10 ޖެނުއަރީ 2021 - 16:02

ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ޑޮލަރުން މުއާމަލާތްކުރެވޭ ލިމިޓް، މަހަކު 250 ޑޮލަރުން 150 ޑޮލަރަށް ކުޑަކުރި ކަމަށް، ސޯޝަލް މީޑިއާގައި ފަތުރަމުން ދަނީ ދޮގު ބަޔާނެއް ކަމަށް، އެ ބޭންކުން މިއަދު ބުނެފި އެވެ.
ގައުމީ ބޭންކުން ބުނީ އެ ލިމިޓް ދަށްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ނަމަވެސް މިހާތަނަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި މިފަދަ ބޮޑު ބަދަލެއް ގެންނަ ނަމަ އެ މައުލޫމާތު ރައްޔިތުންނާ ބޭންކުން ހިއްސާކުރާނެ ކަމަށް ވެސް، ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ބީއެމްއެލްގެ ކާޑުތަކުން ޑޮލަރުގެ މުއާމަލާތްތަކުގެ ލިމިޓް މަހަކު 250 ޑޮލަރަށް ދަށްކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެގޮތުން މިހާރު އާންމު އުސޫލުން ކޮންމެ ކާޑަކުން ވެސް ކެނޑޭނީ މަހަކު 250 ޑޮލަރެވެ. ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނާއި ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ތަފާތު މުއާމަލާތްތައް ހިންގާ އެތައް ކަސްޓަމަރުންނަކަށް، އެ ބަދަލުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވިޔަސް، ރާއްޖޭގެ ޓޫރިޒަމް ހުއްޓި ޑޮލަރުގެ ތާށިކަން އައުމުން، އެއީ އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް، އިގުތިސާދީ ތަޖުރިބާކާރުން ބުނެ އެވެ.
ކޮވިޑްގެ ބޮޑު ވެއްޓުމަށް ފަހު ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަންނަނީ ވަރަށް ބޮޑަށް ކުރިއަރަމުންނެވެ. އެހެންކަމުން ރާއްޖޭގައި ދައުރުވާ ޑޮލަރުގެ ނިސްބަތް މަތިވާނެ ކަމަށް ވެސް، ތަޖުރިބާކާރުން ދެކެ އެވެ.
ބީއެމްއެލުން ބުނީ އިގްތިސާދަށް އަންނަ ބަދަލުތަކާ އެކު މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ބަދަލުތައް ގެންނާނެ ކަމަށެވެ.