09 ޖެނުއަރީ 2021 - 10:24

މިއުނިކް (ޖެނުއަރީ 9) - ޖަރުމަނު ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އަތުން ފަހަތުން އަރައި 3-2 އިން ބޮރޫސިއާ މުންޗެންގްލަޑްބެކް މޮޅުވެއްޖެ އެވެ.
މި ނަތީޖާއާ އެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ޓީމަކީ އާރްބީ ލައިޕްޒިގެވެ. އެއީ އެ ޓީމު މިއަދު ކުޅޭ މެޗުން މޮޅުވެގެން ޕޮއިންޓް ޓޭބަލްގެ އެއް ވަނަ އަށް އަރަން ފުރުސަތު އޮތުމުންނެވެ. ބަޔާން މި ވަގުތު އެއް ވަނައިގައި އޮތީ 15 މެޗުން 33 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގަށް 14 މެޗުން ވަނީ 31 ޕޮއިންޓް ލިބިފަ އެވެ. ލައިޕްޒިގު މިއަދު ކުޅޭ މެޗުގައި ނުކުންނާނީ ޑޯޓްމަންޑާ ދެކޮޅަށެވެ.
މެޗުގެ 20 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ބަޔާނަށް ލީޑުނަގައިދިނީ ދާދި ފަހުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕޮލެންޑުގެ ސްޓްރައިކަރު ރޮބަޓް ލެވަންޑޯސްކީ އެވެ. އޭގެ ހަ މިނިޓް ފަހުން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ލެއޯން ގޮރެޓްޒްކާ ވަނީ ބަޔާނަށް ލީޑުފުޅާކޮށްދީފަ އެވެ.
މުންޗެންގްލަޑްބެކް އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ފުރަތަމަ ހާފުގެ ފަހު 10 މިނިޓް ތެރޭ ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ޔޮނަސް ހޮފްމަން ދެ ގޯލު ވެސް ޖެހީ ލާސް ސްޓިންޑަލް ތަނަވަސްކޮށްދިން ފުރުސަތުތަކުންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ މުންޗެންގްލަޑްބެކް މޮޅުވި ގޯލު ޖަހައިދިނީ ފްލޯރިއަން ނީހޯސް އެވެ.
ބަޔާންގެ ކޯޗުކަމާ ހަންސީ ފްލިކް ހަވާލުވި ފަހުން 60 މެޗުގެ ތެރެއިން ބަލިވީ ހަތަރު ފަހަރު އެވެ. އޭގެ ތެރެއިން ދެ މެޗުން އެ ޓީމު ވަނީ މުންޗެންގްލަޑްބެކް އަތުން ބަލިވެފަ އެވެ. ފްލިކް ބުނީ މުންޗެންގްލަޑްބެކް އިން މޮޅުވީ ބަޔާނަށް ހެދުނު ތިން ގޯހުގެ ފައިދާވީ އެންމެ ފުރިހަމަ އަށް ނަަގައިގެން ކަމަށެވެ.
"އަހަރެމެން ފުރަތަމަ 30 މިނިޓް ވަންދެން މުޅި މެޗު ކަހަލަ ގޮތަކަށް ކޮންޓްރޯލްކުރިން. އެކަމަކު ފަހުން އަހަރެމެންނަށް މުޅި ޖުމްލަ އެއްކޮށް މި މެޗުގައި ހެދުނީ ތިން މިސްޓޭކް. އޭގެން ކޮންމެ ފަަހަރަކު އެ މީހުން (މުންޗެންގްލަޑްބެކް) އިން ވަނީ ލަނޑު ޖަހާފައި،" ފްލިކް ބުންޏެވެ.
އޭނާ ބުނީ މި ފަަހަރުގެ ލީގު ކާމިޔާބުކުރާނަމަ ބަޔާނުން ޑިފެންސަށް އިސްކަންދީގެން ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ޖެހޭ ކަމަށެވެ.