10 ޖެނުއަރީ 2021 - 14:07

ނިއު ދިއްލީ (ޖެނުއަރީ 10) - އިންޑިއާގައި ކޮރޯނާވައިރަހުގެ ވެކްސިން ދޭން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް ސަރުކާރުން އިއުލާންކޮށްފި އެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ވެކްސިން ޕްރޮގްރާމް ފެށުމަކީ ބޮޑު ކާމިޔާބެއް ކަމަށާާއި އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުން ކަމަށެވެ. އިންޑިއާގެ އާބާދީ އަކީ 1.3 ބިލިއަނެވެ.
ވެކްސިންގެ ޑޯޒް ފުރަތަމަ ދޭ މީހުންގެ ތެރޭގައި ހެލްތުކެއާ ސްޓާފުންނާއި ފްރަންޓްލައިން މަސައްކަތްތެރިން ހިމެނެ އެވެ. ސަރުކާރުން ބުނެފައި ވަނީ އޭގެ ފަހުން ވެކްސިން ދޭނީ 50 އަހަރުން މަތީގެ މީހުންނަށް ކަމަށާއި 50 އަހަރު ފުރިފައި ނުވި ނަމަވެސް ބޮޑު ބައްޔެއްގައި އުޅެމުންދާ މީހުންނަށް ކަމަށެވެ. ވެކްސިން ދިނުމުގެ ކުރިން މިހާރު ވަނީ 700 ޑިސްޓްރިކްޓުގެ 150،000 ސްޓާފުންނަށް ތަމްރީނު ދީފަ އެވެ.
ފުރަތަމަ ފޭސް އަމާޒުކޮށްފައި ވަނީ ހެލްތު ވޯކަރުންނާއި ފްރަންޓްލައިން ސްޓާފުންގެ 30 މިލިއަން މީހުންނާއި 50 އަހަރުން މަތީގެ 270 މިލިއަން މީހުންނަށެވެ.
ކޮރޯނާވައިރަހަށް ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 10.3 މިލިއަން މީހުން ޕޮޒިޓިވްވެފައިވާ އިރު 150،000 މީހުން ވަނީ މަރުވެފަ އެވެ.
އިންޑިއާ އިން ވަނީ ދެ ވެކްސިނަކަށް ހުއްދަ ދީފަ އެވެ. އެއީ އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ކޮވިޝީލްޑާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ބާރަތު ބަޔޯޓެކުން އުފެއްދި ކޮވެކްސިނެވެ. އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން ވަނީ އޮކްސްފޯޑުގެ ވެކްސިންގެ 50 މިލިއަން ޑޯޒް އުފައްދައިފަ އެވެ. މާޗް މަހާ ހަމައަށް ދާއިރު މަހަކު 100 މިލިއަން ޑޯޒް އުފައްދާނެ ކަމަށް، ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ސީރަމް އިން ބުނެ އެވެ.