމުން ގެންދެވީ، ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމުގައި ހުންނެވި އިބްރާހިމް ހޫދެވެ.
ސްޕޯކްސްޕާސަންގެ ހައިސިއްޔަތުން، ހޫދު އެންމެ ފަހުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްޕޯކްސްޕާސަންގެ މަގާމަށް މަބްރޫކް އައްޔަންކުރައްވާފައިވާ ކަމަށެވެ. ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ ހައިސިއްޔަތުން ދެން އިސްކަން ދެއްވާނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ކަންތައްތަކަށް ކަމަށް ވިދާޅުވި އެވެ.
މަބްރޫކު ވަނީ، ކޮވިޑް-19 އާ ގުޅޭ ކަންތައްތައް ބަލަހައްޓަމުން ދިޔަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ސްޕޯކްސްޕާސަންކަން ވެސް ކުރައްވައިފަ އެވެ. އެންއީއޯސީން އޭރު ބާއްވަމުން ދިޔަ ނިއުސް ކޮންފަރެންސްތަކުގައި، ބަލިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުން ދިޔަ ފިޔަވަޅުތަކާ ގުޅޭ މުހިއްމު މައުލޫމާތުތައް ހިއްސާކޮށްފައި ވެ އެވެ.
ޕޮލިޓިކަލް ސައިންސް އަދި ޕަބްލިކް ސްޕީކިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ މަބްރޫކް، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފެލިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އެވެ. ނަމަވެސް ހަނި ގޮތަކުން އެ ގޮނޑި އޭނާއަށް ނާކާމިޔާބުވެވަޑައިގެންނެވީ އެވެ.