10 ޖެނުއަރީ 2021 - 12:46

އިސްލާމްއާބާދު (ޖެނުއަރީ 10) - މުޅި ޕާކިސްތާނުން ރޭ ދަންވަރު ކަރަންޓް ކެނޑި ގައުމު އަނދިރިކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

އާބާދީގައި 210 މިލިއަން މީހުން ހިމެނޭ ޕާކިސްތާނުގެ ހުރިހާ ސިޓީތަކުން ވަނީ ކަރަންޓް ކެނޑުމުގެ މައްސަލަ ރިޕޯޓްކޮށްފަ އެވެ. ރޭ ދަންވަރުން ފެށިގެން ކަރަންޓާ ނުލައި އުޅެން ޖެހުމުން ގޭބިސީތަކުގެ މީހުންނަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ. އޮފިޝަލުން ވަނީ އެންމެން ވެސް ކެތްތެރިކަމާ އެކު ތިބުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ހުރިހާ ސަރަހައްދުތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ވަގުތު ނަގާނެ ކަމަށް ވަނީ ބުނެފަ އެވެ.
ކަރަންޓް ކެނޑުމަކީ ޕާކިސްތާނުގައި އާއްމު ކަމެކެވެ. އެކަމަކު މުޅި ގައުމުން އެއްފަހަރާ ކަރަންޓް ކެނޑުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. ކަރަންޓް ކެނޑޭތީ ހޮސްޕިޓަލް ފަދަ މުހިންމު ތަންތަނުގައި ވަނީ ޑީސަލް ޖަނަރޭޓްތައް، ބެކަޕް ޕަވަ ސަޕްލައިގެ ގޮތުގައި ބަހައްޓައިފަ އެވެ. ކަރަންޓް ކެނޑުމުން ޕާކިސްތާނުގައި މީގެ ކުރިން ވަނީ މުޒާހަރާތައް ވެސް ކޮށްފަ އެވެ.
ޕާކިސްތާނުގެ އިލެކްޓްރިސިޓީ މިނިސްޓަރު އުމަރު އައްޔޫބު ޚާން ވިދާޅުވީ މުޅި ގައުމުން ކަރަންޓް ދިޔައީ ޓްރާންސްމިނިޝަން ސިސްޓަމްގެ ފްރިކްއެންސީ ކުއްލިއަކަށް ދަށްވުމުން ކަމަށެވެ. އޭނާ ފަހުން ވިދާޅުވީ ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕިޝާވަރު ސިޓީ ވެސް ހިމެނެ އެވެ. ކަރަންޓް ކެނޑެން ދިމާވި ސަބަބު ހޯދަން ތަހުގީގު ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކަރަންޓް ކެނޑުނު ބޮޑެތި ސިޓީތަކުގެ ތެރޭގައި ވެރިރަށް އިސްލާމްއާބާދު، ކަރާޗީ އަދި ލާހޯރު ހިމެނެ އެވެ.
ހުޅަނގު ދެކުނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ ޕަވާ ޕްލާންޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގިން ޕާކިސްތާނުގެ ކަރަންޓް ނެޓްވޯކް 2013 ވަނަ އަހަރު ވަނީ އެއްކޮށް ފެއިލްވެފަ އެވެ.