ރަންބީރް ފިލްމު ކުޅޭ އަގު ބޮޑެއް ނުކުރޭ
ރަންބީރް ފިލްމު ކުޅޭ އަގު ބޮޑެއް ނުކުރޭ

މި ފަހުން ބޮލީވުޑްގެ ބައެއް އެކްޓަރުން ފިލްމު ކުޅޭ އަގު ބޮޑުކުރި ނަމަވެސް ރަންބީރް ކަޕޫރް އަގު ބޮޑުކުރި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ރަންބީރް އަގު ބޮޑުކުރަން ނިންމީ ބައެއް ސަބަބުތަކާ ހެދި ފިލްމުތަކުގެ ޝޫޓިން ދިގުލައިގެން ދިއުމާއި މަސައްކަތް ނިންމާ ފަހުން، ބައެއް ފިލްމުތަކަށް އަލުން މަންޒަރުތައް ޝޫޓްކުރަން ޖެހޭތީ އެވެ. އެހެންވެ ފިލްމުތަކުން އޭނާ ނަގާ އަގު މިހާރު ބޮޑުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

މިދިޔަ އަހަރު މަރުވި އެކްޓަރު ރިޝީ ކަޕޫރްގެ ދަރިފުޅު މިހާރު އެވްރެޖްކޮށް ފިލްމަކަށް ޗާޖްކުރަނީ 20 ކްރޯޑް ރުޕީސް (2.73 މިލިއަން ޑޮލަރު) އެވެ.

ރަންބީރް ކުޅެން ފަށާފައި ހުރި ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައި ވަނީ އޭނާގެ ވަރަށް ގާތް އެކުވެރިން ވެސް ކަމަށްވާ ކަރަން ޖޯހަރާއި ޑައިރެކްޓަރު އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" އެވެ. އެ ފިލްމުގެ މަސައްކަތް 2018 އިން ފެށިގެން ކުރަމުން އަންނަ އިރު، އަދިވެސް ރިލީޒްވާނެ ދުވަހެއް ވެސް ކަށަވަރެއް ނުވެ އެވެ.

ރަންބީރްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޝަމްޝޭރާ" އާއި ލަވް ރަންޖަންގެ ނަން އިއުލާންނުކުރާ ފިލްމެއްގެ އިތުރުން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ "އެނިމަލް" ހިމެނެ އެވެ.

ލަވްގެ ފިލްމުގެ ޝޫޓިން މި މަހުގެ ތެރޭގައި ރަންބީރް ފަށާނެ އެވެ. އެ ރޮމޭންޓިކް ކޮމެޑީގެ ބަތަލާ އަކީ ޝްރަދާ ކަޕޫރެވެ.

މި ފަހުން ފިލްމު ކުޅޭ އަގު ބޮޑުކުރި އެކްޓަރުންގެ ތެރޭގައި އަކްޝޭ ކުމާރާއި ވަރުން ދަވަނާއި ރަންވީރު ސިންގް އާއި ޝާހިދު ކަޕޫރާއި އަޔޫޝްމަން ކްރާނާ އަދި ކާތިކް އާރިޔަން ހިމެނެ އެވެ.