އެކްޓަރު އަދިތުޔާ ޕަންޗޯލީ އަށް ޖަލު ހުކުމެއް އަތުވެއްޖެ
އެކްޓަރު އަދިތުޔާ ޕަންޗޯލީ އަށް ޖަލު ހުކުމެއް އަތުވެއްޖެ

ފިލްމު އެކްޓަރެއްކަމަށްވާ އަދިތުޔާ ޕަންޗޯލީ އަހަރަށް ޖަލަށް ލުމަށާއި 20،000 ރުޕީސް އިން ޖޫރިމަނާ ކުރުމަށް އަނދޭރީ މެޓްރޯޕޮލިޓަން ކޯޓުން ހޮނިހިރު ދުވަހު ހުކުމް ކޮށްފި އެވެ.

މިއީ 2005 ގައި، ވެހިކަލް ޕާކް ކުރުމަށް އޮތް ޖާގައެއްގެ މައްސަލާގައި އަވަށްޓެރިއަކާ ކުރި ޒުވާބެއްގައި އެމީހާއަށް ހަމަލާދިނުމުގެ ސަބަބުން އޭނާއަށް އައި ހުކުމެކެވެ.

އަދިތުޔާ ޕަންޗޯލީ ޖަލަށް ލާން ހުކުމް ކުރުމާ އެކު އޭނާގެ ގާނޫނީ ވަކީލު ވަނީ އޭނާގެ ބެއިލްގެ ކަންތައް ހަމަޖެއްސުމަށްފަހު ކަފާލާތުގެ ދަށުން އޭނާ މިނިވަންކޮށްގެން ގެއަށް ގެންގޮސްފަ އެވެ.

މީގެ ކުރިން ވެސް އެކި މީހުންނަށް ހަމަލާދީގެން ޕަންޗޯލީއާ ދެކޮޅަށް ތަފާތު މައްސަލަތައް މީހުން ޖައްސާފައިވެ އެވެ.

އެގޮތުން އޭނާ ކުރިން ރައްޓެހިވެގެން އުޅުނު ބަތަލާއެއް ކަމަށްވާ ޕޫޖާ ބޭދީ ވެސް ވަނީ ޕަންޗޯލީ އޭނާގެ މެއިޑް ރޭޕްކުރިކަމަށް ބުނެ މައްސަލަ ޖައްސާފަ އެވެ. އަދި ކަންގަނާ ރަނާވަތު އާއި ޕަންޗޯލީގެ ލޯބީގެ ގުޅުމުގެ ވާހަކަ ތަކަކީ ވެސް ވަރަށް މަޝްހޫރުވެގެން ދިޔަ ވާހަކަ ތަކެކެވެ.

"ހީރޯ" އިން ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީއާ އެކު ބޮލީވުޑަށް ތައާރަފްވި ސޫރަޖް ޕަންޗޯލީ އަކީ އަދިތުޔާ ޕަންޗޯލީގެ ދަރިއެކެވެ. ސޫރަޖްގެ މައްޗަށް ވެސް މިހާރު ވެސް ކޯޓުގައި ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އޭނާ ރައްޓެހިވެގެން އުޅުނު ބަތަލާއެއް ކަމަށްވާ ޖިއާ ޚާން އަމިއްލައަށް މަރުވުމުގައި ސޫރަޖްގެ ދައުރެއް އޮތް ކަމަށް ބެލެވިގެންނެވެ. އޭނާ ވެސް މިވަގުތު މިނިވަން ވެފައި ހުރީ ކަފާލާތުގެ ދަށުންނެވެ.