07 ޖެނުއަރީ 2021 - 13:06

އެމެރިކާގެ ކޮންގްރެސްގެ މައި އިމާރާތަށް ގަދަކަމުން ބަޔަކު ވަދެގަނެ، މަސައްކަތްކުރީ ބަޣާވާތެއް ކުރަން ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނު ހަމަނުޖެހުމަށް އިޝާރާތް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ ބަޣާވާތް ކުރާގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ތަޖުރިބާ ކުރައްވާފައިވާ ކަމަށެވެ.
"އެމެރިކާގައި މިހާރު ހިނގަމުންދާ ހަމަ ނުޖެހުމަކީ ބަޣާވާތް ކުރަން އުޅުން ނޫން އެހެން ކަމެއް ނޫން،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ހަމަނުޖެހުމުން އަސަރު ކުރާނީ އެމެރިކާގެ ޑިމޮކްރަސީ އަށް އެކަނި ނޫން ކަމަށާއި ޑިމޮކްރެޓިކް މިނިވަން ކަމާއި އުސޫލުތަކަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށެވެ.
މިދިޔަ މަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން ވަނީ ކާމިޔާބު ކުރައްވާފަ އެވެ. އިންތިޚާބުން ނާކާމިޔާބުވިކަން އަދިވެސް ގަބޫލު ނުކުރައްވާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން މިއަދު ކޮންގްރެސް އިމާރާތަށް ވަދެގަނެ ހަމަނުޖެހުން ހިންގީ، އެ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ބަލައިގަތުމަށް ކޮންގްރެސްގެ ބައްދަލުވުން ބާއްވަމުން ދަނިކޮށެވެ.
އެމެރިކާގެ މީޑިއާތަކުން ބުނި ގޮތުގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވި ބޭފުޅަކީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ވައިޓް ހައުސްގެ ދެކުނުން އޮންނަ އެލިޕްސް ޕާކުގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވަނީ އިންތިޚާބުގެ ބަލި ގަބޫލް ނުކުރައްވާނެ ކަމަށް ސަޕޯޓަރުންނަށް ތަކުރާރުކޮށް ދަންނަވައިފަ އެވެ.
ސަޕޯޓަރުން ކޮންގްރެސް އިމާރާތާ ދިމާލަށް ދާން ފެށުމުން ޓްރަމްޕް ވަނީ "އެ މީހުންނާ އެކު އެމަނިކުފާނު ވެސް ހުންނަވާނެ" ކަމަށް ވިދާޅުވެފަ އެވެ.
ފެބުރުއަރީ 2012، 7ގައި ރައީސް ކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވީ އެ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި "މަޖުބޫރުވެ" ވަޑައިގަތުމުން ކަމަށް މީގެ ކުރިން އެމަނިކުފާނު އެތައް ފަހަރަކު ވަނީ ވިދާޅުވެފަ އެވެ. ނަޝީދުގެ ވެރިކަން ވެއްޓުނީ ސަރުކާރާ ދެކޮޅަށް އާންމުން ކުރަމުން ދިޔަ ސިލްސިލާ މުޒާހަރާތަކާ ބައެއް ފުލުހުންނާއި ސިފައިން ގުޅި، އެންމެ ފަހުން ނަޝީދުގެ އިސްތިއުފާ އަށް ގޮވައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމަށް ފަހުގަ އެވެ.
އޭގެ ފަހުން، މާލެ އާއި ގިނަ ރަށްރަށުގައި ހުޅުޖެހުމާއި ސަރުކާރުގެ އިދާރާތަކަށް ގެއްލުން ދިނުން ފަދަ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި އެވެ. އެމްޑީޕީ އާއި ނަޝީދު، އަބަދު ވެސް ގަބޫލު ކުރައްވާ ގޮތުގައި ފެބުރުއަރީ ހަތެއްގައި ހިންގީ ބަޣާވާތެކެވެ.