ސްކޫލުތައް ރައްކާތެރި، ދަރިވަރުންނާއި ބެލެނިވެރިން އުފަލުން ފޮޅިފައި!
ސްކޫލުތައް ރައްކާތެރި، ދަރިވަރުންނާއި ބެލެނިވެރިން އުފަލުން ފޮޅިފައި!

ދާއިރާގެ ތަޖުރިިބާކާރުން ދެކޭ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ އެއް ދާއިރާއަކީ ތައުލީމީ ދާއިރާ އެވެ. ބައެއް ދަރިވަރުންނަށް ރައްކާތެރި ހަމައެކަނި މާހައުލަކީ ސްކޫލެވެ. އަނެއް ބައި ދަރިވަރުންނަށް، ރަހުމަތްތެރިންނާ ބައްދަލުވެ މަޖާކޮށްލަން ލިބޭ ފުރުސަތަކީ ސްކޫލުގައި ހޭދަކުރާ މުހިއްމު ވަގުތެވެ. އެހެންވެ ދިގު މުއްދަތެއް ވަންދެން ސްކޫލުތައް ބަންދުކޮށްފައި އޮތުމުން ކިޔެވުމުގެ އިތުރުން ނަފްސާނީ ގޮތުން ވެސް އަސަރުކުރެ އެވެ.

ސްކޫލުތައް ރައްކާތެރި، ދަރިވަރުންނާއި ބެލެނިވެރިން އުފަލުން ފޮޅިފައި!
ސްކޫލުތައް ރައްކާތެރި، ދަރިވަރުންނާއި ބެލެނިވެރިން އުފަލުން ފޮޅިފައި!

ބަލިން ރައްކާތެރިވުމަށް މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރިގޮތަށް މާލެ ސަރަހައްދުގައި ގްރޭޑް ހަޔަކުން ފެށިގެން ދަށުގެ ގްރޭޑުތަކަށް ކިޔަވައިދީފައެއް ނުުވެ އެވެ. އެހެން ހިސާބުތަކުގައި މިދިޔަ އަހަރުގެ ޖުލައި 1ގައި ސްކޫލުތައް ހުޅުވިގޮތަށް، ޑިސެމްބަރު 3 ގައި ސްކޫލުތައް ބަންދުވުމާ ހަމައަށް ގްރޭޑު 1-12 ގެ ދަރިވަރުންނަށް ކިޔަވައިދީފައި ވެ އެވެ.

މިއީ، މާލެ ސަރަހައްދުގައި ދަށު ގްރޭޑުތަކުގެ ދަރިވަރުންނާ ގާތްގަނޑަކަށް އަހަރެއް ފަހުން ބައްދަލުވާ ފުރަތަމަ ދުވަހެވެ. ދަރިވަރުންނާއި ޓީޗަރުން ތިބީ، އެތައް މަހަކަށް ފަހު، ބައްދަލުވުމުން އުފަލުން ފޮޅިފަ އެވެ.

މާލެ ސްކޫލެއްގެ ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ، ސްކޫލަށް ނުގޮސް އެތައް މަހެއް ވުމުން ދަރިފުޅުގެ އުޅުމަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. މިދިޔަ އަހަރު ސްކޫލު ބަންދުކުރީ ވެސް، ކިޔަވައިދޭން ފެށިތާ ދެ މަހެއްހާ ދުވަހަށް ފަހު ކަމަށްވިޔަސް، އެ ކުރު މުއްދަތުގެ ތެރޭގައި ވެސް އެ ކުއްޖާގެ ފަރާތުން ރަނގަޅު ބަދަލުތަކެއް ފެނުނު ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ.

"ސްކޫލަށް ނުގޮސް ގޭގައި ހުންނަން ވީމަ ފޯނާއި ކޮމްޕިއުޓަރާއި ޓީވީ ބެލުމުގައި ހޭދަކުރާ ވަގުތު ވަރަށް ބޮޑަށް އިތުރުވެފައި ވަނީ. ސްކޫލަށް ދާން ފެށީމަ އެ ވަގުތު މަދުވާނެ. އޭގެ އިތުރުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު މަދުވެފައި ސޯޝަލް ލައިިފް ވެސް ގެއްލިފައި މި ވަނީ،" ހަތް އަހަރުގެ ފިރިހެން ކުއްޖެއްގެ ބެލެނިވެރިއަކު ބުންޏެވެ.

ދަށް ގްރޭޑުތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހެނީ، ދެ ހަފުތާއިން ފަސް ދުވަސް ހަމަވާ ގޮތަށެވެ. އެހެން ދުވަސްތަކުގައި ކިޔަވައިދެނީ އޮންލައިންކޮށެވެ.

"ކޮންމެ ދުވަހަކު ސްކޫލަށް ފޮނުވަން ބޭނުން. މިހާރު ހަމަޖައްސާފައިވާ ވަރު މަދު އަޅުގަނޑަށް."

ގްރޭޑު ހަތަރެއްގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނިގޮތުގައި ސްކޫލު ހުޅުވި، އަލުން ރައްޓެހިންނާ ބައްދަލުވުމުގެ ފުރުސަތު ލިބުމުން އޭނާގެ ދަރިފުޅު ހުރީ ވަރަށް އުފާވެފަ އެވެ. މީގެ ކުރިން އެހެން ގްރޭޑުތަކަށް ސްކޫލު ހުޅުވާލުމުން ވެސް ވަރަށް ދެރަވި ކަމަށް އޭނާ ބުންޏެވެ.

"އޮންލައިން ކްލާސްތައް ފެށުމުގެ ކުރިން ކްރިއޭޓިވް މަސައްކަތް ކުރި ވަރަށް. އެކަމަކު ފަހުން ސްކްރީނަށް ގެއްލިފައި ހުރީ،" އެ ބެލެނިވެރިޔާ ބުންޏެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި، މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ދެ ވަނަ ޓާމު މިއަދު ފެށިއިރު، އެކަޑެމިކް ކަލަންޑަރަށް ގެނެސްފައިވާ ބަދަލުތަކުގެ މައުލޫމާތު ދަރިވަރުންނަށް ވިސްނައިދިނުން މުހިއްމު ކަމަށެވެ. އޭގެ އިތުރުން، ކޮވިޑްގެ ސަބަބުން ދިމާވި ކަންކަމާ ގުޅިގެން އެންމެން އެއްބާރުލުން ދީގެން ކުރިއަށް އޮތީ ކާމިޔާބު އަހަރަކަށް ހެދުމަށް ހުރިހާ އެންމެން މަސައްކަތްކުރުމަށް ވިސްނައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.