06 ނޮވެމްބަރ 2016 - 18:32

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
އަލީމްގެ އިތުރުން ޕީޕީއެމްގެ އެސިސްޓަންޓް ރެޖިސްޓްރާ ފާތުމަތު ޝަހީދާ ވެސް ފުލުސް އޮފީހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. ނަމަވެސް އެ ދެ ބޭފުޅުން ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.
އަލީމް ވިދާޅުވި ގޮތުގައި އޭނާ ހާޒިރު ކުރަނީ މިރޭ 21:30 އެވެ. ޝަހީދާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ މިރޭ 8:30 ގަ އެވެ.
"ފުލުހުން ބުނީ ބަލަމުން ދާ މައްސަލައެކޭ، ކޮން މައްސަލައެއް ކަމެއް ނޭނގޭ،" އަލީމް ވިދާޅުވި އެވެ.
އަލީމް އާއި ޝަހީދާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ހ. ތެމާގައި ހިންގި ޕީޕީއެމްގެ އޮފީހުގައި ހުރި ލިޔެކިޔުންތައް ބަޔަކު ނައްތާލި މައްސަލައެއް ރައީސް އަބްދުﷲ ޔާމީން ފެކްޝަނުން ފުލުހުންނަށް ހުށަހަޅާފައިވަނިކޮށެވެ. ރައީސް ޔާމީން ފެކްޝަނުން ބުނި ގޮތުގައި ކޯޓު އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ އެހީތެރިކަމާ އެކު، ޕީޕީއެމްގެ އޮފީހަށް ވަދެ ތަކެތި ގެންދިޔައިރު، ބައެއް ކޮމްޕިއުޓަރުތަކުގައި ހާޑް ޑްރައިވް ނެތް ކަމަށާއި، ހާޑްޑްރައިވް ހުރި ކޮމްޕިއުޓަރުތަކުގައި ހުރި އެއްޗެހި ފޮހެލާފައިވާ ކަމަށެވެ.
ރައީސް ޔާމީން ފެކްޝަނުން ބުނީ ޕީޕީއެމްގެ ހިސާބުތަކާއި ޖަލްސާތަކުގެ ޔައުމިއްޔާތަކާއި އެކި ފަރާތްތަކާ އެކު ހަދާފައި ހުރި އެއްބަސްވުންތައް ފަދަ މުހިންމު ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށެވެ.
ހިޔާލު ތަފާތުވުން އުފެދި ދެ ބައި ވެފައިވާ ޕީޕީއެމްގެ ބާރުތައް މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ކޯޓުން ހަވާލުކުރުމާ އެކު ޔާމީންގެ ސަޕޯޓަރުންނާއި މައުމޫންގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުން ހިނގައި އަދި ދެ ފެކްޝަނުން ވެސް ޕާޓީގެ ނަމުގައި ދަނީ ކަންކަން ނިންމަމުންނެވެ.