09 ޖެނުއަރީ 2021 - 19:14

ޖަކާޓާ (ޖެނުއަރީ 9) - އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާ އިން 62 މީހުންނާ އެކު ނައްޓާލި ފަސިންޖަ މަތިންދާ ބޯޓެއް ގެއްލިއްޖެ އެވެ.
ބަޖެޓް އެއާލައިނެއް ކަމަށްވާ ސްރިވިޖާޔާ އެއާގެ ބޯއިން 737 ގެ ބޯޓާ ގުޅުން ކެނޑިފައި ވަނީ ވެސްޓް ކަލިމަންޓަން ޕްރޮވިންސްގެ ޕޮންޓިއަނަކަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށް އޮފިޝަލުން ބުންޏެވެ. ބޯޓުގައި ތިބީ 56 ފަސިންޖަރުންނާއި ހަ ފަޅުވެރިންނެވެ.
ފްލައިޓް ޓްރެކިން ވެބްސައިޓަކުން ބުނެފައި ވަނީ އެ ބޯޓު ވަނީ މިނިޓެއް ތެރޭ 3،000 މީޓަރު (10،000 ފޫޓު) އަށް ތިރިވެފައި ކަމަށެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވަނީ އެއްޗެއް ވެއްޓުނު އަޑު އެ މީހުންނަށް އިވިފައިވާ ކަމަށެވެ. މަސްވެރިއެއް ކަމަށްވާ ސޯލިހިން ބުނީ ބޯޓެއް ވެއްޓުނު މަންޒަރު އޭނާ އަށް ފެނިފައިވާ ކަމަށާއި އެހެންވެ އެ ބޯޓުގެ ކެޕްޓަން ވަނީ އެއްގަމަށް މިސްރާބު ޖަހާފައި ކަމަށެވެ.
"ބޯޓު ކަނޑަށް ވެއްޓުނީ ވިދުވަރެއްހެން އަދި ފެނުތެރޭގައި ގޮވައިގެން ދިޔަ. އެ ހާދިސާ ހިނގީ އަހަރެން ތިބި ބޯޓާ ވަރަށް ކައިރީގައި،" އެ މީހާ ބުންޏެވެ.
ބޯޓު ގެއްލުނު ކަމަށް ބުނާ ސަރަހައްދާ ކައިރި ރަށެއްގެ ބައެއް މީހުން ބުނެފައި ވަނީ މަތިންދާ ބޯޓެއްގެ ބައިތައް އެ މީހުންނަށް ފެނިފައިވާ ކަމަށެވެ.
އިންޑޮނީޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނީ ގެއްލުނު ބޯޓު ހޯދުމަށް އޮޕަރޭޝަން ފަށާފައިވާ ކަމަށެވެ.
ގެއްލިފައި ވަނީ 26 އަހަރުވެފައިވާ ބޯޓެކެވެ. އެކަމަކު އެއީ ބޯއިން 737 މެކްސް މަރުކާގެ ބޯޓެއް ނޫނެވެ. މިދިޔަ އަހަރު ވަނީ އެ މަރުކާގެ ބޯޓުތަކުގެ ދެ އެކްސިޑެންޓެއް ހިނގައިފަ އެވެ.