އަހަރުގެ ފުރަތަމަ ހަފުތާގައި 20،000 އަށްވުރެ ގިނަ ޓޫރިސްޓުން
އަހަރުގެ ފުރަތަމަ ހަފުތާގައި 20،000 އަށްވުރެ ގިނަ ޓޫރިސްޓުން

މިއަހަރުގެ ފުރަތަމަ ހަފުތާ ނިމުނު އިރު 20،612 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ކޮންމެ ދުވަހަކު 2،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރެ އެވެ. މިދިޔަ ހަފުތާފައި އެންމެ ގިނަ ޓޫރިސްޓުން އައީ އާދީއްތަ ދުވަހު އެވެ. އެއީ 4،195 ޓޫރިސްޓުންނެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެއީ 5،331 ޓޫރިސްޓުންނެވެ. މިއީ މިހާތަނަށް އައި ޓޫރިސްޓުންގެ 25.9 ޕަސެންޓެވެ.

ދެ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އިންޑިއާ އިން އައިސްފައި ވާއިރު އެ ގައުމުން މިހާތަނަށް 1،816 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އިންޑިއާ އަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ހަތަރު ވަނަ އަށް އެންމެ ގިނައިން ޔޫކްރޭނުން ޓޫރިސްޓުން އައިސްފައި ވާއިރު ހަތަރުވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ކަޒަކިސްތާނުންނެވެ. ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވި ފަހުން މި ދެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މި އަހަރުގެ މިހާތަނަށް 565 ޓޫރިސްޓު ފެސިލިޓީއަކުން އަންނަނީ ހިދުމަތް ދެމުންނެވެ. އެއީ 141 ރިސޯޓާއި 11 ހޮޓަލާއި 131 ސަފާރީ އާއި 282 ގެސްޓުހައުސް އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވާގޮތުގައި މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރާނެ އެވެ.