07 ނޮވެމްބަރ 2016 - 06:11

އިންޑިޔާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޔުވްރާޖް ސިންގް އާއި ބައެއް ހިންދީ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާ ހޭޒަލް ކީޗްގެ ކައިވެނީގެ ދައުވަތު ކާޑު ބަހަން ފަށައިފި އެވެ. މި މަހު ކުރުމަށް ހަމަޖެހިފައިވާ މި ކައިވެނީގެ ދައުވަތު ކާޑު އާދައިގެ ކާޑުތަކާ ވަރަށް ތަފާތެވެ.
ކައިވެނީގެ އެކި ރަސްމިއްޔާތުތަކަށް ދައުވަތު ދީ ތައްޔާރުކޮށްފައިވާ މި ކާޑުގައި ވަނީ ދެ މީހުންގެ ކާޓޫނު ގޮތަށް ކުރަހާފައިވާ ފޮޓޯތަކެއް ޖަހައިފަ އެވެ. ގިނަ ބަޔަކު ބުނަނީ މިއީ ވަރަށް މޮޅު އެހާމެ އާ ޚިޔާލަކަށް ތައްޔާރުކޮށްފައިވާ ކާޑެއް ކަމަށެވެ.
ޔުވްރާޖް އާއި ހޭޒަލް ވަނީ ނޮވެމްބަރު 30 ވަނަ ދުވަހު އިންޑިއާގެ ޗަންދީގަޅް ގައި ކައިވެނިކޮށްފަ އެވެ.
ޔުވްރާޖް އާއި ހޭޒަލް ބައްދަލުވީ ސޯޝަލް މީޑިއާ އިންނެވެ. ޔުވްރާޖް ބުނެފައިވާ ގޮތުގައި ހޭޒަލްއާ ރައްޓެހިވާން އެއްބަސްވީ އަހަރެއްހާ ދުވަހުގެ މަސައްކަތުންނެވެ.
ޔުވްރާޖް އަކީ ތަންކޮޅެއް ކުރިން ކެންސަރު ބައްޔަށް ފަރުވާ ހޯދާފައިވާ މީހެކެވެ. އަދި ބަލި މުޅިން ފަސޭހަވުމަށް ފަހު އެ ބައްޔާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އޭނާ ވަރަށް ގިނަ ކެމްޕެއިންތައް ހިންގައިފަ އެވެ.
ހޭޒަލް ކުޅެފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި 2007 ގައި ނުކުތް "ބިއްލާ" އާއި 2011 ގައި ނުކުތް "ބޮޑީގާޑް" ފާހަގަކޮށްލެވެ އެވެ.
ކައިވެންޏަށްފަހު ފިލްމު ކުޅުން ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ހޭޒަލް މިހާތަނަށް އެއްޗެކޭ ބުނެފައެއް ނުވެ އެވެ.