އެތައް ދުވަހަކަށްފަހު ހުރިހާ ދަރިވަރުން ސްކޫލަށް
އެތައް ދުވަހަކަށްފަހު ހުރިހާ ދަރިވަރުން ސްކޫލަށް

ގާތްގަނޑަކަށް ދޮޅު މަހުގެ ބަންދަކަށް ފަހު ސްކޫލުތައް މިއަދު ހުޅުވައިފި އެވެ. މިއީ، ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކޮށްފައި އޮންނަތާ ގާތްގަނޑަކަށް އަހަރެއް ފަހުން، ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވާ ފުރަތަމަ ދުވަހެވެ. ނަމަވެސް މޮނިޓަރިންގެ ހާލަތުގައި އޮތުމުން ގއ. ދެއްވަދޫ، ލ. ފޮނަދޫ އަދި އެ އަތޮޅު ގަމު ސްކޫލު މިއަދަކު ނުހުޅުވަ އެވެ.

އެތައް ދުވަހަކަށްފަހު ހުރިހާ ދަރިވަރުން ސްކޫލަށް
އެތައް ދުވަހަކަށްފަހު ހުރިހާ ދަރިވަރުން ސްކޫލަށް

މުޅި ދުނިޔެއަށް ވެސް ކުރިމަތިވި ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް، މި ފަހުގެ ތާރީހެއްގައި އައިސްފައިނުވާ ވަރުގެ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ ކޮންމެ މީލާދީ އަހަރަކާ އެކު ފަށަމުން އައި ދިރާސީ އަހަރު، އަހަރުގެ މެދުތެރޭގައި ފެށޭ ގޮތަށް ހަމަޖެއްސުމެވެ.

އެތައް ދުވަހަކަށްފަހު ހުރިހާ ދަރިވަރުން ސްކޫލަށް
އެތައް ދުވަހަކަށްފަހު ހުރިހާ ދަރިވަރުން ސްކޫލަށް

މީގެ ކުރިން ދިރާސީ އާ އަހަރު ޖެނުއަރީ މަހު ފަށަމުން އަޔަސް ޑިސެމްބަރު 3 ގައި މިދިޔަ އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް ދީ ބަންދުވުމަށްފަހު މިއަދު ސްކޫލުތައް ހުޅުވީ، މިދިޔަ އަހަރުގެ ދެ ވަނަ ޓާމް ފުރިހަމަކުރާށެވެ. މި އަހަރުގެ ދިރާސީ އާ އަހަރު ފަށަނީ، އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން އޮގަސްޓް 10 ގަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް، މާލެ ސަރަހައްދުގައި ގްރޭޑު ހަޔަކުން ފެށިގެން ދަށުގެ ދަރިވަރުންނަށް އަދި ކިޔަވައިދެވިފައެއް ނުވެ އެވެ. އެހެން ހިސާބުތަކުގައި މިދިޔަ އަހަރުގެ ޖުލައި 1 އިން ފެށިގެން އަންނަނީ ގްރޭޑު 1-12 އަށް ކިޔަވައިދެމުންނެވެ. ކުޑަ ދުވަސްކޮޅަކަށް ޕްރީ ސްކޫލު ދަރިވަރުންނަށް ވެސް ކިޔަވައިދީފައި ވެ އެވެ.

ދެ ފަހަރަކަށް ސްކޫލު ހުޅުވައިގެން ވެސް މާލެ ސަރަހައްދުގައި މިދިޔަ އަހަރު ކިޔަވައިދެވުނީ ގްރޭޑު 7-12 ގެ ދަރިވަރުންނަށް އެކަންޏެވެ. އެކަމަކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޭބީ ނާސަރީ އާއި ނާސަރީގެ ދަރިވަރުން ވެސް ސްކޫލަށް ހާޒިރުކޮށްގެން ކިޔެވުމުގެ ފުރުސަތު ދޭން ނިންމައިފަ އެވެ.

މިިދިޔަ އަހަރުގެ ދެ ވަނަ ޓާމުގެ ފެށުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އާއްމުކުރި ވީޑިއޯއެއްގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިދިޔަ އަހަރު ވެގެންދިޔައީ ވަރަށް ދަތި އަހަރަކަށް ކަމަށެވެ. ނަމަވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑުނަށް ނުދިނުމަށްޓަކައި ޓީޗަރުންނާއި ބެލެނިވެރިން އަދި ސްކޫލުތަކުގެ ވެރިން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ދެ ވަނަ ޓާމާއެކު ހުރިހާ ދަރިވަރުން ސްކޫލަށް ހާޒިރުވެ ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ބޭބީ ނާސަރީން ފެށިގެން ގްރޭޑު 12 އާ ހަމައަށް ސްކޫލަށް ހާޒިރުވެ ކިޔެވޭނެ ގޮތަކަށް ސްކޫލުގެ ކަންކަން ތަރުތީބުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ ހުރިހާ ކުދިން ވެސް ތަންކޮޅެއް ބިރުގެންފާނެ ސްކޫލަށް ހާޒިރުވެ ކިޔެވުމަށް. އެކަމަކު އަޅުގަނޑު ދަންނަވާލަން އޮތީ ކަންބޮޑުނުވާށޭ، އަޅުގަނޑުމެން ސްކޫލުތަކުގެ ތައްޔާރީތައް ވެފައި މިހުރީ ސްކޫލު މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައޭ. އަދި ހަމަ މި ގޮތަށް އަޅުގަނޑުމެންގެ ހުރިހާ މުދައްރިސުންނާއި ސްކޫލުތަކުގެ އެކިއެކި މުވައްޒަފުން ދަނީ މަސައްކަތްތައް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލަށް އައުމުގެ ފުރުސަތު ނުލިބި ދަރިވަރުން ގޭގައި ތިބުމަކީ ވަރަށް ބޮޑެތި ކަންތައްތައް ވާނެ ކަމެއް ކަމަށެވެ. އެހެންވެ، ސްކޫލުތު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ވާނެ ކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު ވަނީ ދަރިވަރުން ސްކޫލަށް ފޮނުވައިދިނުމަށް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ސްކޫލުތައް ހުޅުވުން ބަހާލާފައިވަނީ ތިން ބަޔަކަށެވެ. ލޮކްޑައުންގައި އޮންނަ ރަށްރަށުގެ ހުރިހާ ސްކޫލެއް ބަންދުވާއިރު، މޮނިޓަރިންގެ ހާލަތުގައި ކިޔަވައިދިނުން ގެންދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިންނެވެ. ސްކޫލުތައް ހުޅުވުން ބަހާލާފައިވަނީ ތިން ބަޔަކަށެވެ. ކޮވިޑު ނެތް ރަށްރަށުގައި ފައުންޑޭޝަނުން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވައިދޭނެ އެވެ. އޭގެ އިތުރުން، ކިޔަވައިދޭން ހަމަޖައްސާފައިވަނީ ތިން ގޮތަކަށެވެ.

ފުރަތަމަ ބައިގައި ހިމެނެނީ، ގައިދުރުކަން ބަހައްޓައިގެން ވެސް އެއް ދަންފަޅިއަށް ހިންގާ ސްކޫލުތަކެވެ. ދެ ވަނަ ބައިގައި، ގައިދުރުކަން ބަހައްޓައިގެން ދެ ދަންފަޅިއަށް ހިންގާ ސްކޫލުތަކެވެ. މި ދެ ވައްތަރުގެ ސްކޫލުތަކުގެ ދަރިވަރުން ވެސް، ހަފުތާގެ ފަސް ދުވަހު ސްކޫލަށް ހާޒިރުވާންޖެހެ އެވެ.

ތިން ވަނަ ވައްތަރުގެ ސްކޫލަކީ، ދެ ދަންފަޅިއަށް ކިޔަވައިދީގެން ދެ ދުވަހުން އެއް ދުވަހު ސްކޫލަށް ހާޒިރުވާންޖެހޭ ދަރިވަރުންނެވެ. އެ ދަރިވަރުންނަށް، ދެ ހަފުތާއިން ޖުމްލަ ފަސް ދުވަހު ސްކޫލަށް ހާޒިރުވެވެން ޖެހެ އެވެ. އެ ސްކޫލުތަކުގައި ކިޔަވައިދޭނީ އޮންލައިންކޮށް އަދި ސީދާ ކްލާސްރޫމުގަ އެވެ. މާލޭގައި ގިނަ ސްކޫލުތަކުގައި ކިޔަވައިދެނީ މި ގޮތަށެވެ.