ޓާމް ދަންމާލީމާ ކުދިންނަށް ވާނީ ރަނގަޅު: ސްޓޭޓް މިނިސްޓަރު
ޓާމް ދަންމާލީމާ ކުދިންނަށް ވާނީ ރަނގަޅު: ސްޓޭޓް މިނިސްޓަރު

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ ދިރާސީ އަހަރު ދަންމައިލަން އެޑިއުކޭޝަން މިނިސްޓްރީން ނެގި ނިންމުމަކީ މި ހާލަތަށް އެންމެ ރަނގަޅު ނިންމުން ކަމަށާއި މި ކަމުގެ ސަބަބުން ދަރިވަރުންނަށް ފައިދާވާނެ ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ވީޑިއޯއެއްގައި ފާތިމަތު ނަސީރު ވިދާޅުވީ، ދިރާސީ އަހަރު ދަންމައިލަން ނިންމީ މި ކަމުގައި ބޭރު ގައުމުތަކުން ވެސް ކަންތައް ކުރަމުން އައި ގޮތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ލޮކްޑައުންކޮށް، ސްކޫލްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވީ މިދިޔަ ޖުލައި މަހުގަ އެވެ. އޭރު މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި ކިޔަވައި ދޭން ފެށި އެވެ. ނަމަވެސް މާލެ ސަރަހައްދުން ސްކޫލްތައް ހުޅުވަމުން ދިޔައީ، އެ ވަގުތެއްގައި ހާލަތު ހުރި ގޮތަށް ބަލާފައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެމުން އައި ލުއިތަކާ އެއްގޮތަށެވެ. މާލެ ސަރަހައްދުގެ ގިނަ ގްރޭޑްތަކުގެ ދަރިވަރުން މާދަމާ ސްކޫލަށް ދާނީ، މިދިޔަ މާޗު މަހު ސްކޫލަށް ދިއުމަށް ފަހު އަލަށެވެ.

ދިރާސީ އަހަރު ދަންމައިލުމުގެ ކުރިން ތައުލީމީ ދާއިރާއާ ގުޅޭ ބޭރު ޖަމިއްޔާތަކުން ކުރިއަށް ގެންދިޔަ އެތައް ސެމިނާތަކުގަ އާއި ވެބިނާތަކުގަ މިނިސްޓްރީން ބައިވެރިވި ކަމަށް ވެސް ފާތިމަތު ނަސީރު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން މި ނިންމި ނިންމުމަކީ ހަމަ ކުދިންނަށް ވެސް ފައިދާ ކުރާނެ ނިންމުމެކޭ،" އޭނާ ވިދާޅުވި އެވެ.

މި ކަމާ ގުޅިގެން ބެލެނިވެރިންގެ ބައެއް ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ފާތިމަތު ނަސީރު ވިދާޅުވީ ކިޔެވުން ނިންމާ އުމުރަކަށް މި ނިންމުމާ އެކު އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން، އޯލެވެލް ނިންމުމަށް ފަހު އޭލެވެލް ކިޔެވުމާ ދޭތެރޭ ފަސް ވަރަކަށް މަސް ދަރިވަރުން ހުސްކޮށް ތިބޭ ކަމަށާއި ނަމަވެސް މި ނިންމުމާ އެކީ، އެހާ ގިނަ ދުވަހު ސްކޫލަށް ނުގޮސް ހުންނަން ނުޖެހޭނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މި ބަދަލުކުރާ ބަދަލުކުރުމާ ގުޅިގެން އަޅުގަނޑުމެންގެ ކުދިން އޯލެވެލް ނިންމާނީ ޖޫން ޖުލައި ހިސާބުގައި. ނިމިގެން އޭ ލެވެލް އަށް ޖޮއިން ކުރާނެ އޮގަސްޓް ހިސާބުގައި،" ފާތިމަތު ވިދާޅުވި އެވެ.

ސްކޫލަކީ ހަމައެކަނި ކިޔަވާ ތަނެއް ނޫން ކަމަށާއި އެއީ ގިނަ އިޖްތިމާއީ ހުނަރުތައް ވެސް ދަސްކުރާ ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ދިމާވި ހާލަތާއި އެކު ކިޔެވުމަށް ލިބުނު ގެއްލުމުގެ އިތުރުން އިޖްތިމާއީ ކަންކަމަށް ވެސް ނޭދެވޭ އަސަރު ކުރި ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އޮންލައިންކޮށް ކިޔަވާދިނުމުން ދަރިވަރުންނަށް ފިލާވަޅުތައް ދަސްވީ ކިހާވަރަކަށް ކަން ދެނެގަންނަން އުނދަގޫ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވެ މި ގޮތަށް ބަލާ އިރު އަޅުގަނޑުމެން ހަ މަސް އިތުރުކޮށްގެން މި ގެންދާ ގެންދިއުމުން އަޅުގަނޑު ދަންނަވާނީ، އިތުރު މަސައްކަތްތަކެއް ކޮށްގެން ކުދިންނަށް ގެއްލުނު ކިޔެވުން އަލުން ހޯދައިދެވޭނެ އޭ،" ފާތިމަތު ވިދާޅުވި އެވެ.