07 ނޮވެމްބަރ 2016 - 06:07

ޝާހްރުކް ޚާނަށް ބޮލީވުޑްގެ ރަސްގެފާނުގެ ނަމުން ވެސް މުޚާތަބު ކުރިޔަސް ނާކާމިޔާބު ފިލްމުތައް ވެސް އޭނާ އުފައްދާފައިވެ އެވެ.

ޝާހްރުކްގެ އެންމެ ފަހުގެ ފިލްމު "ފޭން" އަކީ ވެސް ކާމިޔާބު ފިލްމެއް ނޫނެވެ. ފިލްމުތަކުގެ ރިވިއުތަކުގައި ވެސް ބުނެފައި ވަނީ ފިލްމަކީ އެވްރެޖް ފިލްމެއް ކަމަށެވެ. ކޮންމެއަކަސް މި ފިލްމުގެ ތަޖުރިބާއިން އިތުރު އިބުރަތް ހާސިލުކުރަމުން ޝާހްރުކް ވަނީ އޭނާގެ ދެން ހުރި ފިލްމުތަކުގެ މަސައްކަތް ފަށައިފަ އެވެ.
ޓީވީ ޗެނަލަކަށް ޝާހްރުކް ދީފައިވާ އިންޓަވިއުއެއްގައި، "ފޭން" ފްލޮޕްވުމުން ކުރި ތަޖުރިބާގެ ވާހަކަ ކިޔައިދީފައިވެ އެވެ. ޝާހްރުކް ބުނި ގޮތުގައި ވަރަށް ބުރަ މަސައްކަތުން އުފައްދާ ފިލްމެއް ރަނގަޅަށް ނުހިނގުމަކީ ހިތް ހަލާކުވާ ކަމެކެވެ. ހުރިހާ ފިލްމެއް ރަނގަޅަށް ނުހިނގާނެކަން އެނގޭ ކަމަށާއި ނަމަވެސް "ފޭން" އަކީ ވަރަށް ޚާއްސަ ފިލްމަކަށް ވާތީ އެ ފިލްމަށް އެކަށީގެންވާ ކާމިޔާބެއް ނުލިބުމުން މާބޮޑަށް ދެރަވެ ރޮވުނު ކަމަށް ވެސް ޝާހްރުކް ބުނެފައިވެ އެވެ.
އޭނާ ބުނި ގޮތުގައި އެ ފިލްމު ނުހިނގި ސަބަބުތައް ހޯދަން މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
"ފޭން" ނާކާމިޔާބުވުމަކީ އާ ވައްތަރުގެ ރޯލުތައް ކުޅެން ޖެހިލުންވި ސަބަބެއްތޯ ޕްރެޒެންޓަރު ސުވާލުކުރުމުން ޝާހްރުކް ބުނީ އޭނާ ފެއިލްވާ ކޮންމެ ފަހަރަކު އިތުރަށް މަސައްކަތްކުރުމުގެ ރޫހެއް އަށަގަންނަ ކަމަށެވެ. އަދި މީހަކު ކަމެއް ނުކުރާށޭ ބުނެފި ނަމަ އޭނާ އެކަމެއް ކޮންމެހެންވެސް ކުރާ ކަމަށާއި އެއީ އޭނާގެ ގައިގައި ހުންނަ ސިފައެއް ކަމަށް ވެސް ޝާހްރުކް ބުނެފައި ވެއެވެ.