07 ޖެނުއަރީ 2021 - 12:10

ރޭ އަވަހާރަވިި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒު ފަހުމީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ، އާއިލާއާއެކު ލ. އަތޮޅަށް ވަޑައިގެން ހޯމް ކަރަންޓީނުގައި ހުންނަވަނިކޮށް ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ޝަރުއީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުޖުތާޒު 61، އަވަހާރަވީ ހާލު ދެރަވެގެން މާލެ ގެނެސް ފަރުވާ ދެނިކޮށް ރޭ ދަންވަރު 2:00 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.
މުޖުތާޒުގެ އާއިލާގެ ބޭފުޅަކު ވިދާޅުވީ، ލ. ކުނަހަންދުއާ އެއްފަޅެއްގައި އޮންނަ، ދަނޑުވެރިކަމަށް ދޫކޮށްފައި އޮންނަ ކުޑަފުއްޓަށް، ކުރީގެ ފަނޑިޔާރު ވަޑައިގަތީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ. އަނބިކަނބަލުންނާއި ބައެއް ބޭފުޅުން އަދި ކާފަ ވިދާޅުވާ ބޭފުޅުންނާ ވެސް އެކުގައި ވަޑައިގެންނެވި އިރު، މުޖުތާޒުގެ ހާލު ރަނގަޅެވެ. އެކަމަކު، ކަރަންޓީނުގައި ހުންނަވާތާ ފަސް ވަނަ އަށް ވީ ދުވަހު، ބޮލުގައި ރިއްސައި، ހުން އަންނާތީ ކުނަހަންދޫ ސިއްހީ މަރުކަޒަށް އެންގެވީ އެވެ.
އެނގިފައިވާ ގޮތުގައި ސިއްހީ މަރުކަޒުން މުޖުތާޒަށް އެންމެ ފުރަތަމަ ފޮނުވީ ބޭހެވެ. ޖެހިގެން އައި ދުވަހު، ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގި އެވެ. އެކަމަކު، ނަތީޖާ ސާފުނުވުމުން، ދެ ދުވަސް ފަހުން އަނެއްކާ ވެސް ސާމްޕަލް ނެގި އިރު، ކޮވިޑަށް ޕޮޒިޓިވް އެވެ.
މިދިޔަ ހޯމަ ދުވަހު މުޖުތާޒު ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ހާލު އެހާ ގޯހެއް ނޫނެެވެ. އެކަމަކު، އެތަނުގައި އެޑްމިޓް ކުރި ފަހުން، ނޭވާ އަށް އުނދަގޫވެ ހާލު ގޯސްވާން ފެށީ ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެ އެވެ.
ގަމު ހޮސްޕިޓަލުން އިއްޔެ ވަނީ މުޖުތާޒް ވެންޓިލޭޓަރު ގުޅައި މާލެ ފުރުވާލައިފަ އެވެ. ކޮވިޑްގެ ބަލި މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ހާއްސަކޮށްފައިވާ ފެސިލިޓީގައި ފަރުވާދިން އިރު ފަހުން މުޖުތާޒު އޮންނެވީ ވެންޓިލޭޓަރަކު ނޫނެވެ.
އެނގިފައިވާ ގޮތުގައި މުޖުތާޒަކީ ހިތުގެ އާލާސްކަންފުޅާ އުޅުއްވި ބޭފުޅެކެވެ. އެހެންވެ، ކޮވިޑް-19ގެ މުޅި ބަލިމަޑުކަމުގެ ތެރޭގައި ވެސް އުޅުއްވީ ސިއްހީ ކަންކަމަށް ވަރަށް ބޮޑަށް ވިސްނަވައިގެންނެވެ.
"ހައި ރިސްކުގެ ބޭފުޅަކަށް ވާތީ މުޅި މި ބަލިމަޑުކަމުގެ ތެރޭގައި ވެސް ދޮންބެ އުޅުއްވީ ހަމަ ގޭގައި. އެއްގޮތަކަށް ވެސް ބޭރަކަށް ވަޑައެއް ނުގަންނަވާ. ލާމަށް މި ވަޑައިގެންނެވީ ވެސް (ކޮވިޑްގެ) ހާލަތު ތަންކޮޅެއް ރަނގަޅުވުމުން، ހިތްހަމަ ޖައްސަވައިލެއްވުމަށް،" އާއިލާ އިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މުޖުތާޒުގެ އާއިލާ އިން ވަރުވާ އަށް ނަންގަވާފައިވާ ކުޑަފުށީގައި އެ ބޭފުޅުން ތިއްބެވީ އާއިލާގެ އެހެން ބޭފުޅުންނާ ވަކިންނެވެ. އަނބިކަނބަލުންނާއެކު މުޖުތާޒު ވަކި ކޮޓަރިއެއްގައި ހުންނެވި އިރު، އެހެން ބޭފުޅުން ތިއްބެވީ އެ ރަށުގެ އެހެން ތަނެއްގަ އެވެ. މުޖުތާޒު ފިޔަވައި އެހެން ބޭފުޅުން ކޮވިޑަށް ނެގެޓިވް އެވެ.
އާއިލާ އިން ދެކޭ ގޮތުގައި، މީގެ ކުރިން އެއްގޮތަކަށް ވެސް ބޭރަށް ނުކުމެވަޑައި ނުގަންނަވާތީ، މުޖުުތާޒަށް ބަލި ޖެހިވަޑައިގަތީ އެއާޕޯޓުގެ ތެރެއިން ނުވަތަ ބޯޓުގެ ތެރެއިން ކަމަށް ބެލެވެ އެވެ.
މުޖުތާޒުގެ މަންމާފުޅަކީ ކުނަހަންދޫ މީހެކެވެ. އާއިލާގެ އެހެން ބައެއް ބޭފުޅުން ވެސް އެ ރަށަށް ނިސްބަތްވާތީ، ވަރަށް ގިނައިން ރަށަށް ވަޑައިގަންނަވަ އެވެ. މުޖުތާޒު އެ ރަށަށް އެންމެ ފަހުން ވަޑައިގަތީ ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްކޮޅެއް ކުރިންނެވެ.
"މުޖުތާޒުގެ އާއިލާ އޮންނާނެ މި ރަށުގައި. އެހެންވެ، މި ރަށަށް ގިނައިން ވަޑައިގެންނަވާ، އެންމެންނާ ވެސް ގާތްކޮށް އުޅުއްވި ބޭފުޅެއް އެއީ،" ކުނަހަންދޫ ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.
މުޖުތާޒަކީ ސެޕްޓެމްބަރު 18، 2008 އިން އޮގަސްޓް 10، 2010 އާ ހަމަޔަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ހުންނެވީ 29 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާ ކުރައްވައިގެންނެވެ.