ބާސެލޯނާ އަށް އުއްމީދެއް
ބާސެލޯނާ އަށް އުއްމީދެއް

ބިލްބާއޯ (ޖެނުއަރީ 7) – ލިއޮނަލް މެސީގެ ދެ ގޯލާ އެކު އެތުލެޓިކް ކްލަބް 3-2 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ތިން ވަނަ އަށް އަރައި ތަށްޓަށް ކުރާ މަސައްކަތުގައި ކޮންމެވެސް ވަރެއްގެ އުއްމީދެއް ހޯދައިފި އެވެ.

ބާސެލޯނާ ތިން ވަނައިގައި އޮތީ 17 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 17 މެޗުން ވަނީ 36 ޕޮއިންޓް ލިބިފަ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް 15 މެޗުން 38 ޕޮއިންޓް ހޯދާފައިވާއިރު އެ ޓީމުގެ އަތުގައި ދެން އޮތް ދެ މެޗުން މޮޅުވެގެން ފަރަގު ބޮޑުކޮށްލެވޭނެ އެވެ.

ރޭގެ މެޗުގެ ތިން ވަނަ މިނެޓުގައި ވިލިއަމްގެ ގޯލުން އެތުލެޓިކް ކްލަބުން ލީޑު ނެގި އެވެ. ބާސެލޯނާ އަށް 14 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ޕެޑްރީ އެވެ. ބާސެލޯނާ އަށް ލީޑު ނަގައިދީ އަދި ފުޅާކޮށްދިނީ 38 ވަނަ މިނެޓާއި 62 ވަނަ މިނެޓުގައި މެސީ އެވެ. އެތުލެޓިކް ކްލަބުން 90 ވަނަ މިނެޓުގައި މުނިއަން ޖެހި ގޯލުން ބާސެލޯނާ ހާސްކޮށްލި ނަމަވެސް ނަތީޖާ އަށް ބަދަލެއް ނުގެނެވުނެވެ.

މި މޮޅަށް ފަހު ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ އަދިވެސް އެ ޓީމަށް ލީގު ލިބިދާނެ ކަމަށާއި އަބަދުވެސް ފުރުސަތެއް އޮންނާނެ ކަމަށެވެ. އަދި މިއީ ދިގު ސީޒަނެއް ކަމުން ރަނގަޅު ދުވަސްތަކާއި ގޯސް ދުވަސްތައް އަންނާނެ ކަމަށް އޭނާ ބުންޏެވެ.

"މި ޓީމު އަންނަނީ ކުރިއަރަމުން. އިތުބާރާ އެކު އަންނަނީ ކުޅެމުން. ބައެއް ފަހަރު އެބަ ފެނޭ ޓީމުގެ އެންމެ މޮޅު ކުޅުމާ ގާތަށް ދެވޭ މަންޒަރު ވެސް،" ކޫމަން ބުންޏެވެ.