ގުންޑޮގާން މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފި
ގުންޑޮގާން މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފި

މެންޗެސްޓާ (ޖޫން 2) - ބޮރޫޝިއާ ޑޯޓްމަންޑުގެ މިޑްފީލްޑަރު އިލްކޭ ގުންޑޮގާން އިނގިރޭސި ގަދަބާރު މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފި އެވެ.

ސިޓީން ޖަރުމަނުގެ ބައިނަލްއަގްވާމީ ކުޅުންތެރިޔާ ގަތީ 21 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ ސިޓީއާ އެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ގުންޑޮގާން އަކީ ސިޓީގެ ކޯޗުކަމާ ބަޔާން މިއުނިކުގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ހަވާލިވިފަހުން އެ ޓީމަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ.

ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އޭނާ އަށް ވަނީ ޔޫރޯގައި ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ. އަނިޔާ ރަނގަޅުވެގެން އޭނާ އަށް ކުޅެން ނުކުމެވޭނީ ސީޒަން ފަށައިގެން ދެ މަހެއްހާ ދުވަސް ފަހުންނެވެ.

ގުންޑޮގާން ވަނީ މިދިޔަ ފަސް އަހަރު ޑޯޓްމަންޑުން ހޯދި ގިނަ ކާމިޔާބީތަކުގައި ހިއްސާވެފަ އެވެ. އެގޮތުން އޭނާ އެ ޓީމާ އެކު ޖަރުމަން ލީގު އެއް ފަހަރު އަދި ޖަރުމަން ކަޕް ތިން ފަހަރު ކާމިޔާބުކުރި އެވެ. މީގެ އިތުރުން 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޑޯޓްމަންޑް ދަތުރުކުރިއިރު ގުންޑޮގާންގެ ހިއްސާ ބޮޑެވެ.