ފަލީހަތް
ފަލީހަތް

ބުދަ ދުވަހާ ގުޅޭ

"އަހަރެން ވާހަކައެއް އަހަންތަ؟" މަނާރަތު ސުވާލުކުރިއެވެ. "ވައިފް ދެކެ ޒިޔާން ވަރަށް ލޯބިވޭތަ؟"

ޒިޔާންގެ ކަންފަތުގައި ވައިއަޅައިފައި ހުރި ވަރުން، މަނާރަތު ކުރި ސުވާލު ޒިޔާނަށް އިވުނީ ކެނޑިކެނޑިފައެވެ. އެހެންނަމަވެސް މަނާރަތު ބުނީ ކީކޭކަން ޒިޔާނަށް އެނގުނެވެ. ޒިޔާން ހިތަށްއެރިއެވެ. މަނާރަތު އެ ސުވާލު ކުރީ ކީއްވެގެންބާއެވެ؟ ޒިޔާން ދޭ ޖަވާބަކުން މަނާރަތު ދެން ބުނަން އޮތް އެއްޗަކަށް ބަދަލުގެންނަން އޭނަ ގަސްތުކުރަނީބާއެވެ؟ ދޭނެ ޖަވާބަކާ މެދު ޒިޔާން ވިސްނަމުން ގެންދިޔަ އިރު، ޖަވާބު އޮތީ ޒިޔާންގެ ދުލުކުރީގައެވެ. ދީމާ ދެކެ ޒިޔާން ވަރަށް ލޯބިވެއެވެ. އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ. އެކަމަކު އެ ރޭގެ އެ ދަނޑިވަޅު ކޮންމެހެން އެހެން ބުނާކަށް ޒިޔާންގެ ހިތް ހުއްދައެއް ނުދިނެވެ.

"ތި ކިޔާ އެއްޗެއް ނީވޭ!" އިޝާރާތުން ޒިޔާން ބުންޏެވެ.

މަނާރަތު ސުވާލު ތަކުރާރެއް ނުކުރެއެވެ. އެއަށް ވުރެ މާ މުހިންމު ކަމެއް މަނާރަތު ވަނީ ދުރާލައި ރާވައި ނިންމައިފައެވެ. އެ ރޭ ޒިޔާން ފޯނާކުޅެން ހުއްޓައި ޒިޔާން ގާތަށް މަނާރަތު އައި އިރު ވެސް މަނާރަތު އަތުގައި ސައިކަލެއްގެ ތަޅުދަނޑި އޮތެވެ. އޮތްކަމަށް ނެހެދީއެވެ. ޒިޔާނަށް ޝައްކެއްވިޔަ ނުދިނުމަށް ޓަކައެވެ. ބާރު އިސްޕީޑެއްގައި އެތައް ހިސާބަކަށް ގޮސްފައި ޒިޔާން ސައިކަލު މަޑުކުރިއެވެ. މަނާރަތުގެ އެދުމަކަށެވެ. ސައިކަލު މަޑުކުރި ހިސާބަކީ އިންސާނެއްގެ އެއްވެސް ހިލަމެއްވާ ހިސާބެއް ނޫނެވެ. ކުރިމަތީގައި އޮތީ އަތިރިމައްޗެވެ. މޫދެވެ. ކަނޑުން އަރައިގެން އައި ސާފު ވައިރޯޅި، އެއްވެސް ހިފެހެއްޓުމަކާ ނުލައި މަނާރަތާއި ޒިޔާނަށް މަރުހަބާކިޔަމުން ގެންދިޔައެވެ. އެއް އަޑަކަށް އިވެނީ ރާޅުޖަހާ އަޑެވެ. އުޑުމަތިން ތަރިއެއް ނުފެނެއެވެ. ފެތުރެމުންދިޔައީ ކަޅު ވިލާތަކެވެ. ގަސްތަކުގެ ހަރަކާތްތައް ހަލަބޮއްޔެވެ. ޒިޔާންއާއި މަނާރަތުގެ މެދުގައި މަޚުލޫގެއް ހުރި ނަމަ އެއީ އިބިލީހެވެ. އެ ސައިތާނާ ވަސްވާސްދިނީ އެންމެ ކަމަކަށެވެ.

"ކީއްކުރަން އަހަރުމެން މި ތަނަށް މި އައީ؟" ޒިޔާން ސުވާލުކުރިއެވެ.

ވަމުންދާ ކަންތައް ނުދެނަހުރި ކަމަށް ހެދުމަކީ، ޒިޔާންއާއި މަނާރަތު ކުރިން ވެސް ކުޅުނު ކުޅިވަރެކެވެ. ކޮންމެ މީހަކު ވެސް ބޭނުންވަނީ އަނެކަކު ލައްވާ އެއްޗެއް ބުނުވާށެވެ. އިސްނެގީ އަނެކާ ކަމަށް ހަދާށެވެ. ޒިޔާން ގޮވައިގެން މަނާރަތު އެ ތަނަށް އައީ ކީއްކުރަންކަން ޒިޔާނަށް އެނގެއެވެ. ޒިޔާނަކީ ކުޑަކުއްޖެއް ނޫނެވެ. ތަނުގެ ފަޅުކަމާއި، ރޭގަނޑުގެ އަނދިރިކަމާއި، މޫސުމުގެ ބަނަކަން ތަންދެމުން ދިޔައީ، ދެ ޖިންސުގެ ދެ މީހުން އެކަހެރިކޮށް ބައްދަލުކުރާ ނަމަ ތަނަވަސް ވާނެ ހުރިހާ ފުރުސަތަކަށެވެ. މާލޭގައި ލިބުން ނާދިރު، ދަނޑިވަޅުގެ ގޮތުން ލާޒިމުހެން ހީވާ މިސްރާބަކަށް ނިޔަތް ފުރޮޅެމުން ދިޔައެވެ. ވަސްވާހަށް ހެއްލެމުންދިޔައެވެ. ހިމޭން މެންދަމެއްގައި އަވާމެންދުރެއް ފެނިދާނެކަމަކަށް ޒިޔާން ހިޔެއް ނުކުރެއެވެ.

"ބަސްހުސްވީތަ؟" ޒިޔާން އެހިއެވެ. "އަހަރުމެން ކީއްކުރަންހޭ މި ތަނަށް މި އައީ؟"

"ދެން ހަމަ ރިލެކްސް ކޮށްލަންވެގެން،" ވަޔަށް ނުކިޔަމަންތެރިވަމުންދިޔަ އިސްތަށިގަނޑު ކިޔަމަންކުރަމުން މަނާރަތު ބުންޏެވެ. "މިރޭ އަހަރެން ބޭނުންވަނީ ކުރިން ނުކުރާ ކަމެއް ކުރަން."

"މިސާލަކަށް؟" ޒިޔާން އޮޅުންފިލުވަން ބޭނުންވިއެވެ.

"މޫދަށްއެރެން،" މަނާރަތު ބުންޏެވެ. "މި ގަޑީގަ އަހަރެން ދުވަހަކު ވެސް މޫދަކަށް ނޭރެން."

ޒިޔާން ވިސްނައިލިއެވެ. ދަންވަރުގެ ވަގުތެވެ. ދެ ފުލުހުންނެވެ. ބަޔަކަށް ފެންނާނެހެނެއް ހިޔެއް ނުވެއެވެ. އެހެނަސް ފެނިއްޖެއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކޮޅުން، އެ ފަދަ ވަގުތެއްގައި މޫދަށްއެރުމަކީ ކިހާ ރައްކާތެރި ކަމެއް ހެއްޔެވެ؟ ތެމިގެން ދާތަނާ މީހަކަށް ފެނިއްޖެއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެ ހުރިހާ ކަމަކާ ވިސްނި އިރު ވެސް، އެ މަންޒަރު ބަލަން ބަޔަކު ފާރަޔަށް ތިބެދާނެ ކަމަކަށް ޒިޔާން އުންމީދެއް ނުކުރެއެވެ.

"އެއްކަލަ ޒިޔާން.." ހީނގެންފައި މަނާރަތު ބުންޏެވެ. "ހާދަ ފިނޑިޔޭ! ކޯޗެއް ވިސްނާކަށް؟ ކިހާ ސަޅި އެކްސްޕީރިޔަންސަކަށް ވާނެ. މި ކަހަލަ ޗާންސެއް އަބަދަކު ނުލިބޭނެ އިނގޭ."

ތިންވަނަ ފަހަރަށް ޒިޔާން ފިނޑިކުރުމުން ޒިޔާންގެ ލޭ ހޫނުވިއެވެ. ކޮންމެ ކަމެއް ކުރުމަށް ރަނގަޅު ބަހަނާއެއް ލިބުނީކަމުގައި ނިންމިއެވެ. ހަގީގަތުގައި ލޭގައި ދައުރުވާން ފެށީ ސައިތާނާގެ ވަސްވާސްކަމެއް ޒިޔާނަކަށް ނުވިސްނެއެވެ.

"ތިނެއް ހަމަވީ އިނގޭ!" ޒިޔާން ހަނދާންކޮށްދިނެވެ.

"ހަތަރެއް ވެސް ވާނެ. ނުކުރޭނެ އެއްކަމެއް ވެސް ކުރާކަށް. ގުނަގުނާ ހުރޭ!" މަނާރަތު ދިނީ ޒާތެއްގެ ހިތްވަރެކެވެ. "ޒިޔާނަކަށް އަހަރެން ނުވެސް އުފުއްލޭނެ. އެހާ ބާރެއް ނުހުންނާނެ."

ފިރިހެނަކަށް ކުރިމަތިކުރެވޭނެ އެންމެ ބޮޑު އިމްތިހާނަކީ، އޭނަގެ ފިރިހެންވަންތަކަމަށް ގޮންޖެހުމެވެ. މަނާރަތަށް އެ ކަން އެނގެއެވެ. އެ އުކުޅަކީ މަނާރަތު ތަޖުރިބާކޮށް، ފައްކާކޮށްފައިވާ ހުނަރެކެވެ. އެންމެ ފަހުން ބޭނުންކުރަން ބާއްވާފައި އޮންނަ ހަތިޔާރެކެވެ. ޒިޔާން ޖީބުން ފޯނާއި ދެން ހުރި ސާމާނު ނަގައި ސައިކަލު މަޑި ދަށަށް ލިއެވެ.

"ޗެލެންޖުކުރަނީތަ؟" ޒިޔާން އެހިއެވެ.

"ހަމަ ޗެލެންޖު މި ކުރަނީ!" މަނާރަތު އެއްބަސްވިއެވެ.

ޒިޔާން ކުއްލިއަކަށް މަނާރަތު ނަގައި ކޮނޑަށްލިއެވެ. މަނާރަތު ހަޅޭއްލަވައިގެންފައި ތެޅިފޮޅިގަތެވެ. ޒިޔާނަކީ ބާރުގަދަ މީހެކެވެ. އެއް އަތުން މަނާރަތު އުފުއްލައިގެން މޫދާ ދިމާއަށް ޒިޔާން ހިނގައިގަތީ ފަސޭހަކަމާ އެކުގައެވެ.

"އަޅެ ޕްލީޒް!" މަނާރަތު ކިޔެވެ. "އައި ބެގް ޔޫ! އަޅެ ޕްލީޒް ތިހެން ނަހަދާ! އަހަރެން ދޫކޮށްލާ! ޕްލީޒްޕްލީޒް!"

ޒިޔާން އަޑެއްނޭހިއެވެ. ރަނުގެ ފުރުސަތު ގެއްލުވާލާކަށް ޒިޔާން ބޭނުމެއް ނޫނެވެ.

"ދެން ޕްލީޒް ކިޔާނެކަމެއް ނެތް،" ޒިޔާން ވަރުގަދަ ރައްދެއް ދިނެވެ. "އަހަރެން އޭރު ވެސް ބުނިން ތިންވަނަ ފަހަރަށް އެހެން ނުބުނައްޗޭ! ދެން ސަލާމަތެއް ނުވާނެ. ރުޔަސް، އާދޭސްކުރިޔަސް ހަމަ ބޭކާރުވާނީ."

ޒިޔާން ކިހާ ފިނޑި ނޫންކަން ސާބިތުކޮށްދޭން ޒިޔާން ހުރީ ކެތްމަދުވެފައެވެ. މޫދާ ހަމައަށް ނުދެވެނީސް މަނާރަތު ތެޅިފޮޅިގަތް ވަގުތު އަރިއަޅާލައިގެން ދެމީހުން ވެއްޓުނެވެ. ތެދުވަން ބޭނުން ނުވާ ކަހަލަ ފުން ވަޅުގަނޑަކަށެވެ. ޒިޔާންގެ ފުރިހަމަ ކޮންޓުރޯލު މަނާރަތު އަތުލީ ސާބިތުކަމާ އެކީގައެވެ. އެ ކާމިޔާބުގައި ސިއްކަޖަހަން މަނާރަތު ބޭނުންވިއެވެ. މަނާރަތުގެ ކޮންމެ އަމުރަކަށް ޒިޔާން ތަބާވިއެވެ. ކުރެވެނީ ކީއްކަން ޒިޔާނަށް އެނގެއެވެ. ޒިޔާންގެ ހިތް ބުނަމުން ގެންދިޔައެވެ. މަނާރަތު އެދޭށެވެ. އިސްނަގާށެވެ. އަހަރެން އަޑުއަހާނަމެވެ. ތަބާވާނަމެވެ. އެއްކަމަކަށް ފަހު އަނެއް ކަމަކަށް މަނާރަތު ގޮންޖެހިއެވެ. ހަނދުވަރުގެ އަލިކަން އެ ތަނަކު ނެތެވެ. ހުރި ނަމަ ހަނދު ވެސް ލަދުން ފަރުދާވާން މަޖުބޫރުވީހެވެ.

"ކޮބާ ނުކެރުނެއްނު! ތީ ހަމަ ފިނޑި ގޮލައެއް!" މަނާރަތު އަނެއްކާ ވެސް ސަމާސާކޮށްލިއެވެ.

ތަޅުލެވިފައި ހުރި ދޮރެއްގައި މަނާރަތު ޓަކިދިން ކަހަލައެވެ. ހުޅުވުމާއި ނުހުޅުވުން ޒިޔާންގެ އަތްމައްޗަށް ދޫކޮށްލި ކަހަލައެވެ. ދެވަނަ ސިކުންތުގައި މަނާރަތު އަތްދަނޑިމައްޗަށް ލައިގެން ޒިޔާން ހިންދަމައިލިއެވެ. މޫދާ ދިމާއަށް ދުއްވައިގަތެވެ. މަނާރަތު އެކަނި މޫދަށް ލައިފައި ސަލާމަތްވާން އުޅެނިކޮށް ދެ މީހުން އެކުގައި މޫދަށް ވެއްޓުނެވެ. އެންމެ ބޮޑު ރާޅު ބިންދާލީ އެ ވަގުތުއެވެ.

ރޯޅި މަޑުވެއްޖެއެވެ. ރާޅު އޮބިއްޖެއެވެ. އުދަރެހަށް ޖަމާވި ކަޅު ވިލާތައް ޒިޔާންމެންގެ ލޯމަތިން ގެއްލިއްޖެއެވެ. ކަނުއަނދިރީގައި ހާދިސާއެއް ކަފުންވެ ނިމިއްޖެއެވެ. އުޑާ ދިމާއަށް ނަޒަރު ހުއްޓައިލައިގެން، ދިޔަރެހުގައި ޒިޔާނާއި މަނާރަތު އޮށޯވެލައިގެން ތިއްބެެވެ. އުޑުމަތި ވަރަށް އަނދިރިއެވެ. ދީމާގެ ކުށްވެރިޔަކަށް ވެވިއްޖެ ކަމުގެ އިހުސާސް ޒިޔާންގެ ސިކުނޑިއަކުން ނުފިލިއެވެ.

"އަހަރުމެން މި ތަނަށް ނައި ނަމަ މާ ރަނގަޅުވީސް،" ޒިޔާނަށް ތަންދޮރު އޮޅުންފިލީ ވަގުތު ފާއިތުވި ފަހުންނެވެ. "ވަރަށް ކަޑަ ކަމެއް މިވީ. މީން އިރަކު އަހަރުމެން ނުހިކޭނެ."

މަނާރަތުގެ ނަޒަރުގައި އެއީ ފުރިހަމަ ކާމިޔާބެކެވެ. ފަހަށް ރައްކާކުރެވުނު މުހިންމު ތަޅުދަނޑިއެކެވެ.

"އަޅެ ޝޫޓިންސްޓާއެއް ފެންނާނެ ނަމަ.." މަނާރަތު ވިސްނީ މުޅީން އެހެން ކަމަކަށެވެ.

ހަނދުކޭތައާއި، ގިނިހިލައާއި، ދުންތަރިއަކީ ވެސް މަނާރަތު ބަލަން ގަޔާވާ މަންޒަރުތަކެވެ. ހަމަ އެހެންމެ އިރު އަރައި އޮއްސޭ ތަނާއި، ދިޔަވަރު ހިކިފައި އޮންނަ އޮތުމާއި، ކޯމަސް ފުމޭ ތަން ވެސް މެއެވެ. ޒިޔާނަށް އެ ކަން އެނގެއެވެ. އެއިން ކޮންމެ މަންޒަރެއް ޒިޔާނާ އެކުގައި ރައްކާކޮށްދިނުމަކީ ޒިޔާން ދެކޭ ހުވަފެނެކެވެ.

"މިރޭ ހިޔެއް ނުވޭ ތި ކަން ވާނެހެނެއް،" މަޑުމަޑުން ޒިޔާން ބުނެލިއެވެ. "އެކަމަކު އަހަންނަށް ހީވަނީ ވެހިގަންނާނެހެން."

"ބިރުގަތީ؟" މަނާރަތުގެ ރާގުގައި ވަނީ ލާނެތްކަމެވެ. "މިހާރު ދެން ބިރުކެނޑެން ވެއްޖެއްނު!"

"ބިރުނުގަންނަންވީތަ؟" ޒިޔާން ސުވާލުކުރިއެވެ. "އަހަރެން މި އޮންނަނީ ބިރުކެނޑިދާނެތީ ބިރުން. އެނގޭތަ؟ ކުރިން އަހަންނަކަށް ނުކެރޭނެ މާ ބަރުކޮށް ވެއިޓް ހިފާކަށް. ހީވަނީ އަނިޔާއެއް ވެދާނޭ. ކުރީ ދުވަހު ތޮލާ އައިސް އަހަރެން ބިރުކަނޑުވައިލައިފި. މިހާރު އަހަރެން ހިފާލެއް ބަރުކަމުން ތޮލާއަށް ނުކެރޭނެ ބަލަން ވެސް. އެއްފަހަރު ވެސް އަހަރެން ބިރުކަނޑުވާލައިފިއްޔާ އެ ހިސާބުން ޒިންދަގީ ދިޔައީ. ފަހުން އަހަރެން ބްލޭމް ނުކުރާތި އިނގޭ!"

ތުނިތުނިކޮށް ވާރޭވެހެން ފެށިއެވެ. ޒިޔާން ފުންމައިގެން ތެދުވިއެވެ.

"ކޮބާ! މަ އޭރު ވެސް ބުނީމެއްނު!" ޒިޔާން ބުންޏެވެ.

މަނާރަތު އޮށޯވެލައިގެން އޮތީއެވެ. ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުން ތެދުވަން ހިތަށް ވެސް ނާރާ ކަހަލައެވެ.

"ރިލެކްސް!" މަނާރަތު ބަންޑުންޖެހިލަމުން ބުނެލިއެވެ. "ތެމިގެން ދިޔައިމަ އެކަކަށް ވެސް ނޭނގޭނެ އަހަރުމެން މޫދަށްއެރުނު ކަމެއް. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް."

ކުއްލިއަކަށް މަނާރަތު ތެދުވިއެވެ. އެއްގަމަށް ދުއްވައިގަތެވެ. ޒިޔާން ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ.

"މަގޭ ފޯނު!" މަނާރަތު ބުންޏެވެ. "އާދެބަލަ ފޯނު ހޯދަން. މި ދިމާލަށް އަހަރެން ފޯނު އެއްލީ."

ފޯނު ފެނުނީ ޒިޔާނަށެވެ. މަނާރަތު ދުވެފައި އައިސް ޒިޔާން އަތުން ފޯނު ޖަހައިގަތެވެ. އެއީ ރަންގަނޑެއް ކަހަލައެވެ. ސައިކަލު މަޑިދަށަށް ފޯނު ލީ ވެސް މަނާރަތުގެ އަތުންނެވެ. އޭރު ވާރޭ ބޯކޮށްލައިފިއެވެ. ވާރޭފެނުން ދޮވެވުނީ ދެ މީހުން ގައިގައި ހުރި ވެއްޔެވެ. ކުރެވުނު ފާފައެއް ނޫނެވެ. އެ ކަމާ ބެހޭ ގޮތުން އެކަކު ވެސް އެއްޗެއް ނުބުނެއެވެ. ޒިޔާން ސައިކަލު ދުއްވީ އާދައިގެ ދުވެއްޔެއްގައެވެ. ކުއްލިއަކަށް ސައިކަލު ކައްސައިލިއެވެ. ޒިޔާނަކަށް ސައިކަލު ކޮންޓުރޯލެއް ނުކުރެވުނެވެ.

ނުނިމޭ