އެސްޓަން ވިލާގެ ޒުވާން ޓީމު ބަލިކޮށް ލިވަޕޫލް އަނެއް ބުރަށް
އެސްޓަން ވިލާގެ ޒުވާން ޓީމު ބަލިކޮށް ލިވަޕޫލް އަނެއް ބުރަށް

ބާމިންހަމް (ޖެނުއަރީ 9) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ރޭ އެސްޓަން ވިލާ އިން ނެރުނު ޒުވާން ޓީމު އަތުން 4-1 އިން މޮޅުވެ ލިވަޕޫލް މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

އެސްޓަން ވިލާ އިން އެ ޓީމުގެ 23 އަހަރާއި 18 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންގެ ޓީމެއް ރޭގެ މެޗުގައި ނެރެން ޖެހުނީ ކޮވިޑް-19ގެ ސަބަބުން ސީނިއާ ޓީމުގެ ކުޅުންތެރިން އައިސޮލޭޝަނުގައި ތިބެން ޖެހުމުންނެވެ. އެފްއޭ ކަޕްގެ ކުރިން ކުރި ކޮވިޑް-19 ޓެސްޓްތަކުން އެސްޓަން ވިލާގެ 14 މީހެއް ޕޮޒިޓިވްވިއިރު، އޭގެ ތެރެއިން 10 ކޭސް އަކީ ކުޅުންތެރިންނެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ސަޑިއޯ މާނޭ ލިވަޕޫލަށް ލީޑުނަގައިދިން ނަމަވެސް ދެން ފުރަތަމަ ހާފުގައި ލިވަޕޫލަށް އިތުރު ގޯލެއް ނުޖެހުނެވެ. ފަބީނިއޯ އާއި މުހައްމަދު ސަލާހު ފޮނުވާލި ބޯޅަތައް އެސްޓަން ވިލާ ގޯލުގައި ހުރި އަކޯސް އޮނޯޑީ ވަނީ މަަތަކޮށްފަ އެވެ. ލިވަޕޫލުން ހައިލައިނުގައި ޑިފެންސް ކުރަމުންދަނިކޮށް އެސްޓަން ވިލާ އިން ވަނީ ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓައި 17 އަހަރުގެ ފޯވާޑް ލުއީ ބަރީގެ ގޯލުން އެއްވަރުކޮށްފަ އެވެ.

ލިވަޕޫލުން ދެ ވަނަ ހާފަށް ނުކުތީ ކެޕްޓަން ޖޯޑަން ހެންޑަސަންގެ ބަދަލުގައި ތިއާގޯ އަލްކަންޓާރާ ކުޅެން އަރުވައިގެންނެވެ. ތިއާގޯ އެރުވުމާ އެކު ލިވަޕޫލުގެ އެޓޭކްތަކުގައި ކުޅުން އަވަސްވި އެވެ. ނަތީޖާއަަކަށްވީ އެސްޓަން ވިލާގެ ކުޅުންތެރިންނަށް ޕްރެޝަރުގައި ގޯސްތަކެއް ހެދި ލިވަޕޫލުން ގާތްގާތުގައި ތިން ގޯލު ޖެހުމެވެ. އެގޮތުން ފަސް މިނިޓް ތެރޭ ލިވަޕޫލަށް ތިން ގޯލު ޖަހައިދިނީ ޖިއޮޖީނިއޯ ވައިނަލްޑަމް، މާނޭ އަދި ސަލާހެވެ. ސަލާހާއި މާނޭގެ ގޯލުތަަކަށް ފުރުސަތު ތަނަވަސްކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒެރްޑަން ޝަގީރީ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެސްޓަން ވިލާގެ ޒުވާން ކުޅުންތެރިން ކުރި މަސައްކަތަށް ތައުރީފުކުރާކަމައި އެހެން ނަމަވެސް މިއީ އޭނާގެ ކެރިއަރުގައި އިދިކޮޅަށް ނުކުންނަ ކުޅުންތެރިންގެ އެއްވެސް މައުލޫމާތެއް ނެތި މެޗަކަށް ނުކުތް ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ހާލަތުގެ ގޮތުން ލިވަޕޫލުން ވެސް ވަނީ އެސްޓަން ވިލާއާ ދެކޮޅަށް ޒުވާން ޓީމެއް ނެރެފަ އެވެ. އެއީ 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި ލިވަޕޫލްގެ ސީނިއާ ޓީމު ގަތަރުގައި އޮތް ކްލަބް ވޯލްޑް ކަޕް ކުޅެން ގޮސް އެ ގައުމުގައި ތިއްބައި އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލް މެޗު ތާވަލުކުރުމުންނެވެ. އެ ފަހަރު ލިވަޕޫލުން 23 އަހަރުން ދަށުގެ ޓީމު ގޮވައިގެން ކުޅުނު މެޗުން އެސްޓަން ވިލާ ވަނީ 5-0 އިން މޮޅުވެފަ އެވެ. އެ ފަހަރު ލިވަޕޫލް ޓީމަށް އިރުޝާދުދިނީ ރިޒާވް ޓީމާ އޭރު ހަވާލުވެހުރި ނީލް ކްރިޗްލީ އެވެ. ރޭ އެސްޓަން ވިލާ ޒުވާން ޓީމަށް ކޯޗުކޮށްދިނީ މާކް ޑެލަނީ އެވެ. އެއީ އެސްޓަން ވިލާގެ ކޯޗު ޑީން ސްމިތު ހުރި އައިސޮލޭޝަނުގައި ކަަމަށްވާތީ އެވެ.

އެފްއޭ ކަޕްގައި ރޭ ކުޅުނު އަނެއް މެޗުން ވުލްވްސް ވަނީ އެޑަމާ ޓްރައޯރޭގެ ގޯލުން 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ.