10 ޖެނުއަރީ 2021 - 11:28

ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކުރި ފަހުން ހުރިހާ ދަރިވަރުން ސްކޫލަށް ގޮސްގެން ކިޔެވުން ފަށަން ސްކޫލުތަކުން ތައްޔާރުވެފައިވަނީ ރައްކާތެރި މާހައުލެއް ޔަގީންވާ ގޮތަށް ކަމަށާއި އެހެންވެ ދަރިވަރުން ސްކޫލަށް ފޮނުވައިދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ އެދިވަޑައިގެންފި އެވެ.

މި ހިނގާ ދިރާސީ އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓްރީން އާއްމުކުރި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، މި ޓާމުގައި ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވެ ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ބޭބީ ނާސަރީން ފެށިގެން ގްރޭޑު 12ގެ ދަރިވަރުން ސްކޫލަށް ހާޒިރުވެ ކިޔެވޭނެ ގޮތަށް ސްކޫލުގެ ކަންކަން ތަރުތީބުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ވެގެން ދިޔައީ ވަރަށް ދަތި އަހަރަކަށް ކަމަށެވެ. ނަމަވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑުނަ ނުދިނުމަށްޓަކައި ޓީޗަރުންނާއި ބެލެނިވެރިން އަދި ސްކޫލުތަކުގެ ވެރިން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް، މާލެ ސަރަހައްދުގައި ގްރޭޑު ހަޔަކުން ފެށިގެން ދަށުގެ ދަރިވަރުންނަށް އަދި ކިޔަވައިދެވިފައެއް ނުވެ އެވެ. އެހެން ހިސާބުތަކުގައި މިދިޔަ އަހަރުގެ ޖުލައި 1 އިން ފެށިގެން އަންނަނީ ގްރޭޑު 1-12 އަށް ކިޔަވައިދެމުންނެވެ. ކުޑަ ދުވަސްކޮޅަކަށް ޕްރީ ސްކޫލު ދަރިވަރުންނަށް ވެސް ކިޔަވައިދީފައި ވެ އެވެ. އެހެންވެ މިއީ، ގާތްގަނޑަކަށް އަހަރެއް ފަހުން ހުރިހާ ދަރިވަރުންނާ ސްކޫލުން ބައްދަލުވާ ދުވަހެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުން ސްކޫލަށް ހާޒިރުވާން ބިރުގެންފާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ކަންބޮޑުނުވުމަށް އެދިވަޑައިގެން ދެއްވި ޔަގީންކަމަކީ ސްކޫލުތަކުގެ ރައްކާތެރި މާހައުލެވެ.

"އަޅުގަނޑަށް އެނގޭ ހުރިހާ ކުދިން ވެސް ތަންކޮޅެއް ބިރުގެންފާނެ ސްކޫލަށް ހާޒިރުވެ ކިޔެވުމަށް. އެކަމަކު އަޅުގަނޑު ދަންނަވާލަން އޮތީ ކަންބޮޑުނުވާށޭ، އަޅުގަނޑުމެން ސްކޫލުތަކުގެ ތައްޔާރީތައް ވެފައި މިހުރީ ސްކޫލު މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައޭ. އަދި ހަމަ މި ގޮތަށް އަޅުގަނޑުމެންގެ ހުރިހާ މުދައްރިސުންނާއި ސްކޫލުތަކުގެ އެކިއެކި މުވައްޒަފުން ދަނީ މަސައްކަތްތައް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުން ސްކޫލަށް ހާޒިރުވުމުގެ ފުރުސަތު ނުލިބި ގޭގައި ތިބެން ޖެހުމުން އެ ދަރިވަރުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ވާނެ ކަމަށެވެ. އެހެންވެ ދަރިވަރުން ސްކޫލަށް ފޮނުވައިދިނުމަށް ބެލެނިވެރިންގެ ފަރާތުން އެދިވަޑައިގެންފައި ވެ އެވެ.
"...ކުދިން ސްކޫލަށް ފޮނުއްވަވައިދެއްވާށޭ، އަޅުގަނޑުމެން ޔަގީންކަން އަރުވަމޭ ސްކޫލުތަކުގެ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހަދައިދޭނެކަން. އެގޮތުން އަޅުގަނޑުމެން ސްކޫލުތަކުގައި ސާފުތާހިރުވުމުގެ ކަންކަމާއި ހޭންޑް ހައިޖީންގެ އިތުރުން ރެސްޕިރޭޓަރީ ހައިޖީނަށް ހާއްސަ ސަމާލުކަންދީގެން ކަންކަން މި ވަނީ އިންތިޒާމް ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ޓެކްނިކަލް ލަފާ ދެމުން އަންނަ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވެސް މީގެ ކުރިން ވިދާޅުވީ ބަލީގެ ހާލަތު ގޯސްވިޔަ ނުދީ ހިފެހެއްޓުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރިވަރުން ސްކޫލަށް ދިއުމުގެ ފުރުސަތު ދިނުން ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ސްކޫލަކީ ހަމައެކަނި އިލްމު ފޯރުކޮށްދޭ ތަނެއް ނޫން ކަމަށެވެ. އެ ތަނުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކޮށްދޭ ކަމަށާއި ސްކޫލަށް ނުދިއުމުން ދިމާވާ އިޖުތިމާއީ ބައިވަރު ކަންތައް ހުންނަ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ތެރޭގައި، ގޭމަށް އެޑިކްޓުވުމާއި ރޫޓިން ބަދަލުވުން ފަދަ ކަންތައް ހިމެނެ އެވެ.