އެފްބީއައިގެ ތަހުގީގާ ގުޅޭ ގޮތުން ނިއު ޔޯކުގެ ކުރީގެ މޭޔަރުގެ ވާހަކަ ބަދަލުކޮށްފި
އެފްބީއައިގެ ތަހުގީގާ ގުޅޭ ގޮތުން ނިއު ޔޯކުގެ ކުރީގެ މޭޔަރުގެ ވާހަކަ ބަދަލުކޮށްފި

ވޮޝިންޓަން (ނޮވެމްބަރު 6) - ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަނުގެ އީމެއިލްގެ މައްސަލައިގެ އާ ތަހުގީގެއް ކުރަމުންދާކަން ކޮންގްރެސް އަށް އެންގުމުގެ ކުރިން އެކަން ނިއު ޔޯކުގެ ކުރީގެ މޭޔަރު ރޫޑީ ޖިއުލިއާނީ އަށް އެންގި ކަމަށް ކުރިން ބުނި ނަމަވެސް މިހާރު އޭނާގެ ވާހަކަ ބަދަލުކޮށްލައިފި އެވެ.

ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ ސީނިއާ އެޑްވައިޒަރެއް ކަމަށްވާ ޖިއުލިއާނީ ސީއެންއެން އަށް ވިދާޅުވީ އެފްބީއައިގެ އާ ތަހުގީގުން އޭނާ އަށް ލިބުނީ ހައިރާންކަން ކަމަށެވެ. ނަމަވެސް ކުރިން ވިދާޅުވެފައި ވަނީ ކޮންގްރެސް އަށް ސިޓީ ފޮނުވުމުގެ ކުރިން އެފްބީއައިގެ އެޖެންޓުން އޭނާ އަށް އެކަން އަންގާފައިވާ ކަމަށެވެ.

ޖިއުލިއާނީގެ ވާހަކަތަކާ ގުޅިގެން ހިލަރީ ކްލިންޓަނުގެ ކެމްޕޭން ޓީމުން ވަނީ އީމެއިލްގެ އާ މައްސަލައެއް ބަލާ ކަމަށް ހާމަކުރުމަކީ ރިޕަބްލިކަން ޕާޓީގެ ރޭވުމަކުން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

ހިލަރީގެ ކެމްޕޭން ޕްރެސް ސެކްރެޓަރީ ބްރިއަން ފެލޮން ވަނީ އެފްބީއައިގެ މައުލޫމާތު ކޮންގްރެސް އަށް ދިނުމުގެ ކުރިން ޖިއުލިއާނީ އަށް ފޯރުކޮށްދިން ގޮތެއް ތަހުގީގު ކުރުމަށް ގޮވާލައްވައިފަ އެވެ.

ހިލަރީގެ އީމެއިލްގެ އާ މައްސަލައެއް ފެންމަތިކޮށްފައި މި ވަނީ އެކަމަނާގެ ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި ހުމާ އެބެޑިންގެ ވަކިވެފައިވާ ފިރިކަލުން އަދި ކޮންގްރެސްގެ ކުރީގެ މެންބަރެއް ކަމަަށްވާ އެންތަނީ ވެއިނާ، ނޯތު ކެރޮލީނާގެ 15 އަހަރުގެ އަންހެން ކުއްޖަކަށް ފޮނުވި އީމެއިލްތަކުގައި ޖިންސީ ކަންކަމާ ގުޅޭ ވާހަކަތައް ހިމެނޭތޯ ބެލުމަށް ހިންގި ތަހުގީގެއްގެ ތެރޭންނެވެ. އެބެޑިން އަކީ ހިލަރީގެ ޚާރިޖީ ވަޒީރު ކަމުގައި އެކަމަނާގެ ޑިޕިއުޓީ ޗީފް އޮފް ސްޓާފެވެ.

އެފްބީއައި އިން ވަނީ 2009-2013 އަށް ޚާރިޖީ ވަޒީރުކަމުގައި ހިލަރީ ހުންނެވި ދުވަސްވަރު އަމިއްލަ އީމެއިލް ސާވާ ބޭނުންކުރި މައްސަލަ ބެލުމަށް ފަހު ދައުވާ ކުރަން ފޮނުވޭވަރުގެ ކަމެއް ނެތް ކަމަށް ޖުލައި މަހު ބުނެފަ އެވެ.