07 ޖެނުއަރީ 2021 - 14:19

ޝީ ބިލްޑިންގައި މިދިޔަ މަހު ބޭއްވި ކައިވެނި ޕާޓީއަކާ ގުޅިގެން އުފެދުނު ކްލަސްޓާއިން، މިހާތަނަށް 92 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ކައިވެނި ޕާޓީ އަށް ދިޔަ ގިނަ ބަޔަކަށް ކޮވިޑް ޖެހުނީ، ބަލީގެ އަލާމާތްތައް ހުރި އެންމެ މީހަކު އެ ތަނަށް ދިއުމުންނެވެ. މި ހަފްލާ އަށް 120 މީހަކު ދިޔަ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކޮންޓެކްޓުން ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެވި، 260 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. ނަމަވެސް މިހާރުު އެ އަދަދު އިތުރުވުން އެކަށީގެންވެ އެވެ.
މި ކްލަސްޓާގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 18 އަހަރު ނުވާ ގިނަ ކުދިންތަކެއް ވެސް ހިމެނެ އެވެ. ހައި ރިސްކު ކެޓަގަރީގެ ބަޔަކު ވެސް ޕޮޒިޓިވްވި އެވެ.
މިއީ މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް ކްލަސްޓާ އެވެ. ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ފަސް ބިދޭސީ އަކު ހިމެނެ އެވެ. އެއީ ސްލޮވޯކިއާ އަދި ކޮލޮމްބިއާގެ ދެ އަންހެނަކާއި ބަންގްލަދޭޝް ދެ ފިރިހެނަކާއި ސްރީ ލަންކާ ފިރިހެނެކެވެ.